މިނީ ބަހުގެ ޚިދުމަތް ފެށިފައިނުވަނީ ބަޖެޓް ނުލިބިގެން: ނަހުލާ

މިނީ ބަހުގެ ޚިދުމަތް ފެށިފައިނުވަނީ ބަޖެޓް ނުލިބިގެން: ނަހުލާ

Author
މުޙައްމަދު ޖިމީ
02 ޖޫން 2021 08:59
0

ރާއްޖެއަށް މިނީ ބަސްތަކެއް ގެނެސް ފެށުމަށް ހަމަޖެހިފައިވާ ޕަބްލިކް ޓްރާންސްޕޯޓްގެ ޚިދުމަތް މިހާތަނަށް ފެށިފައިނުވަނީ ބަޖެޓް ނެތިގެންކަމަށް ޓްރާނސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން މިނިސްޓަރ އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ކުރަމުން އަންނަ މަސައްކަތްތަކާއި ގުޅޭގޮތުން އޮންލައިންކޮށް ރައްޔިތުންގެ މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީން ބޭއްވި ބައްދަލުވުމުގައި މިނިސްޓަރ ނަހުލާ ވިދާޅުވީ، މިނީ ބަހުގެ ޚިދުމަތަކީ ވަރަށް އިސްކަމެއް ދީގެން ފެށުމަށް މަސައްކަތްކުރާ ޚިދުމަތެއްކަމަށެވެ. އެ ޚިދުމަތް ފެށުމަށް އެހީ ހޯދުމުގެ މަސައްކަތްކުރަމުން އަންނަކަމަށާއި، އެގޮތުން ފޮރިން މިނިސްޓްރީގެ ސަމާލުކަމަށް ގެނެސް އދ.އާއި، އިންޑިއާގެ އެހީތެރިކަމަށް އެދިފައިވާކަމަަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ، އެ ޚިދުމަތް މިހާތަނަށް ފެށިފައިނުވަނީ، އެކަމަށް ބޭނުންވާ ބަޖެޓް ނުލިބިގެންކަމަށާއި، ތަކުރާރުކޮށް އެކަމަށް ބަޖެޓުން ގޮތެއް ހަމަަޖައްސަން އެދިފައިވާނެކަމަށެވެ. އެގޮތުން ރައީސް އޮފީހާއި ރައީސުލްޖުމްހޫރިއްޔާއާވެސް އެކަން ހިއްސާކުރައްވާފައިވާކަމަށް ނަހުލާ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، އެ ޚިދުމަތަށް މއިަހަރުގެ ބެޖޓުން 16 މިލިއަން ރުފިޔާ ހަމަޖެހުނުކަމަށެވެ. ނަމަވެސް އެއީ އެކަށީގެންވާ އަދަދެއް ނޫންކަމަށާއި، ޕަބްލިކް ޓްރާންސްޕޯޓްގެ ޚިދުމަތް ފެށުމަށް ދެބަސް ނުވަތަ ތިންބަސް ގެނެސްގެން ޚިދުމަތް ނުދެނޭކަމަށެވެ. އެހެންކަމުންއެ ބަޖެޓް ބަހައްޓާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ނަހުލާ ކުރިން ވިދާޅުވެފައިވަނީ މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި މިނީ ބަހުގެ ޚިދުމަތް މާލޭގައި ފެށުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. މާލޭގައި މިނީ ބަހުގެ ޚިދުމަތް ފެށުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ(އެމްޓީސީސީ)އާއި ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުއެވެ. މިކަމަށް ހަދަންޖެހޭ ފީސިބިލިޓީ ސްޓަޑީސްތައްވެސް ނިމިފައިވާކަމަށް އެމްޓީސީސީން ބުނެފައިވެއެވެ. ނަމަވެސް މިހާތަނަށްވެސް ޚިދުމަތް ނުފެށިވަނީ ބަޖެޓުގެ ދަތިކަމުގެ ސަބަބުން ކަމުގައިވެސް އެކުންފުނިން ބުނެފައިވެއެވެ.

މި ޚިދުމަށް ދިނުމުގައި ބޭނުންކުރަން ނިންމާފައި ވަނީ ތިމާވެއްޓާއި ރައްޓެހި އިލެކްޓްރޯނިކް މިނީ ބަހެވެ. ޓްރާންސްޕޯޓް މިނިސްޓްރީން މީގެކުރިން ވިދާޅުވެފައި ވަނީ މި ބަސްތައް ވާނީ މާލޭގެ މަގުތަކުގައި ދުއްވަން ފަސޭހަ 6 މީޓަރުގެ ކުދި ބަސްތަކެއްކަމަށާއި، މިއީ 16 މީހުންގެ ޖާގައިގެ ބަސްތައް ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.