މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން، ޖިނާއީ ކުށެއްކަމަށް ކަނޑައަޅަން ހުށައަޅައިފި

މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން، ޖިނާއީ ކުށެއްކަމަށް ކަނޑައަޅަން ހުށައަޅައިފި

Author
މުޙައްމަދު ޖިމީ
31 މެއި 2021 08:30
0

އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުންފަދަ ނަފުރަތުގެ އަމަލު ހިންގުން ޖިނާއީ ކުށަކަށް ހެދުމަށް ގާނޫނުލްއުގޫބާތަށް އިސްލާހެއް ހުށައަޅާއިފިއެވެ. މި އިޞްލާހު ހުށައެޅުއްވީ ތުޅާދޫ ދާއިރާގެ މެންބަރު ޙިސާން ޙުސައިން އެވެ.

ޙިސާން ހުށައައެޅުއްވީ ގާނޫނުލްއުގޫބާތަށް ނަފްރަތުގެ އަމަލު ހިންގުމުގެ ކުށުގެ މާއްދާއެއް އިތުރުކުރުމަށެވެ. އެގޮތުން ނަފްރަތުގެ އަމަލުތަކުގެ ގޮތުގައި ގިނަ ކަންތައްތަކެއް ބިލުގައި ވަނީ ހިމަނާފައެވެ.

އޭގެތެރޭގައި އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ޚިލާފަށް ނޫނީ އިސްލާމްދީނާ ދެކޮޅު މީހެއްކަމަށް ތުހުމަތު ކުރުމާއި، މީހެއްގެ އިސްލާމީ އަގީދާއާ ގުޅުވައި އެ މީހަކާމެދު ނަފްރަތު އުފެއްދުމުގެ އިތުރުން، މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުމާއި އެކަމުގައި ބައިވެރިވުމަކީ ކުށެއްގެ ގޮތުގައި އެ އިސްލާހުގައި ކަނޑައަޅާފައިވެއެވެ. އަދި އެއީ ޖުނަހުގެ އެއް ވަނަ ދަރަޖައިގެ ކުށެއް ކަމަށްވެސް ބަޔާންކުރެއެވެ. ގާނޫނުލްއުގޫބާތުގެ ދަށުން އެފަދަ ދަރަޖައިގެ ކުށަށް ދެވޭނެ އެންމެ ބޮޑު އަދަބަކީ އެއް އަހަރުގެ ދުވަހަށް ޖަލަށްލުމެވެ. އަސާސީ މިންގަނޑުން އަދަބު ދޭނަމަ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ. އެންމެ ދަށް މިންގަނޑުން ނަމަ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ. އަދި އެފަދަ އަމަލެއް ހިންގުމާއެކު މީހަކާ ދެކޮޅަށް އަނިޔާވެރިވާން ގޮވާލުމާއި، ހިތްވަރު ދިނުމުގެ އިތުރުން ބައިވެރިވުމަކީވެސް އެފަދަ ކުށެކެވެ.

މީގެ އތުރުން މުސްލިމަކު ކާފަރެއް ކަމަށް ތުހުމަތު ކުރުމާއިއެކު މީހަކާއި، ދެކޮޅަށް އަނިޔާވެރި ވުމަށް ގޮވާލުން ނުވަތަ އެފަދަ އަމަލަކަށް ހިތްވަރުދިނުން ނުވަތަ ބައިވެރިވުމަކީވެސް ކުށެއް ކަމަށް ޙިސާން ހުށައެޅުއްވި އިޞްލާހުގައިވެއެވެ. އެއީ ޖިނާޔަތުގެ ފަސް ވަނަ ދަރަޖައިގެ ކުށެއް ކަމަށްވެސް ބަޔާންކުރެއެވެ. ޖިނާޔަތުގެ ފަސްވަނަ ދަރަޖައިގެ ކުށަކަށް އެންމެ ބޮޑުވެގެން އަންނާނީ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ. އަސާސީ މިންގަނޑުން ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ.

އެ އިޞްލާހުގައި މުސްލިމަކު ކާފަރުކޮށް މީހަކަށް އަނިޔާއެއް ދިނުން ނުވަތަ އަނިޔާއެއް ދިނުމުގައި ބައިވެރިވުން ނުވަތަ އަނިޔާއެއް ދިނުމަށް ރޭވުންވެސް ކުށެއް ކަމަށްވެސް ބުނެފައިވެއެވެ. އަދި މީހެއްގެ ސިޔާސީ ވިސްނުމަށް ބަލައި އެމީހަކަށް ޖިސްމާނީ އަނިޔާއެއް ދިނުން ނުވަތަ ދިނުމުގައި ބައިވެރިވުން ނުވަތަ ދިނުމަށް ރޭވުންވެސް އެއީ ކުށެެއްކަމަށް ބުނެފައިވެއެވެ. އެފަދަ ކުށެއް ކުރާ މީހަކު އެކުރަނީ ޖިނާޔަތުގެ ހަތަރުވަނަ ދަރަޖައިގެ ކުށެއް ކަމަށް ބުނެފައިވާއިރު، ޖިނާއަތުގެ ހަތަރުވަނަ ދަރަޖައިގެ ކުށަކަށް އެންމެ ބޮޑު އަދަބަކަށް ދެވޭނީ ހަތަރު އަހަރަށް ޖަލަށްލުމެވެ. އަސާސީ މިންގަނޑުން އަދަބު ދޭ ނަމަ އެއް އަހަރާއި ހަތް މަސް ދުވަހަށް ޖަލަށްލުމެވެ.

މީގެ އިތުރުން މީހެއްގެ ނަސްލަށާއި އުފަންވީ ގައުމަށް ނުވަތަ ކުލަޔަށް ބަލައި، އެމީހަކަށް ޖިސްމާނީ އަނިޔާއެއް ދިނުމާއި، ބައިވެރިވުމާއި ރޭވުމަކީ ވެސް ކުށެއް ކަމަށްވެސް ބުނެފައިވެއެވެ. އެފަދަ އަމަލެއް ހިންގައިގެން މީހެއްގެ ފުރާނަ ގެއްލިއްޖެނަމަ، އެ މީހަކަށް މަރުގެ އަދަބު ނޫނީ އުމުރަށް ޖަލަށް ލުމުގެ އަދަބު ޙިސާންގެ އިސްލާހުގައި ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން ކުށެއް ކުރީ މީހަކު ރަހީނުކޮށްގެން، ޖިންސީ އަނިޔާ ދީގެން ނޫނީ މަރާލާނެ ކަމުގެ އިންޒާރު ދީގެން ނަމަ، އަދަބެއްގެ ގޮތުގައި 15 އަހަރުގެ ޖަލު ހުކުމެއް އަންނާނެކަމަށްވެސް ބިލުގައިވެއެވެ.

ޤާނޫނުލް އުގޫބާތަށް ޙިސާން ހުށައެޅުއްވި އިޞްލާހުގެ ބިލުގެ ފުރަތަމަކިއުން މިއަދުގެ ޖަލްސާއަށް ވަނީ އިއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އަމާން
އޮރިޔާން ނިވާ ނުކޮށްހުރި މީހަކާ ދިމާއަށް ލާދީނީ މީހެކޭ ބުނަން ހެޔޮވާނެހެއްޔެވެ.؟
ހ ހިލަބެ
ދެން ކާފަރަކަށް މުސްލިމެކޭ ކިޔުންކުށަކަށް ނުވާނެބާ؟