ދިވެހިންގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލު ގެއްލިގެންދާތަން ބަލަން ދިވެހިން ނުތިބޭނެ ކަމަށާއި، އަޅުވެތިކަމާއި ދެކޮޅަށް ދިވެހިން ތެދުވާނެ ކަމަށް އިދިކޮޅު ކޯލިޝަން ހިންގުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިދިކޮޅު ކޯލިޝަނުން ދަނީ އުތުރުތިލަފަށު އެއްބާސްވުމާއި ގުޅިގެންނާއި، ދިވެހިންގެ މިނިވަންކަމަށް ބުރޫއަރާގޮތަށް ސަރުކާރުން ހަދާފައިވާ އެއްބަސްވުންތަކާއި ދެކޮޅަށް ކޮންމެ ހުކުރު ދުވަހަކު މާލޭގައި ސިލްސިލާ މުޒާހަރާތަކެއް ކުރަމުންނެވެ. ސަރުކާރުގެ އަމަލުތައް ހުރި ގޮތާއި އަދި ހަމަމުންދާ އަޑިނޭގޭ އެއްބަސްވުނަތަކަށް އިޝާރާތް ކުރަވައި އަބްދުއްރަހީމް ވިދާޅުވީ ދިވެހިންނަނީ އަޅުވެތިކަމަށް ޖާގަދޭނެ ބައެއް ނޫންކަމަށް ދިވެހި ތާރީހުން ހެކިދޭކަމަށެވެ. އަދި މިއަދު ސަރުކާރުން ވަރަށް މަކަރުވެރި ގޮތަކަށް ހިންގަމުންދާ އަޅުވެތި ކަމުގެ އަމަލުތަކާއި ދެކޮޅަށް ދިވެހި އިސާހިތަކު ތެދުވާނެކަމަށް އޭނާ ވިދާޅުވިއެވެ.
ދިވެހިގައުމު ދުށް އެންމެ ބޮޑެތި ޚާއިނުންގެ ގޮތުގައި ދިވެހި ތާރީޚުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހުއާއި، ރައީސް ނަޝީދާއި، މާރިޔާދީދީ ގެ ނަން ލިޔާނެ ދުވަސް އަންނާނެ. ދިވެހިންގެ ޙިމާޔަތުގައި ދިވެހިން ތެދުވާނެ. އަޅުވެތިކަމަކަށް ދިވެހިން ޖާގައެއްނުދޭނެ. ދިވެހިން ތިބީ މަކަރުވެރިންގެ ކެހިވެރި ރޭވުންތަކަށް ބަލަން.
– އަބްދުއްރަހީމް ވިދާޅުވިއެވެ.
އުތުރު ތިލަފަޅު އެއްބަސްވުން ހާމަކުރަން ސަރުކާރުން ދެކޮޅު ހަދައެވެ. އަސްކަރިއްޔާއިން ބުނަމުންދަނީ އެއެއްބަސްވުމަކީ ހާމަކުރެވޭނެ އެއްބަސްވުމެއް ނޫންކަމަށް ބުނެފައެވެ. އުތުރު ތިލަފަޅު ތަރައްޤީކުރުމަށް އިންޑިއާއެކު ރާއްޖެއިން އެކުލަވާލާފައިވާ އެއްބަސްވުމުގެ ތަފްސީލަށް ބަލާއިރު، އެކަމުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށް ބުރޫއަރާނެކަމަށް ވަނީ ބެލެވިިފައެވެ. އެގޮތުން އެ އެއްބަސްވުމުގެ ދަށުން އިންޑިއާ ސިފައިންނަށް ހަތިޔާރާއިއެކު ރާއްޖޭގައި 60 އަހަރު ތިބެވޭނެ ކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައިވެއެވެ.
އެ އެއްބަސްވުމުގައި ބަޔާންކުރާގޮތުން އިންޑިއާ ސިފައިން 30 އަހަރު ވަންދެން ރާއްޖޭގައި ބޭތިއްބުމަށް ޝަރުތުކޮށްފައިވާއިރު، އެއްބަސްވުމުގައި ސޮއި ކުރާ ދުވަހުން ފެށިގެން 30 އަހަރު ވަންދެން އެއްބަސްވުން ދެމިއޮންނާނެކަމަށްވެސް ބުނެފައިވެއެވެ. އަދި އެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އަނެއްކާ އިތުރު 30 އަހަރު އިންޑިއާ ސިފައިންނަށް ރާއްޖޭގައި ތިބެވޭ ގޮތައް އެއްބަސްވުމުގައި ބަޔާންކުރެއެވެ. ނަމަވެސް 30 އަހަރު ފަހުން ދިވެހި ސަރުކާރުން ދެކޮޅު ހަދައިފިނަމަ ނުތިބެވޭނެއެވެ.
މީގެ އިތުރުން މި އެއްބަސްވުމުގެ ދަށުން އުތުރު ތިލަފަޅުގައި ތިބޭ އިންޑިއާ ސިފައިންނަށް ހަތިޔާރު ވެސް ގެންގުޅެވޭނެއެވެ. އަދި އެތަނުގައި ކުރާނެ ކަންކަން ނިންމާނީ އިންޑިއާ ސިފައިނާއި ދިވެހި ސިފައިން އެކުވެފައި އުފައްދާފައި އޮންނަ ޖޮއިންޓް ޕްރޮޖެކްޓް މޮނިޓަރިން ކޮމެޓީއަކުންކަމަށާއި، އެތަނުގައި މަސައްކަތެއްކުރުމަށް ކޮންޓެކްޓަރުން ހަމަޖައްސާނީވެސް އިންޑިއާ ސަރުކާރުން ކަމަށް އެއްބަސްވުމުގައި ބަޔާންކުރެއެވެ.
ކޮމެންޓު ފޮނުވާ