ޒުވާނަކު މަރުވި އެކްސިޑެންޓްގައި މަޑުނުކޮށް ދިއުމުން ހައްޔަރުކުރި މީހާގެ ބަންދަށް 10 ދުވަސް ޖަހައިފިއެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، އޭނާ ވަނީ ތުހުމަތުތަކަށް އިންކާރު ކޮށްފައެވެ.
މިދިޔަ ބުދަ ދުވަހުގެ ރޭ ޒުވާނަކު މަރުވި އެކްސިޑެންޓްގައި މަޑުނުކޮށް ދިޔަ މީހާ ފުލުހުން ހައްޔަރުކޮށްފައިވަނީ މިދިޔަ މަހުގެ 31 ގައެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓު ޢަމުރެއްގެ ދަށުންކަމަށެވެ. މި މައްސަލާގައި ހައަޔަރުކޮށްފައިވަނީ ޢުމުރުން 26 އަހަރުގެ ދިވެހި ފިރިހެނެއްކަމަށްވެސް ފުލުހުން ބުންޏެވެ.
ބުދަ ދުވަހުގެ ރޭ ހިނގި އެކްސިޑެންޓްގައި ވަނީ ޢުމުރުން 22 އަހަރުގެ ޒުވާނަކު މަރުވެފައެވެ. ފުލުހުން ބުނީ، މިއެކްސިޑެންޓް ހިނގީ ގަލޮޅު ހުވަފެނީ ގޯޅީގައި ބާވާފައި އޮތް ގާޑިޔާއެގައި އެމަގުން ދުއްވާފައި ދިޔަ ސައިކަލެއް ޖެހިގެން ކަމަށެވެ. އެކްސިޑެންޓުގައި މަރުވީ ގާޑިޔާގައި ޖެހުނު ސައިކަލުގެ ފަހަތުގައި އިން ޒުވާނެކެވެ. އޭނާ މަރުވީ އެކްސިޑެންޓުގައި ލިބުނު ޒަޚަމްތަކަށް އޭޑީކޭގައި ފަރުވާދެ،މުން ދަނިކޮށެވެ.
މި ނުރައްކާތެރި އެކްސިޑެންޓުގައި ހިމެނޭ ސައިކަލް ދުއްވި މީހާވަނީ އެޗްސިޑެންޓްވުމާއެކު އެސަރަހައްދުގައި މަޑުނުކޮށް ގޮސްފައިކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލައާއި ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.
ކޮމެންޓު ފޮނުވާ