ކޯވިޑް-19އާއި ގުޅިގެން އެޅި ފިޔަވަޅެއްގެ ގޮތުން، މާލެ ސަރަހައްދުގެ މިސްކިތްތަކުން ފެނާއި ކަރަންޓު ކަނޑާލާފައި ބެހެއްޓުމަށްފަހު، ފާޑުކިއުން ބޮޑުވެ، އަލުން މިސްކިތްތަކަށް ފެނާއި ކަރަންޓް ދީފިއެވެ.
މާލެ ސަރަހައްދުގައި ކޮވިޑްގެ ހާލަތު ގޯސްވެފައިވާއިރު ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އިސްލާމިކް މިނިސްޓްރީން މެއި 19، 2021 ގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލަންއެންގުމަށް ފަހު މިސްކިތުން ފެން ކަނޑާލާއި، މިސްކިތްތައް ތަޅުލާފައިވާއިރު، ބައެއްމިސްކިތްތަކުގައި ވަނީ މީހުންނަށް ނުވަދެވޭނެހެން ޓޭޕް ދަމާފައެވެ.
މިއާއެކު ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވިއެވެ. މާލެ ސަރަހައްދުގެ މިސްކިތްތައް ބަންދުކުރުމަށްފހު މިސްކިތަށް އަރައި ނަމާދު ކުރާ ފަރާތްތައް ޖޫރިމަނާކުރަން ފަށާފައިވާކަމުގެ ކަންބޮޑުވުންވެސް ބައެއް ފަރާތްތަކުންނާއި، ދީނީ ބައެއް ޢިލްމުވެރިން އައީ ފާޅުކުރަމުންނެވެ. މިގޮތުން މިސްކިތަށް އެރި ބައެއް މީހުންވަނީ އެމީހުން 1000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާކަމަށް ބުނެ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކޮށްފައެވެ.
މި ފަޑުކިއުންތަކާއި ގުޅިގެން މިސްކިތްތަކަށް މިހާރު ވަނީ ފެނާއި ކަރަންޓް ދީފައެވެ. ނަމަވެސް މިސްކިތުގައި ދަމާފައިވާ ޓޭޕްތައް އަދިވެސް އެބަހުއްޓެވެ.
މިސްކިތްތައް ބަންދުކުރުމުން އަމާޒުވި ފަޑުކިއުންތަކުގެ ތެރޭގައި ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ.އަޙްމަދު ޢަބްދުﷲ ދީދީ ވިދާލުވެފައިވަނީ، އިސްލާމީ ވެރިއެއްގެ އަސާސީ މަސްއޫލިއްޔަތަކީ ދީން ޙިމާޔަތްކޮށް، ދީނުގެ ޙުކުމްތަކާ ޚިލާފުނުވާނޭ ގޮތެއްގެ މަތިން ދުނިޔަވީ ސިޔާސަތު ރާވައި ހިންގުން ކަމުގައިވާއިރު، ބަލިމަޑުކަމުގެ ޙާލަތުގައިވިއަސް މިސްކިތްތައް އެއްކޮށް ބަންދުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ. އަދި ތަބާވާންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް ތަންފީޒްކުރުމާއެކުވެސް މިސްކިތްތަކުގައި ނަމާދުކުރެވެންވާނެކަމަށް ޑރ.އަޙްމަދު ޢަބްދުﷲ ދީދީ ވިދާޅުވިއެވެ.
މި މައްސަލައަށް އިޝަރަތްކުރައްވާ ދީނީ ޢިލްމުވެރިޔާ ޑރ.މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެފައިވަނީ، ޖަމާއަތް ހުއްޓާލި ނަމަވެސް މިސްކިތްތައް މުޅީން ބަންދު ކޮށްގެން ނުވާނެކަމށެވެ. މިސްކިތްތައް އަބަދުވެސް ހުންނަންވާނީ ހުޅުވާލެވިފައިކަމަށް ވިދާޅުވިއެވެ.
ޢަލީ ރަމީޒް ވިދާޅުވެފައިވަނީ، ގޭތެރޭގެ މާހައުލު ހުންނަ ގޮތުން، ނަމާދުކުރުމަށް ދަތިވާ އެތައް ބަޔަކު އުޅެމުންދާކަން އެނގިތިބެ، މިސްކިއްތަކަށް އެއްގޮތަކަށްވެސް ނުވަދެވޭގޮތަށް ބަންދުކުރި ބައެއްގެ ފަރާތުން އުއްމީދުކުރާނެ އެއްވެސް ހެޔޮކަމެއް ނެތްކަމަށެވެ. މާލޭގާއި ބައެއްް ގޭބީސީތަކުގައި މީހުން ދިރިއުޅޭ ތަންކޮޅު ކުޑަވެ އުނދަގޫ ހާލަތެއްގައި އުޅޭ މީހުންނަށް މިސްކިތަށް ނަމާދަށް ނޭރޭތީ، މާލޭގެ މޭޔަރު ޑރ.މުހައްމަދު މުޢިއްޒުވެސް ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.
މާލޭ ސަރަހައްދުގެ މިސްކިތްތަކުން ފެނާއިި ކަރަންޓް ކަނޑާލީ، ޕޮލިސީ ގްރޫޕުންކަމަށް އެލްޖީއޭއިން ވަނީބުނެފައެވެ.
ކޮމެންޓު ފޮނުވާ