ކޯވިޑް-19އަށް ފަރުވާދެމުން އައި އިތުރު 4 މީހަކު ނިޔާވެއްޖެއެވެ.
މިއަދު ނިޔާވެފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން އައި 3 މީހަކާއި ބ.އޭދަފުށި ކޮވީޑް ފެސިލިޓީގައި ފަރުވާދެމުން އައި މީހެކެވެ. ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން އަންނަނިކޮށް ނިޔާވެފައިވަނީ 70 އަހަރުގެ ފިރިހެނަކާއި 50 އަހަރުގެ ފިރިހެނެއްގެ އިތުރުން 59 އަހަރުގެ އަންހެނެކެވެ. ބ.އޭދަފުށިން ނިޔާވީ ހުޅުއްދުއްފާރު މީހެކެވެ. އެއީ ޢުމުރުން 87 އަހަރުގެ ފިރިހެނެކެވެ. އޭނާ ނިޔާވީ ރޭ ފަތިހުއެވެ.
މިއާއެކު ރާއްޖެއިން ނިޔާވި މީހުންގެ ޢަދަދު ވަނީ 165އަށްއަރާފައެވެ. އޭގެތެރޭގައި ހިމެނެނީ 149 ދިވެހިންނާއި 16 ބިދޭސީންނެވެ.
ކޯވިޑް-19ގެ ނުރައްކާ ކުޑަކުރުމަށް މިހާރު އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކާއެކު، ކުރިއަށް އޮތް ދެހަފްތާގެ ތެރޭގައި ޕޮޒިޓިވް ކޭސްތައް ވަރަށް މަދުވިޔަސް، މަރުވާ މީހުންގެ އަދަދު އިތުރުވުމުގެ ފުރުޞަތު އެބައޮތްކަމަށް، ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުން ރޭވަނީ ބުނެފައެވެ. ނަމަވެސް ފިޔަވަޅުތަކަށް ރަނގަޅަށް ސަމާލުކަންދީ، އަދަދު މަދުކޮށްފިނަމަ ނުރައްކާ ކުޑަވެގެންދާނެކަމަށްވެސް ޓެގް ޓީމުން ބުނެފައިވެއެވެ.
ކޮމެންޓު ފޮނުވާ