އެތައްބައެއްގެ އަތުން ފައިސާނަގައިގެން ފިލައިގެން އުޅުނު އައްމަޓީ ރާއްޖެ ގެެނެސްފި

އެތައްބައެއްގެ އަތުން ފައިސާނަގައިގެން ފިލައިގެން އުޅުނު އައްމަޓީ ރާއްޖެ ގެެނެސްފި

Author
މުޙައްމަދު ޝަޒައިމް
24 މާރޗް 2021 10:32
0

ހުޅުމާލޭގައި ފްލެޓް އަޅައި އެތަން ވިއްކުމުގެ ނަމުގައި އޮޅުވާލައިގެން އެތައް ބައެއްގެ އަތުން ބޮޑެތި ޢަދަދުތަކުން ފައިސާ ނެގި މައްސަލާގައި ހޯދުމަށް އިންތަރޕޯލްގެ ނޯޓިސް ނެރެފައިވާ ސީ ލައިފް ގްލޯބަލްގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު މޫސާ (އައްމަޓީ) ރާއްޖެ ގެެނެސްފިއެވެ.

މިހާތަނަށް އައްމަތީ ރާއްޖެ ގެނައުން ލަސްވަނީ އޭނާގެ މައްސަލައެއް ލަންކާ ފުލުހުން ބަލަމުން އަންނާތީކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި މިހާރު އޭނާގެ މައްސަލަ ލަންކާ ފުލުހުން ތަހުގީގް ކޮށް ނިމުމުން އޭނާ ވަނީ ދިވެހި ފުލުހުންގެ ބެލުމުގެ ދަށުން ރާއްޖެ ގެނެސްފައެވެ.

އަހުމަދު މޫސާ ސްރީލަންކާއިން ހައްޔަރުކުރީ ފެބުރުއަރީ 21 ވަނަ ދުވަހުގެ ރެއެވެ. އައްމަޓީ ހައްޔަރުކުރަން އިންޓަޕޯލް މެދުވެރިކޮށް ނޯޓިސް ނެރެފައިވަނީ 2019 ވަނަ އަހަރުގެ އޭޕްރީލް މަހުއެވެ. އައްމަޓީ ހައްޔަރުކުރުމަށް އިންޓަރޕޯލުން ނެރެފައިވާ ނޯޓިސްގައިވާ ބުނެފައިވާގޮތުން އޭނާއަށް ކުރަނީ މަކަރާއި ހީލަތް ހެދުމުގެ ތުހުމަތާއި ފައިސާ ނެގުމަށް ފަހު ރައްދު ނުކުރުމާއި ފޯޖަރީގެ ތުހުމަތުތަކެވެ.

އައްމަޓީ ލަންކާއިން ހައްޔަރުކޮށްފައިޥާއިރު، އޭނާ ސްރީ ލަންކާގައި ދިރިއުޅޭކަން އެނގޭކަމާއި، އޭނާއާއި ދިވެހި ސިޔާސީ ބައެއް ފަރާތްތަކާއި މުޢާމަލާތްކުރާކަން މީގެ ކުރިން ހާމަވެފައިވާ މަޢުލޫމާތުތަކުން އެނގެއެވެ.

ސީލައިފުން ހުޅުމާލޭގައި 3000 އެޕާޓްމެންޓު އެޅުމުގެ ބޮޑު މަޝްރޫއެއް އިއުލާނު ކުރީ ސަރުކާރުގެ ދުވަސްވަރުއެވެ. އެކަމާއި ގުޅޭ އެއްބަސްވުމުގައިވެސް ދޮއިކޯށްފައިވާއިރު، އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ އެޕާޓްމެންޓްތައް ގަތުމަށް ބައެއް މީހުންވަނީ ފަންސާސް ހާހަށްވުރެ ގިނަ ފައިސާ ދައްކާފައެވެ. ސީލައިފުން އަޅާދޭނެކަމަށް ބުނި ފްލެޓްތައް އަޅާނުދީ އެތައް އަހަރެއްވުމުން އެ ފައިސާ ހޯދުމަށް ބައެއް ފަރާތްތަކުން އެމައްސަލަ ސިވިލް ކޯޓަށްވެސް ހުށައަޅާފައިވެއެވެ. އަދި ސީ ލައިފާ ގުޅޭ މައްސަލައެއް އެންޓި-ކޮރަޕްޝަން ކޮމިޝަނުންވެސް ގެންދަނީ ބަލަމުންނެވެ.

ފްލެޓު ގަތުމަށް “ސީ ލައިފް ގްލޯބަލް”އަށް ފައިސާ ދެއްކި މީހުންނަށް ބަދަލުދިނުމަށް އެޗްޑީސީން ނިންމެވުމުން މަޑުޖައްސާލުމަށް އެސެޓް ރިކަވަރީ ކޮމިޝަނުން އެޗްޑީސީއަށް އަންގައިފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ ގެ ރައީސް އަޙްމަދު އަސްޢަދު ވިދާޅުވެފައިވަނީ، ސީލައިފްގެ މައްސަލައަކީ އެ ކޮމިޝަނުން ބަލަންޖެހޭ މައްސަލައަކަށް ވުމުގެސަބަބުން މައްސަލަބަލައި ނިމެންދެން ބަދަލު ހޯދުމުގެ ކަންކަން މަޑުޖައްސާލުމަށް އަންގައި އެޗްޑީސީއަށް ސިޓީއެއް ފޮނުވާފައިވާކަމަށެވެ. މިމައްސަލައިގައި ކުށްވެރިވަނީ ކޮންފަރާތެއްކަން އަދި ނިންމާފައިނުވާކަމަށާއި ނަމަވެސް މައްސަލަ ބަލައި ނިމުމުން ފިޔަވަޅު އަޅަންޖެހޭ ފަރާތަކާމެދު ފިޔަވަޅުއަޅާނެކަމަށް އަސްޢަދު ވިދާޅުވިއެވެ.

ފްލެޓު ގަތުމަށް ސީ ލައިފް ގްލޯބަލްއަށް ފައިސާ ދެއްކި މީހުންނަށް ބަދަލުދޭން ނިންމި ނިންމުމުގެ ސަބަބުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނަށް ލިބޭ ގެއްލުމުގެ ބަދަލު ހޯދަން މަސައްކަތްކުރާނެ ކަމަށް އެޗްޑީސީންވަނީ ބުނެފައެވެ. ހުޅުމާލެއިން 3000 ހައުސިންގ ޔުނިޓްތައް ގަތުމަށްޓަކައި 203 ފަރާތަށްވުރެ ގިނަ ފަރާތުން ބުކިންގ ފީއާއި ޑައުންޕޭމަންޓް ފައިސާ ދައްކާފައި ވީނަމަވެސް އެމަސައްކަތް ކުރިއަށް ނުގެންދިޔުމުން ގެއްލުންވި މީހުންނަށް ދައުލަތުން މާލީ ބަދަލު ދޭ ގޮތަށް ވަނީ ސެޓްލްމަންޓް އެގްރިމެންޓެއް ހަދާފައެވެ. މިއެއްބަސްވުމާ ގުޅިގެން އެޗްޑީސީން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނީ މި މައްސަލައިގައި ސަރުކާރާއި އެ ކުންފުނީގެ އިޙުމާލެއް ނެތް ކަމުގައި ޤަބޫލުކުރެވުނުކަމުގައި ވީ ނަމަވެސް، މިކަމުގެ ސަބަބުން ގިނަ ބަޔަކަށް ގެއްލުން ވެފައިވާކަމަށެވެ. އަދި މި އެއްބަސްވުމަކީ އެފަރާތްތަކަށް ލިބިފައިވާ ގެއްލުން ކުޑަ ކޮށް އިންސާފު ހޯދައިދިނުމަށް ވެފައިވާ އެއްބަސްވުމެއްކަމަށް އެޗްޑީސީން ބުނެފައިވެއެވެ.

އެޗްޑީސީން ބުނެފައިވަނީ، މި އެއްބަސްވުމުގެ ދަށުން ސީ ލައިފް ގްލޯބަލް ޕްރައިވެޓް ލިމިޓެޑުން ޢިމާރާތްކުރުމަށް ނިންމި ފްލެޓުތައް ގަތުމަށް އެކުންފުންޏަށް ފައިސާ ދެއްކި ފަރާތްތަކަށް، އެފަރާތަކުން ދައްކާފައިވާ ފައިސާއާއި އެއްވަރުގެ ޢަދަދެއް ދިނުމަށް އެއްބަސްވެފައިވާކަމަށެވެ. އަދި ގެއްލުން ލިބިފައިވާ ފަރާތްތަކަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ސަރުކާރުން ކަނޑައަޅާ ހައުސިން ސްކީމެއްގެ ދަށުން ފްލެޓު ދިނުމަށް އެއްބަސްވެފައިވާކަމަށްވެސް އެޗްޑީސީގެ ބަޔާނުގައިވެއެވެ.

ސީލައިފް ގްލޯބަލްއާ ދެކޮޅަށް ދަޢުވާކުރި މީހުންނަށް ދައުލަތުން މާލީ ބަދަލު ދޭގޮތަށް ހަދާފައިވާ “ސެޓްލްމަންޓް އެގްރީމެންޓް”އާ ގުޅޭ މާބޮޑު ތަފްސީލެއް ލިބިފައިނުވިނަމަވެސް އެނގިފައިވާގޮތުގައި ސީލައިފަށް ދަޢުލަތުން ދައްކަންޖެހޭ 12 މިލިއަން ޑޮލަރު އެކުންފުންޏަށް ދެއްކުމުން، ބުކިން ފީދެއްކި ފަރާތްތަކަށް އަނބުރާ ފައިސާ ދެއްކުމަށް ސީލައިފުން ވަނީ އެއްބަސްވެފައެވެ.

އަދި ސީލައިފް އެޕާޓްމަންޓްތައް ގަތުމަށް ބުކިން ފީދެއްކި ފަރާތްތަކަށް ސަރުކާރުގެ ފަރާތުން ސޯޝަލް ހައުސިން މަޝްރޫޢުގެ ތެރެއިން ފްލެޓް ހަމަޖައްސައިދިނުމަށްވެސް އެއްބަސްވެފައިވެއެވެ. އަދި އެކަން ފްލެޓްތައް ގަތުމަށް ބުކިން ފީ ދައްކާފައިވާ ފަރާތްތަކަށް ސީލައިފުން މިހާރު ވަނީ އަންގާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.