އަފްޣާނިސްތާނާ ސީރިޔާ ހަނގުރާމައިގައި ބައިވެރިވި ދިވެހި އަންހެނަކާއި،އޭނާގެ ހަތަރު ދަރިން ރާއްޖެ ގެންނަނީ

އަފްޣާނިސްތާނާ ސީރިޔާ ހަނގުރާމައިގައި ބައިވެރިވި ދިވެހި އަންހެނަކާއި،އޭނާގެ ހަތަރު ދަރިން ރާއްޖެ ގެންނަނީ

Author
މުޙައްމަދު ޖިމީ
30 އޭޕްރިލް 2021 10:15
0

ދުނިޔޭގެ އެކި ގައުމުތަކުގައި ހިނގަމުންދިޔަ ދާޚިލީ ހަނގުރާމަތަކުގައި ބައިވެރިވި ދިވެހި އާއިލާއެއްގެ އަންހެނަކު އޭނާގެ ހަތަރު ދަރިންނާއެކު ސީރިޔާއިން ތުރުކީއަށް ގަވާއިދާ ހިލާފަށް އެތެރެވެ، އެގައުމުގައި އުޅެނިކޮށް އެގައުމުގެ ކަމާބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން ބުނީ، ދުނިޔޭގެ އެކި ގައުމުތަކުގައި ހިނގަމުންދިޔަ ދާޚިލީ ހަނގުރާމަތަކުގައި ބައިވެރިވި ދިވެހި އާއިލާއެއްގެ އަންހެނަކު އޭނާގެ ހަތަރު ދަރިންނާއެކު ސީރިޔާއިން ތުރުކީއަށް ގަވާއިދާ ހިލާފަށް އެތެރެވެ، އެގައުމުގައި އުޅެނިކޮށް އެގައުމުގެ ކަމާބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށަށް ގެނެސް ދިވެހިސަރުކާރަށް އެކަން އެންގުމާ ގުޅިގެން، މި މައްސަލަ ތަހުގީގުކޮށް، އެއާއިލާއަށް ނިސްބަތްވާ ކުޑަކުދިންގެ ރަށްވެހިކަމާއި ދަތުރުފަތުރާ ގުޅުންހުރި ލިޔުންތަކާއި އެފަރާތްތައް އަނބުރާ ދިވެހިރާއްޖެއަށް ގެނައުމަށް ހަމަޖައްސަންޖެހޭ އިދާރީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރުމަށްޓަކައި ދިވެހި ފުލުހުންގެ ޓީމެއް މިވަގުތު ދަނީ ތުރުކީގައި، އެގައުމުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ހަރަކާތްތެރި ވަމުންކަމަށެވެ.

ފުލުހުން ބުނީ، މިހާތަނަށް މިމައްސަލައިގައި ހޯދިފައިވާ މައުލޫމާތަށް ބަލާއިރު، ތުރުކީގެ އިދާރާތަކުގެ ބެލުމުގެ ދަށުގައި ހުރި އަންހެންމީހާ އަކީ އަފްޤާނިސްތާނާއި ސީރިޔާގެ ހަނގުރާމައިގައި އުޅުނު ދިވެހި ދެ ފިރިހެނަކަށް ހަތަރު ދަރިން ލިބިފައިވާ އަންހެނެއްކަމާއި މީގެ ތެރެއިން އެންމެ ހަގު ދެކުދިން އުފަންވެފައިވަނީ އަފްޤާނިސްތާނާއި ސީރިޔާގައި ދިރިއުޅުނުއިރުކަމަށް ބުނެފައިވާތީ، މި ދެ ކުދިންނަކީ ދިވެހި އަންހެން މީހާގެ ދަރިންކަން ކަށަވަރުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ދަނީ ކުރަމުންކަމަށެވެ.

އޭގެ އިތުރުން، އެ އާއިލާއަށް، ހަނގުރާމަވެރި ސަރަހައްދުތަކުގައި ތަފާތު ބިރުވެރި ތަޖުރިބާތައް ކުރެވި ނަފުސާނީގޮތުންނާއި ސިއްހީގޮތުންވެސް ބޮޑެތި އަސަރުތަކެއް ކޮށްފައިވާކަން ފާހަގަ ކުރެވިފައިވާކަމަށް ފުލުހުން ބުންޏެވެ. ތުރުކީގެ ކަމާބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށުގައި ތިބި އެ ދިވެހި އާއިލާގެ ރަސްމީ އެއްވެސް ލިޔުމެއް ނެތުމުން، އެފަރާތްތަކުގެ ތެރެއިން ދިވެހިރާއްޖޭގެ ރަށްވެހިކަން އޮތް ފަރާތްތަކަށް ދަތުރުފަތުރު ކުރުމަށް ބޭނުންވާ ލިޔުންތައް ތައްޔާރުކުރުމާއި ރާއްޖެއިން ބޭރުގައި އުފަންވި ކުދިންގެ ރަށްވެހިކަމާއި ރެޖިސްޓްރޭޝަނާގުޅޭ ކަންކަން ހަމަޖެއްސުމަށްޓަކައި ދައުލަތުގެ ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށް ގާނޫނީ ހައްލުތަކެއް ހޯދުމަށް މިދަނީ މަސައްކަތް ކުރަމުން އަންނަކަމަށްވެސް ފުލުހުން ބުންޏެވެ.

އަދި، މި ފަދަ ފަރާތްތައް އަނބުރާ ދިވެހިރާއްޖެއަށް ގެނެވޭ ހާލަތްތަކުގައި އެފަރާތައް ހަރުދަނާ ނިޒާމެއްގެ ތެރެއިން ރިހިބިލިޓޭޓްކޮށް އަނބުރާ މުޖުތަމައަށް ގެންނައުމަށް ހަމަޖައްސަންޖެހޭ އިންތިޒާމްތައް މިނިސްޓްރީ އޮފް ހޯމް އެފެއަޒްގެ ދަށުން ހިންގާ ނޭޝަނަލް ރިއިންޓެގްރޭޝަން ސެންޓަރާ ގުޅިގެން ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.މި ފަދަ ފަރާތްތައް އަނބުރާ ދިވެހިރާއްޖެއަށް ގެނެސް، އެމީހުންގެ މައްސަލަ ބަލައި އަޅަންޖެހޭ ގާނޫނީ ފިޔަވަޅުތައް އަޅާނީ ދިވެހި ފުލުހުންގެ ޚިދުމަތުންކަމަށް ސަރުކާރުން ވަނީ ކަނޑައަޅާފައިކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ސީރިއާގައި ހިނގަމުންދާ ދާހިލީ ހަނގުރާމާގައި ބައިވެރިވުމަށްފަހު ރާއްޖެ އައި ދިވެއްސަކު މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުވެސް ހައްޔަރުކޮށްފައިވެއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.