ބިދޭސީންގެ ބަދަލުގައި ދިވެހީން ތަރައްޤީގެ މަސައްކަތަށް ނުކުތުމަށް ރައީސް ގޮވާލައްވައިފި

ބިދޭސީންގެ ބަދަލުގައި ދިވެހީން ތަރައްޤީގެ މަސައްކަތަށް ނުކުތުމަށް ރައީސް ގޮވާލައްވައިފި

Author
މުޙައްމަދު ޖިމީ
01 މެއި 2021 02:45
0

ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ބިދޭސީން ފުރަމުން އަންނަ ޖާގަތަކަށް، ދިވެހި ޒުވާނުން ނުކުމެ، ދިވެހިންގެ އުފެއްދުންތެރި ވިސްނުމާއެކު، ޤައުމު ތަރައްޤީކުރަން ފަށައިފި ނަމަ، މިހާރަށްވުރެ މާ ފުރިހަމަ ތަރައްޤީއެއް ހޯދޭނެކަން ޔަޤީންވާކަމަށާއި، ޤައުމެއްގެ ތަރައްޤީއަށް އެންމެ ބޮޑު ދިރުމެއް އަންނާނީ، އެ ޤައުމެއްގެ އަމިއްލަ ދަރިން، ޤައުމު ބިނާކޮށް އާރާސްތުކުރުމުގެ މަސައްކަތާ ޙަވާލުވެގެންކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ބައިނަލްއަޤްވާމީ ގޮތުން މިއަދު ފާހަގަކުރާ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިޠާބުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ކޮވިޑް-19 ގެ މި ނުރައްކާތެރި ހާލަތުގައި ގިނަ ޢަދަދެއްގެ މަސައްކަތްތެރިންނަށް ވަރަށް ނިކަމެތި ގޮތްތައް މެދުވެރިވެގެން ދިޔަކަން ފާހަގަކުރައްވާފައިވެއެވެ. އަދި މި ސަރުކާރުން އެފަދަ ފަރާތްތަކުގެ ޙައްޤުތައް ޙިމާޔަތްކޮށްދިނުމުގެ ގޮތުން، 16000 އަށް ވުރެ ގިނަ ބިދޭސީ މަސައްކަތްތެރިން، މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި، އެމީހުންގެ ޤައުމަށް އަނބުރާ ފޮނުވައިދީފައިވާނެކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ. އަދި މީގެއިތުރުންވެސް މަސައްކަތްތެރިންނާ ގުޅިފައިވާ އެކި މައްސަލަތައް ޙައްލުކޮށް، އެމީހުންގެ ޙައްޤުތައް ފުރިހަމައަށް ލިބިދިނުމަށް، ވަރަށް ޚާއްޞަ އިސްކަމެއް ދީގެން ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިގޮތުން ރާއްޖޭގައި މަސައްކަތްކުރާ މީހުންނަށް މުސާރައިގެ ގޮތުން، އެންމެ ކުޑަމިނުން ދޭންޖެހޭނެ އުޖޫރަ ކަނޑައެޅުން ފަދަ ޤާނޫނަށް ގެންނެވި މުހިންމު ބަދަލުތަކުގެ މައްޗަށް މިއަދުގެ ޚިޠާބުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އަލިއަޅުވާލައްވާފައެވެ.

މަސައްކަތްތެރިންނާ ގުޅިފައިވާ މިފަދަ މައްސަލަތައް ޙައްލުކޮށް، އެމީހުންގެ ޙައްޤުތައް ފުރިހަމައަށް ލިބިދިނުމަށް، ވަރަށް ޚާއްޞަ އިސްކަމެއް ދީގެން ސަރުކާރުން މި އަންނަނީ މަސައްކަތް ކުރަމުންނެވެ. އެކަމަށްޓަކައި ޤާނޫނީ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައްވެސް މި އަންނަނީ ގެންނަމުންނެވެ. އޭގެ ތެރެއިން، މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި، ވަޒީފާއާ ބެހޭ ޤާނޫނަށް ގެނައި އިޞްލާޙުގައި، ރާއްޖޭގައި މަސައްކަތްކުރާ މީހުންނަށް މުސާރައިގެ ގޮތުން، އެންމެ ކުޑަމިނުން ދޭންޖެހޭނެ އުޖޫރަ ކަނޑައެޅުން މިހާރު ވާނީ ޤާނޫނީ ގޮތުން ލާޒިމް ކުރެވިފައެވެ.

– ރައީސުލްޖުމްހޫރިއްޔާ

މިއަދުގެ ޚިޠާބުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޤައުމުގެ ތަރައްޤީއަށް މަސައްކަތްތެރިން އަދާކުރަމުންދާ މުހިންމު ދައުރު ފާހަގަކުރައްވާފައެވެ. އެގޮތުން ކޮންމެ ޤައުމެއްގައިވެސް، މަސައްކަތްތެރިންނަކީ، އެ ޤައުމެއްގެ ތަރައްޤީގެ ތަޞައްވުރުތައް ޙަޤީޤަތަކަށް ހަދައިދޭ މީހުންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި ތަމައްދުންގެ ރީތި ކުލަތަކުން މުޖްތަމަޢު ޒީނަތްތެރިވެ، ނަމޫނާ ޙަޟާރަތެއް ބިނާވެގެން ދަނީ، އެމުޖްތަމަޢެއްގެ މަސައްކަތްތެރިން ކުރާ ބުރަ މަސައްކަތުގެ ސަބަބުންކަމަށާއި، ޢިލްމީ ވިސްނުންތަކާއި އުފެއްދުންތެރި ފިކުރުތަކަށް، ޢަމަލީ ސިފަ ގެނެސްދޭ ބަޔަކީ ވެސް، އެމުޖްތަމަޢެއްގެ މަސައްކަތްތެރިންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

ޤައުމެއްގެ ތަރައްޤީއަށް އެންމެ ބޮޑު ދިރުމެއް އަންނާނީ، އެ ޤައުމެއްގެ އަމިއްލަ ދަރިން، ޤައުމު ބިނާކޮށް އާރާސްތުކުރުމުގެ މަސައްކަތާ ޙަވާލުވެގެންނެވެ. ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ބިދޭސީން ފުރަމުން އަންނަ ޖާގަތަކަށް، ދިވެހި ޒުވާނުން ނުކުމެ، ދިވެހިންގެ އުފެއްދުންތެރި ވިސްނުމާއެކު، ޤައުމު ތަރައްޤީކުރަން ފަށައިފިނަމަ، މިހާރަށްވުރެ މާ ފުރިހަމަ ތަރައްޤީއެއް ހޯދޭނެކަން ޔަޤީނެވެ.

– ރައީސުލްޖުމްހޫރިއްޔާ

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި އެމަނިކުފާނުވަނީ ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ އެންމެހައި މުވައްޒަފުންނަށާއި މަސައްކަތްތެރީންނަށް، އަދި އެމީހުންގެ ޢާއިލާތަކަށް މަރުޙަބާ އާއި ތަހުނިޔާފޮނުވާފައެވެ. އަދި މިއަދުގެ ޚިޠާބުގައި އެމަނިކުފާނު ވަނީ މަސައްކަތްތެރިންގެ ޙައްޤުތައް ކަށަވަރުކޮށްދީ، ޙައްޤުތައް ލިބިދިނުމަށް، މުޅި މުޖްތަމަޢު އެކުގައި މަސައްކަތްކުރުމަށް ބާރުއަޅުއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

s sakoon
bidey seen ge badha luga dhivehin nukun nan vee masa kathu meehu natho? mamen aa ilaa ge 2kujjaku masters hadhai gen ais vazee faa eh nulibi gen gana . . thelhe nee