ވެކްސިން 2 ޑޯޒް ފުރިހަމަކުރި މީހުންގެ ޢަދަދު ލައްކައަކާއި ގާތަށް

ވެކްސިން 2 ޑޯޒް ފުރިހަމަކުރި މީހުންގެ ޢަދަދު ލައްކައަކާއި ގާތަށް

Author
މުޙައްމަދު ޖިމީ
29 އޭޕްރިލް 2021 10:54
0

ކޯވިޑް-19އިން ދިފާޢުވުމަށް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރި މީހުންގެ ޢަދަދު ލައްކައަކާއި ގާތްކޮށްފިއެވެ.

އެޗް.ޕީ.އޭއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ފާއިތުވި 24 ގަޑިއިރު ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވަނީ 4،727 މީހެކެވެ. އޭގެ ތެރޭގައި ހިމެނެނީ މާލޭ ސަރަޙައްދުން ދެވަނަ ޑޯޒް ޖެހި 1،933 މީހުންނާއި، އަތޮޅުތަކުން ދެވަނަ ޑޯޒް ޖެހި 2،794 މީހުންނެވެ. މިއާއެކު ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރި މީހުންގެ ޖުމްލަ ޢަދަދު ވަނީ 97،339 އަކަށް އަރާފައެވެ.

އެޗް.ޕީ.އޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި އަތޮޅުތަކުން 180 މީހަކު ވަނީ ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައިވެއެވެ. މިއާއެކު ރާއްޖެއިން ވެކްސިންގެ ދެވަނަ ޑޯޒް ޖެހި މީހުންގެ ޖުމްލަ އަދަދު ވަނީ 15،131 އަށް އަރާފައެވެ. ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 982 މީހަކު ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ. އޭގެ ތެރޭގައި މާލޭ ސަރަޙައްދުން ވެކްސިންގެ ޖެހި 343 މީހުންނާއި، އަތޮޅުތަކުން ވެކްސިން ޖެހި 639 މީހަކު ހިމެނެއެވެ. ރާއްޖެއިން ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމުލަ އަދަދުވަނީ މިހާރު ވަނީ 295،251 އަށް އަރާފައެވެ.

މާލެ ސަރަހައްދުގައި އުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށް ސިނޯފާމް ވެކްސިންއާއި ކޮވިޝީލްޑް ވެކްސިން ޖަހަމުން އަންނައިރު މާލެއާއި ވިލިމާލެ އަދި ހުޅުމާލެ ހިމެނޭހެން 11 ސެންޓަރެއްގައި ވެކްސިން ދިނުން ކުރިއަށްދެއެވެ. އަދި ގޭގެއަށް ގޮސްގެން ވެކްސިން ދިނުމަށް 4 މޮބައިލް ޓީމް ޙަރަކާތްތެރިވަމުން އަންނައިރު، އަތޮޅުތެރޭގައި 240 ވެކްސިން ސެންޓަރުން އަންނަނީ ވެކްސިންދެމުންނެވެ. މިތަންތަނުގައި ވެކްސިން ޖެހުން ކުރިއަށްދަނީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ރެއެއްގެ 9:00 އިން ފެށިގެން 11:45އަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.