ދިވެހި ރާއްޖޭގެ ސިވިލްސާވަންޓުންނަށް ލިބިދޭ ހައްގުތަކަށް އުނިކަން އަންނަފަދަ ކަމެއް އެމްޑީޕީން ނުކުރާނެކަމަށް އެމްޑީޕީގެ ކައުންސިލް އިންތިޚާބުގެ ކެންޕޭންގެ ސްޕޯސްޕާރސަން މުޙައްމަދު ސައިފް ފާތިޙް ވިދާޅުވެއްޖެއެވެ.
ސިވިލް ސާރވިސް ޤާނޫނަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ހުށައެޅުއްވި އިޞްލާހަށް މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ސައްލެ ވިދާޅުވީ ސިވިލް ސާވިސްގެ މުވައްޒަފަކީ އޭނާގެ ވަޒީފާގެ އެއްބަސްވުމުގައި ސޮއިކުރާ ހިސާބުން ފެށިގެން ކަށްވަޅަށް ދިއުމާ ހަމައަށް އަގައިން ނުބުނެވޭނެ މީހެއް ކަމަށެވެ. އަދި އޭނާ ވިދާޅުވީ ސިވިލް ސާވިސް މުވައްޒަފުންނަށް ބޭނުންހާ ވާހައެއް ނުދެއްކޭނެކަމަށާއި، ނުވެސް ލިޔެވޭނެކަމަށެވެ. އަދި ސިވިލް ސާވިސް މުވައްޒަފުން ވާންޖެހެނީ “ފޭސް ލެސް” ނުވަތަ މޫނެއް ނެތް ބަޔަކަށް ކަމުގައިވެސް ސައްލެ ވިދާޅުވިއެވެ.
ސައްލެގެ މިވާހަތަކާއި ގުޅިގެން އެމްޑީޕީއަށާއި ސަރުކާރަށް ކުރިމަތި ވަމުންދާ ފާޑުކިޔުންތަކާއި ގުޅިގެން ސައިފް ވިދާޅުވީ އެމްޑީޕީން ސިވިލްސާވަންޓުންނަށް ދެރަ ގޮތެއް ނަހަދާނެކަމަށެވެ. އެމްޑީޕީއަކީ ޕާޓީގެ ޖަލްސާތަކާއި، އިވެންޓުތަކަށް ލިސްޓު ހަދައި ހާޒިރީ ބަލައިގެން ސިވިލްސާވަންޓުން ގެންދާނެ ޕާޓީއެއް ނޫންކަމަށެވެ. އެމްޑީޕީން ތާއީދު ކުރަނީ ޤާނޫނު އަސާސީން ކަށަވަރު ކޮށްދީފައިވާ ހައްގުތަށް އޭގެ މަތީ މިންވަރަށް އަބަދުވެސް ދިނުމަށް ކަމުގައެވެ.
އަޅުގަނޑުމެން މި ކެމްޕެއިންގެ ސްޓޭންޑަކީ ޕާޓީގެ ސްޓޭންޑަކީ ރައްޔިތުންގެ އަސާސީ ހައްގުތަކާއި މިނިވަންކަން ހިފެހެއްޓެން ވާނީ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ މިންވަރަށޭ. އެއަށްވުރެ އިތުރަށް އެއްވެސް ހައްޤަކަށް ބިރުވެރިކަން އަންނަ ގޮތަށް، އުނިކަން އަންނަ ގޮތަށް، ހަނިކަން އަންނަ ގޮތަށް އެއްވެސް ވާހަކައެއް ދެއްކުމަކީ، އެއްވެސް އަމަލެއް އަދި ފިޔަވަޅު އެޅުމަކީ ބަލައި ގަނެވޭނެ ކަމެއްނޫން. އަޅުގަނޑުމެއްްގެ ޕާޓީއަކުން ހާޒިރީ ބަލައިގެން ކެމްޕެއިްނ ޖަލްސާތަކާއި، ތަންތަން ދިއުން ނުބަލާނެ. އެބާވަތުގެ ކަމެއް އަޅުގަނޑުމެން ނުކުރާނެ.
– ސައިފް ވިދާޅުވިއެވެ.
https://t.co/BGabIPFeJq pic.twitter.com/DHOMdkzDkb
— Aeko Fathih (@aekofathih) March 25, 2021
ސައްލެ މިފަދަ ގޮތަކަށް ވާހަކަ ދެއްކެވިއިރު، ޤާނޫނު އަސާސީގެ 27 ވަނަ މާއްދާއން ދިވެހި ކޮންމެ ރައްޔިތަކަށް ޚިޔާލް ފާޅު ކުރުމާއި ބަސްބުނުމުގެ ހައްގު ލިބިގެންވެއެވެ. ޤާނޫނު އަސާސީގެ 27 ވަނަ މާއްދާގައި ބުނެފައިވަނީ މިނިވަންކަމާއެކު ފިކުރުކުރުމާއި، އިސްލާމްދީނުގެ އަޞްލަކާ ޚިލާފުނުވާ ގޮތެއްގެމަތީން އެމީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކާއި، ޚިޔާލުތައް ދުލާއި ޤަލަމުން އަދި މިނޫންވެސް ގޮތްގޮތަށް ފާޅުކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވާކަމަށެވެ.
ސައްލެގެ މިވާހަތަކާއި ގުޅިގެން ގިނަބަކު އޭނާއަށް ރައްދު ދެމުންދާއިރު، މިއީ ޤާނޫނު އަސާސީގެ ބާރު ކަނޑުވާލައި ޚުދުމުހުތާރު ވެރިކަމެއް ކުރުމަށް ކުރާ މަސައްކަތުގެ ބޮޅެއްކަމަށް ބައެއް ފަރާތްތަކުން ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ