ކައުންސިލްތަކުގެ ޑެޕިއުޓީ މޭޔަރާއި، ނާއިބު ރައީސުންނާއި، އަންހެނުންގެ ތަރައްްީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުންނާއި ނާއިބުން، މިމަހުގެ 20ގެ ކުރިން ކަނޑައެޅުމަށް، ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން އަންގައިފިއެވެ.
ސިޓީ ކައުންސިލްތަކަށާިއ، އަތޮޅު ކައުންސިލްތަކަށް އަދި ރަށު ކައުންސިލްތަކަށް އިންތިޚާބުކުރި ކައުންސިލަރުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުން ހުވައި ކުރެއްވީ މިދިޔަ މަހުގެ 17 ވަނަ ދުވަހުއެވެ. ކޯވިޑް-19އާއި ގުޅިިގެން ބައެއް ރަށްރަށުގައި އެ މެންބަރުން ހުވައި ކުރައްވާ ކައުންސިލް ބައްދަލުވުންތައް ބޭއްވީ އޮންލައިންކޮށެވެ. އެހެންކަމުން ނާއިބުން ވަނީ ކަނޑަނޭޅިއެވެ. ޤާނޫނު ބުނަގޮތުން އެ މަޤާމުތަކަށް މީހުން އައްޔަންކުރަންޖެހޭނީ ކައުންސިލް މެންބަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންކަމަށެވެ. އެހެންކަމުން އޮންލައިންކޮށް ހުވައިކޮށް ބައްދަލުވުންތައް ބޭއްވި ބައެއް ރަށްރަށުގައި ވަނީ ކައުންސިލްގެ ނާއިބުން ކަނޑަނޭޅިއެވެ. އަދި ސިޓީ ކައުންސިލްތަކުގެ ތެރެއިން ޑެޕިއުޓީ މޭޔަރަކު ކަނޑަނާޅައި މިހާތަނަށް އޮތީ މާލެ ސިޓީ ކައުންސިލް އެކަންޏެވެ.
އެލްޖީއޭއިން ބުނީ، މިމަހުގެ 20ގެ ކުރިން ކައުންސިލްތަކުގެ ނާއިބު ރައީސުންނާއި ޑެޕިއުޓީ މޭޔަރުން އަދި އަންހެނުންގެ ކޮމިޓިގެ ރައީސްއާއި ނާއިބު ރައީސުން ކަނޑައެޅުމަށް އަންގާފައިވާނެކަމަށެވެ. އެލްޖީއޭއިން ބުނީ މިހާރު ހުރިރާ ރަށެއްގައިވެސް އެރަށެއްގެ ކައުންސިލަށް އިންތިޚާބުވި މީހުން އެރަށެއްގައި ތިބެންވާނެކަމަށެވެ. އަދި ނެތް ނަމަ 14 ދުވަހުގެ ކަރަންޓިން މުއްދަތެއް ދިނުމަށްފަހު، މިމަހު 20 ކުރިން ނާއިބުުން ކަނޑައަޅަންވާނެކަމަށެވެ.
ކައުންސިލްތަކުގެ ތެރެއިން ޑެޕިއުޓީ މޭޔަރުގެ ވަދަވެރިކަން އެންމެ ބޮޑުވެފައިވަނީ މާލެ ސިޓީ ކައުންސިލްގައެވެ. އެގޮތުން އެކައުންސިލްގައި މޭޔަރާއެކު ހިމެނިވަޑައިގަންނަވާ 19 މެންބަރުންގެ ތެރެެއިން 12 މެންބަރުންނަކީ ޕީޕީއެމްގެ މެންބަރުންނެވެ. އެހެންކަމުން އޕާޓީން ޑެޕިއުޓީ މޭޔަރަކު ކަނޑައެޅުމުގައި ވަނީ ވާދަވެރިކަން ބޮޑުވެފައެވެ.
ޑެޕިއުޓީ މޭޔަރުކަމަށް މިހާތަނަށް ޝަޢުގުވެރިކަން ފާޅުކޮށްފައިވަނީ ވިލިމާލެ ދާއިރާގެ މެމްބަރު ނަހުލާ އަލީ އާއި، މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ނާސިރު (ހެރިންސް އައްލޮ) އާއި، ހުޅުމާލެ ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއުގެ އިތުރުން މާފަންނު މެދު ދާއިރާގެ މެމްބަރު އަހުމަދު ނަރީޝްއެވެ.
އޭޕްރީލް މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުން އެންމެ ގިނަ ގޮނޑި ކާމިޔާބުކުރީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީންނެވެ. އެގޮތުން އެމްޑީީޕީން 400 ގޮނޑި ކާމިޔާބުކޮށްފައިވާއިރު، އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ކާމިޔާބު ކުރީ 325 ގޮނޑިއެވެ.
އަލަށް އިންތިޚާބުވި ކައުންސިލަރުން މަގާމާ ހަވާލުވެފައިވާއިރު ލާމަރުކަޒީ ގާނޫނަށް މިހާރު ގެނެސްފައިވާ އިސްލާހުތަކާ އެކު ކައުންސިލްތަކަށް ވަނީ ގިނަ ބާރުތަކެއް ދީފައެވެ. އޭގެ ތެރޭގައި މާލީ މިނިވަންކަމާއި އަމިއްލައަށް ބޮޑެތި މަޝްރޫޢުތައް ހިންގުން ފަދަ ބާރުތައް ހިމެނެއެވެ. އަދި ކުރިން 3 އަހަރަށް އޮތް ކައުންސިލްގެ ދަޢުރު މިހާރުވަނީ 5އަހަރަށް އިތުރުކޮށްފައެވެ.
ކޮމެންޓު ފޮނުވާ