އެމްއެމްޕީއާރުސީގެ ކޮރަޕްޝަނުގައި އެއްވެސް ގޮތަކަށް އަދި އެއްވެސް މިންވަރަކަށް ބައިވެރި ވެފައި ނުވާނެ ކަމަށާއި އޭގެ އެއްވެސް ފައިސާއެއްވެސް ލިބިފައި ނުވާކަމަށް ކުރީގެ ފޮރިން މިނިސްޓަރ ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.
ދުންޔާ މިހެން ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުން ނެރުއްވާފައިވާ ރިޕޯޓުގައި އެސެޓް ރިކަވަރީ ކޮމިޝަނުން ދީފައިވާ މަޢުލޫމާތުގެ ގޮތުގައި ހިމަނާފައިވާ މަޢުލޫމާތުގައި އެކަމަނާގެ ނަން ހިމަނާފައި ވުމާގުޅިގެން އެސެޓް ރިކަވަރީ ކޮމިޝަނަށް އެކަމަނާ އިއްޔެ ފޮނުވި ސިޓީއެއްގައެވެ.
ދުންޔާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރިޕޯޓުގައި ބުނާ 200،000 ރުފިޔާ ދުވަހަކުވެސް ލިބިފައި ނުވާކަމަށާއި އަދި އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅޭ އެއްވެސް ފައިސާ އަދި މަންފާއެއްވެސް ލިބިފައި ނުވާކަމަށެވެ. މީގެ އިތުރުން އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅޭ ގޮތުން މިހާތަނަށް އެސެޓް ރިކަވަރީ ކޮމިޝަނުން ނުވަތަ ދައުލަތުގެ އެހެންވެސް އިދާރާއަކުން ދުވަހަކުވެސް ސުވާލެއް ކޮށްފައިވެސް ނުވާކަމަށް ދުންޔާ ވަނީ ވިދާޅުވެފައެވެ.
"މިކަމުގައި އަޅުގަނޑުގެ އެއްވެސް ބަހެއް ހޯދުމެއް ނެތި، އަޅުގަނޑުގެ ނަން އެ ރިޕޯޓްގައި ހިމަނައި، ރާއްޖެގެ މީޑިއާތަކާއި، ދުވަހު ނޫސްތަކުގައި ލިޔެ، މީސްމީޑިއާގައި ދައުރުވުމުގެ ސަބަބުން އަޅުގަނޑާއި އަޅުގަނޑުގެ އާއިލާއަށް ވަނީ އެތަކެއް ގޮންޖެހުންތަކަކާއި ފާޑުކިޔުންތަކާއި ކުރިމަތިވެފައެވެ. މީގެ ސަބަބުން އަޅުގަނޑާއި އަޅުގަނޑުގެ ޢާއިލާގެ އަބުރަށް ބުރޫއަރައި، ޢާއިލާގެ ނަން ކިލަނބުވެގެން ގޮސްފައިއެވެ."
– ދުންޔާ
ވީމާ ހިނގަމުންދާ ތަޙުޤީގެއް ނުނިމެނީސް އެމައްސަލަ ކޯޓަށް ނުފޮނުވާ، ތުހުމަތުވާ ފަރާތުގެ ބަހެއް ނުހޯދާ، ނަން ހާމަކުރުމީ ޣައިރު ޒިންމާދާރުކޮށް ހިންގި މިޢަމަލެއް ކަމަށް ވިދާޅުވެ އެކަން ހަރުކަށި ޢިބާރާތުން އެކަމަނާ ވަނީ ކުށްވެރިކޮށްފައެވެ. ކޮމިޝަނާއި މަޖިލީހުން އެފަދަ ފިޔަވަޅެއް ނެންގެވީތީ ހިތާމަކުރައްވާކަމަށްވެސް ދުންޔާ ވަނީ ވިދާޅުވެފައެވެ.
ސަރުކާރުގެ ބައެއް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި މަޖިލީހުގެ ބައެއް މެމްބަރުންނާއި އެކިއެކި މަގާމުތަކުގައި ކުރިން އުޅުވި ބައެއް ބޭފުޅުންނާއި ރާއްޖޭގެ ބޮޑެތި ބައެއް ވިޔަފާރި ކުންފުނިތަކުގެ ނަންވެސް ހިމެނޭގޮތަށް މަޖިލީހުގެ ރިޕޯޓުގައި ނަންތަކެއް އާންމުކުރުމުން އެކަމުގެ ތެރެއިން ކަމާނުބެހޭ އެތައްބައެއްގެ އަބުރަށް ހުތުރުވެފައި ވާކަމަށްބުނެ އެކަމުގެ ކަންބޮޑުވުން ގިނަބަޔަކު ވަނީ ފާޅުކޮށްފައެވެ.
ކޮމެންޓު ފޮނުވާ