ނ.ހޮޅުދޫ ފެން ހިންދާ ނިޒާމުގެ ޚިދުމަތް، ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.
ހޮޅުދޫ ފެންހިންދާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް އިފްތިތާހު ކޮށްދެއްވީ އެންވާރު މަންޓް މިނިސްޓަރ ޑރ.ހުސެއިން ރަޝީދު ހަސަން އެވެ. މިރަސްމިއްޔާތުގައި އެދާއިރާގެ މެމްބަރު ޔޫނުސް އަލީވެސް ބައިވެރި ވެފައެވެ.
ހޮޅުދޫ ފެން ހިންދާ ނިޒާމު ޑިޒައިންކޮށް، ފީސިބިލިޓީ ސްޓަޑީއާއި، އީ.އައި.އޭ ހެދުމުގެ މަސައްކަތް ކޮށްފައިވަނީ ދިވެހި ކުންފުންޏެއްކަމަށްވާ ރިއަން ޕްރައިވެޓް ލިމިޓެޑުންނެވެ. އަދި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ކޮށްފައިވަނީ އިންޑިއާގެ ކުންފުންޏެއްކަމަށްވާ ކެނޭޑިއަން ކްރިސްޓަލައިން ވޯޓަރ އިންޑިއާ ލިމިޓެޑުންނެވެ.

މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް 2019 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ފަށާ، އެ މަސައްކަތް ނިންމާލާފައިވަނީ 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. 7.33 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ ދަށުން ރަށުގައި ޕަމްޕް ސްޓޭޝަނެއް ޤާއިމުކޮށް، އައުޓްފޯލެއް ވަނީ އަޅާފައެވެ.
މީގެ އިތުރުން، ހޮޅުދޫގައި އަލަށް ޤާއިމުކޮށްފައިވާ ވޭސްޓް އެންޑް ރިސޯސް މެނޭޖްމަންޓް ސެންޓަރުގެ މަސައްކަތް ނިންމާ، އެތަން ހިންގާ ބެލެހެއްޓުން އެންވަޔަރަމަންޓް މިނިސްޓްރީން ވަނީ ހޮޅުދޫ ކައުންސިލާއި ޙަވާލުކޮށްފައެވެ. އެ ސެންޓަރު ރަށު ކައުންސިލާއި ޙަވާލުކުރުމުގެ އެއްބަސްވުމުގައި އެންވަޔަރަމަންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑރ. ޙުސެއިން ރަޝީދު ޙަސަނެވެ. މި ސެންޓަރުގެ ސަބަބުން ރަށުގައި ތިމާވެއްޓާ ރަށްޓެހި އަދި ރައްކާތެރިގޮތުގައި ކުނި މެނޭޖްކޮށް ނައްތާލުމަށް މަގުފަހިވެގެންދާނެކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.
ކޮމެންޓު ފޮނުވާ