ސައީދު ސަރުކާރަށް: ރާއްޖެ ހިފަން ގޮވުމަކީ ޤައްދާރުވުންކަމުގައި ކަނޑައެޅުން "އެޖެންޑާ" ގެ ކުރިއައްލަމާތޯ؟

ސައީދު ސަރުކާރަށް: ރާއްޖެ ހިފަން ގޮވުމަކީ ޤައްދާރުވުންކަމުގައި ކަނޑައެޅުން "އެޖެންޑާ" ގެ ކުރިއައްލަމާތޯ؟

Author
މުޙައްމަދު ޖިމީ
01 ޖޫން 2021 11:02
0

ތިމާ ހިތްހަމަނުޖެހޭ ކޮންމެފަހަރަކު ބޭރުޤައުމުތަކުންނާއި ކުލީސިފައިން އަރާ އުފަންޤައުމު ހިފަންގޮވުމަކީ ޤައުމަށް ޤައްދާރުވުންކަމުގައި ކަނޑައެޅުން "އެޖެންޑާ" ގެ ކުރިއައްލުމަށް، ޕީއެންސީގެ ނާއިބު ރައީސް، އަދި މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ގޮވާލައްވައިފިއެވެ.

ސައީދު މިކަމަށް ގޮވާލައްވާފައި މިވަނީ، މުސްލިމަކު ކާފަރެއް ކަމަށް ތުހުމަތު ކުރުމާއިއެކު މީހަކާއި، ދެކޮޅަށް އަނިޔާވެރި ވުމަށް ގޮވާލުން ނުވަތަ އެފަދަ އަމަލަކަށް ހިތްވަރުދިނުން ނުވަތަ ބައިވެރިވުމަކީ ޖިނަޢީ ކުށެއްކަމަށް ކަނޑައެޅުމަށް ސަރުކާރުގެ ފަރާތުން ޤާނޫނުލް އުގޫބާތަށް އިޞްލާހެއް ހުށައަޅާފައިވާ ދަނޑިވަޅެއްގައެވެ. މި އިޞްލާހާއެކު ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މިއާއެކު މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސައީދު ރައީސް ޞާލިހާއި އެމްޑީޕީ ޓެގްކުރައްވާ ވަނީ، ތިމާ ހިތްހަމަނުޖެހޭ ކޮންމެފަހަރަކު ބޭރުޤައުމުތަކުންނާއި ކުލީ ސިފައިން އަރާ އުފަންޤައުމު ހިފަންގޮވުމަކީ ޤައުމަށް (މުތުލަޤަށް) ޤައްދާރުވުންކަމުގައި ކަނޑައެޅުން "އެޖެންޑާ" ގެ ކުރިއައްލުމަށް ގޮވާލައްވާފައެވެ.

ސައީދު މިހެން ވިދާޅުވެފައިވާއިރު، ރާއްޖޭގެ ސިޔާދަތަށް ހުރަސްއެޅޭ މިންވަރަށް ރާއްޖޭގެ މައްޗަށް އިންޑިއާއިން ބާރުފޯރުވަމުން އަންނަކަމުގެ ކަންބޮޑުވުން ގިނަ ފަރާތްތަތަކުން އަންނަނީ ފާޅުކުރަމުންނެވެ. މިގޮތުން ދާދި ފަހުން އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމުކުރުމަށް އެ ގައުމުގެ ކެބިނެޓުން ވަނީ ނިންމާފައެވެ. މިކަމާއި ގުޅިގެން ރައީސް ޞާލިޙް ވިދާލުވެފައިވަނީ،  އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމުކުރުމަކީ އެގައުމުގެ ނިންމުމެއް ކަމަށާއި، ދެ ގައުމުގެ ޑިޕްލޮމެޓިކް ގުޅުމުގެ ތެރެއިން އެއް ފަރާތުން އަނެއް ފަރާތަކަށް އެދޭ އެދުންތައް ފުރިހަމަކުރަން ދެކެވެން ޖެހޭ ވާހަކަތައް އެކަމުގައި ދެކެވޭނެކަމަށެވެ.

ރައީސް ވިދާޅުވީ، އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ރާއްޖޭގެ ހައިކޮމިޝަނެއް ހުންނަ އިރު، އެ ގައުމުގެ ޓްރިވެންޑްރަމްގައި ރާއްޖޭގެ ކޮންސިއުލޭޭޓެއް ހުންނަ ކަމަށާއި، އެހެންކަމުން އިންޑިއާގެ ނިންމުމާ ދޭތެރޭވެސް ވިސްނަންޖެހޭކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.