ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯރޓް ތަރައްޤީކުރުމުގެ މަޝްރޫއުގެ ބީލަން މަރުޙާލާގެ ފުރަތަމަ ހަރުފަތްކަމުގައިވާ ކޮންޓްރެކްޓަރުން ޕްރީކޮލިފައިވުމަށް ހުށަހެޅުމަށް އިންޑިއާގެ އެކްސްޕޯޓް އިމްޕޯޓް ބެންކުން މިއަދު ހުޅުވާލައިފިއެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނެފައިވަނީ މި މަޝްރޫޢަކީ އިންޑިއާގެ އެގްޒިމްބެންކުގެ ލޯނު ފައިސާއިން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މަޝްރޫޢެއް ކަމަށެވެ. މި މަޝްރޫޢުގެ ދަށުން ހަނިމާދޫގައި 2,460 (ދެހާސް ހަތަރުސަތޭކަ ފަސްދޮޅަސް) މީޓަރުގެ އާ ރަންވޭއަކާއި 111,000 (އެއްލައްކަ އެގާރަ ހާސް) އަކަފޫޓުގެ ޒަމާނީ ޓަރމިނަލެއް ޢިމާރާތްކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި 624,000 (ހަ ލައްކަ ސައުވީސް ހާސް) އަކަފޫޓުގެ އޭޕްރަންއަކާއި ބައިނަލްއަޤްވާމީ ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ޤާއިމުކުރެވިގެންދާނެކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.
މިމަޝްރޫޢު ނިމުމުން ބައިނަލްއަޤްވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއަރބަސް A320 އާއި ބޯއިންގ 737 މަރުކާގެ ބޯޓުފަހަރަށް ހަނިމާދޫ އެއަރޕޯޓުން ޚިދުމަތް ދެވިގެން ދާނެއެވެ. އަދި މެދުއިރުމައްޗާއި، ދެކުނު އޭޝިއާއާއި، ދެކުނު އިރުމަތީ އޭޝިއާއާއި އިރުމަތީ އެފްރިކާގެ ޤައުމުތަކުން ސިދާ ފްލައިޓްތައް ހަނިމާދޫ އަށް އޮޕަރޭޓް ކުރުމުގެ ޤާބިލުކަން ލިބިގެންދާނެއެވެ. މިއެއަރޕޯޓުގެ ޓަރމިނަލް ފަރުމާކުރެވިފައިވަނީ ދިވެހި ކަނޑުތަކުގައި ދިރިއުޅޭ މަޑި ސިފަވާނެފަދަ ދިވެހިވަންތަ ފަރުމާއަކަށެވެ.
އަދި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭނެ ވަޞީލަތްތަކާއެކުގައެވެ. ހަނިމާދޫ އެއަރޕޯޓް ތަރައްޤީ ކުރުމަކީ ރާއްޖޭގެ އުތުރުގައި އިޤްތިޞާދީ މައި ހަބެއް ޤާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ގެންގުޅުންވާ ވިސްނުންފުޅުގެ ދަށުން ކުރިޔަށް ގެންދެވޭ މުހިއްމު މަޝްރޫއެކެވެ. މިގޮތުން މި މަޝްރޫޢަކީ އުތުރުގައި ރިސޯޓުތަކާއި، ސިޓީ ހޮޓަލާއި ގެސްޓްހައުސްތައް އިތުރުކޮށް، ފަތުރުވެރިކަން ފުޅާކުރުމަށް މުހިއްމު މަޝްރޫއެކެވެ. އަދި މާލެ ސަރަޙައްދަށް ބަރޯސާ ނުވެ، ސީދާ އުތުރުގައި ބޮޑެކަންނެލި ޕެކުކޮށް، ހަނިމާދޫއިން ވައިގެ މަގުން ބޭރުކުރުމަށް މަޝްރޫޢުގެ ސަބަބުން މަގުފަހިވެގެންދާނެއެވެ. އަދި މިނޫންވެސް ތަފާތު އެކި ސިނާޢަތްތައް ތަރައްޤީކޮށް، އުތުރުގެ އިޤްތިޞާދު ފުޅާކުރުމަށް މުހިއްމު ދައުރެއް އަދާކުރާނެއެވެ. މި އަހަރުގެ ތިންވަނަ ކުއާޓަރުގައި މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށިގެންދާނެކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ