ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގައި މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ މެމްބަރު ޝިޔާމްގެ ޞިއްޚީ ހާލަތާއި ގުޅުވައިގެން ދެއްކެވި ވާހަކަތަކަކީ ކަނޑައެޅިގެން ދޮގެއްކަމަށް މެމްބަރު ޝިޔާމް ވިދާޅުވެއްޖެއެވެ.
މަޖިލީހުގައި މިއަދު ވާހަކަ ދައްކަވަމުން ރާއީ ވިދާޅުވީ ކޯވިޑަށް ޕޮޒިޓިވްވުމުން އޭނާ ޝިޔާމް އަށް ގުޅައި ހާލު ބެއްލެވިކަމަށެވެ. އޭނާ ގުޅުމުން ޝިޔާމް ވަނީ އޭނާ އުޅުއްވަނީ ވަރަށް ހާލުގައި ކަމަށް ވިދާޅުވެފައިކަމަށެވެ. އަދި ޝިޔާމް ކޮންމެ ދުވަހަކު މަގުމައްޗަށް ނެރެ މުޒާހަރާ ކުރުވައި ކަންކަން ކުރައްވަނީ ސައީދު ކަމަށް ވިދާޅުވެފައިވާކަމަށެވެ.
ރާއީގެ ވާހަކަތަކާއި ގުޅިގެން ޝިޔާމް ކުރެއްވި ޓްވީޓުގައި ވިދާޅުވީ މިހާތަނަށް ރާއީ ޝިޔާމް އަށް ގުޅުއްވާފައި ނުވާކަމަށެވެ. ނަމަވެސް މަޖިލީހުގައި ހިމެނޭ އެމްޑީޕީއަށް ނިސްބަތްވާ ވަރަށް ގިނަ މެމްބަރުން ގުޅުއްވައި ހާލު ބައްލަވާފައިވާކަމަށެވެ. އަދި ހާލު ރަނގަޅުކަމަށް ދަންނަވާފައިވާކަމަށެވެ.
މަކުނުދޫ ދާއިރާގެ މެމްބަރު އަޚު މުހައްމަދު ރާއީ ދާދި ދެންމެއަކު މަޖިލިސް ތަޅުމުގައި ހެއްދެވީ ވަރަށް ބޮޑު އިތުރުފުޅެއް. ރާއީ އުޅުއްވަނީ އަދި އަޅުގަނޑަށް ނުގުޅުއްވިގެން. އެހެން ނަމަވެސް ވަރަށް ގިނަ އެމްޑީޕީ މަޖިލިސް މެމްބަރުން ގުޅުއްވާ ހާލު ބެއްލިވި. އަޅުގަޑުގެ ހާލު ވަރަށް ރަނގަޅު ކަމަށް ދެންނެވިން.
– ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް އިއްޔެވެސް ވަނީ އޭނާގެ ހާލަތު ރަނގަޅުކަމަށް ވިދާޅުވެފައެވެ. އިއްޔެ ޝިޔާމް ވިދާޅުވެފައިވަނީ އޭނާ ކޯވިޑަށް ޕޮޒިޓިވްވި ނަމަވެސް ބަލީގެ އަލާމާތްތައް ނުފެންނަ ކަމަަށެވެ. އަދި އޭނާގެ ހާލު ރަނގަޅު ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
ޝިޔާމަކީ މަޖިލީހުގެ މެންބަރުންގެ ތެރެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވި ދެ ވަނަ މެންބަރެވެ. އެންމެ ފުރަތަމަ ކޯވިޑް-19 އަށް ޕޮޒިޓީވްވީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމްއެވެ. އާޒިމް ގެންދަނީ މިހާރު ބަލިން ރަނގަޅުވެ މަޖިލިސް ޖަލްސާތަކުގައިވެސް ބައިވެރި ވަމުންނެވެ.
ކޮމެންޓު ފޮނުވާ