އަނަސްގެ މަރުގެ މައްސަލައިގެ އަޑުއެހުމެއް މާދަމާ

އަނަސްގެ މަރުގެ މައްސަލައިގެ އަޑުއެހުމެއް މާދަމާ

Author
މުޙައްމަދު ޖިމީ
18 އޮކްޓޯބަރ 2020 04:21
0

މާލޭގައި ހުންނަ ލިޓަސް ސާރވިސް ސެންޓަރުގެ ތެރޭގައި 2017ވަނަ އަހަރު މަރާލާފައިވާ މުޙައްމަދު އަނަސްގެ މަރުގެ މައްސަލާގެ އަޑުއެހުމެއް ގިނަ ދުވަސްތަކަކަށްފަހު މާދަމާއަށް ތަޢާވަލުކޮށްފި އެވެ. އެ އަޑުއެހުން ތަޢާވަލުކޮށްފައިވަނީ މާދަމާ ހެނދުނު 09:00 ޖަހާއިރަށެވެ. އަނަސްގެ މަރުގެ މައްސަލާގައި 7 މީހެއްގެ މައްޗަށް ދައުލަތުން ދައުވާ އުފުލާފައިވެއެވެ.

އެމީހުންނަނަކީ ދަފްތަރު ނަމްބަރު 1746 ސިމާހު މޫސާ އާއި، ސ.ފޭދޫ ވެސްޓަންވިލާ ޙަސަން މަހްފޫޒް އާއި، ތ. ކިނބިދޫ ގުލްފާމުގޭ މުޙައްމަދު ޝާޒް އާއި، ލ. ގަން ތުނޑީ، ނަންނާރިގެ ޖުނައިހު ޢަބްދުﷲ އާއި، މ. ދިމިޝްގު އުޘްމާން ޝަރީފް އާއި، ޅ. ކުރެންދޫ އަސުރުމާގޭ އަހުމަދު ޒަޔާންގެ އިތުރުން ގ. ލޮނުމިދިލިގޭ އަފްރާހު ޢަބްދުއްރައްޒާގްގެ މައްޗަށެވެ.

ރ.މީދޫ ފެންފިޔާޒްގޭ މުޙައްމަދު އަނަސް މަރާލާފައިވަނީ 2017ވަނަ އަހަރުގެ ޖުލައި 31ވަނަ ދުވަހުގެ ރޭ ގަލޮޅު ހަނދުވަރުދޭ ގޯޅި ތެރޭގައި ހުންނަ ލިޓަސް ސާރވިސް ސެންޓަރުގެ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީއެވެ. އަނަސް އަށް ހަމަލާދީފައި ވަނީ ހަތަރު ސައިކަލެއްގައި ދިޔަ އަށް މީހެއްގެ ތެރެއިން ހަތަރު މީހެއް ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.

2017ވަނަ އަހަރު އަނަސް މަރާލާފައިވަނީ މޫނު ނިވާކޮށްގެން ތިބި ބަޔަކުކަމަށާއި، އޭނާ މަރާލާފައިވަނީ އޮޅިގެންކަމަށް މިހާތަނަށް ފުލުހުން ވަނީ ހާމަކުރައްވާފައެވެ. ރ.އަތޮޅުގައި ދުއްވާ ލޯންޗެއްގެ ކެޕްޓަނަކަށް އުޅުނު އަނަސްއަށް ތޫނު އެއްޗަކުން ދިން ހަމަލާގައި އޭނާގެ ހަށިގަނޑުގެ 25 ތަނަކަށް ވަޅި ހަރާފައިވާކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. އެމައްސަލައާ ގުޅިގެން ފަސް މީހެއްގެ މައްޗަށް ދައުލަތުން ވަނީ ދައުވާ އުފުލާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނުން ބައްލަވާ މަރުގެ 25މައްސަލައިގެ ތެރޭގައި އަނަސްގެ މައްސަލަވެސް ހިމެނޭކަމަށް އެ ކޮމިޝަނުން ވަނީ ހާމަކުރައްވާފައެވެ. އަނަސްގެ މަރުގެ މައްސަލާގައި ޢާއިލާއަށް އިންޞާފް ހޯއްދަވާދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ދެއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.