ކަންކަން މަތީ މައިކާއިއެކީ ކެމްޕެއިން ނުކުރެވޭތީ ނުހަނު ހިތާމަކުރަން: ނަޝީދު

ކަންކަން މަތީ މައިކާއިއެކީ ކެމްޕެއިން ނުކުރެވޭތީ ނުހަނު ހިތާމަކުރަން: ނަޝީދު

Author
މުޙައްމަދު ޝަޒައިމް
23 މާރޗް 2021 09:56
0

ކޯވިޑް-19 އާއިއެކީ ކުރިމަތިވެފައިވާ މިހާލަތުގައި ކައުންސިލް އިންތިޚާބު ބާއްވާއިރު، އެންމެބޮޑު ގޮންޖެހުމަކީ އެހެން އިންތިޚާބުތަކުގައި ކެމްޕެއިން ކުރިގޮތަަށް ކެމްޕެއިން ކުރުމުގެ ފަރުސަތު ނެތުން ކަމުގައި މަޖިލީގުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ކެމްޕެއިން ކުރުމަށް ހަމަހަމަ ފުރުސަތު ނުލިބޭތީ އިދިކޮޅު މަޖިލިސް މެމްބަރު މުހައްމަދު ސައީދު ހުށަހެޅުއްވި ކުއްލި މައްސަލާގައި މެމްބަރުން ދެއްކެވި ވާހަކަތަކަށް އިޝާރާތް ކުރައްވައި މަޖިލިސް ރައީސް ވިދާޅުވީ ކޯވިޑާއިއެކު ކެމްޕެއިން ކުރުމަށް ވަރަށް ބޮޑަށް ދަތިވެފައިވާކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނަކީ އަބަދުވެސް ރަށް ރަށަށް ގޮސް ބޮޑެތި ޖަލްސާތައް ބާއްވައިގެން ކެމްޕެއިން ކުރަން ބޭނުންވާ ބޭފުޅެއްކަމަށެވެ.

މިފަހަރުގެ އިންތިޚާބުގައި ކިތަންމެ ގިނަ ގޮންޖެހުންތަކެއް ހުރިނަމަވެސް އިންތިޚާބު ބޭއްވުމަކީ ވަރަށް މުހިންމު ކަމެއްކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ. އަދި މަޖިލީހުގެ މެމްބަރުން އުސޫލުތަކުގެ ތެރެއިން ކެމްޕެއިން ކުރަން ރަށްރަށަށް ދާން ބޭނުންނަމަ އެކަން ހަމަޖައްސަން ކުރަންޖެހޭ ކަންކަން މަޖިލިސް ތެރެއިން ކުރައްވާނެކަމަށެވެ.

ކެމްޕެއިންގައި ކެމްޕެއިން ތަޤްރީރެއް ނުދެވޭ ކަމީ އަޅުގަނޑުވެސް ވަރަށް ހިތާމަކުރާކަމެއް. ވަރަށް ހިތަށް އަރާ ރަނގަޅަސް ކަންކަން މަތީގައި މައިކާއި އެކުގައި މިމަސައްކަތް ހިންގޭނަމައޭ. ތިވިދާޅުވާ ގޮތްތަކަށް ހަމަހަމަ ފުރުސަތު ލިބިގެންދާނެ ނަމައޭ. އެހެންނަމަވެސް ދަތިވެ މިއުޅެނީ މިކަން އަޅުގަނޑުމެން ކުރިއަށް ގެންދަން.

– މަޖިލިސް ރައީސް ވިދާޅުވިއެވެ.

މަޖިލީހަށް ކުއްލި މައްސަލަ ހުށަހަޅުއްވަމުން މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވީ މިމައްސަލަ ހުށަހެޅުއްވި އެންމެ ބޮޑު މަޤްސަދަކީ ޤާނޫނޫނު އަސާސީގެ 18 ވަނަ މާއްދާއިން ކަށަަވަރުކުރާ ހައްގުތައް ނުލިބުންކަމަށެވެ. ކެމްޕެއިންގައި އިދިކޮޅު ކޯލިޝަން ކެނޑިޑޭތުންނާއި، ޕާޓީތަކަށް ކެމްޕެއިން ކުރެވޭނެ އެއްވެސް ގޮތެއް ނެތްއިރު ސަރުކާރުން މުޅި ރާއްޖޭގައި ދަތުރުކޮށްގެން ކެމްޕެއިން ކުރަމުންދާކަމަށް ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ އެމްޑީޕީއާއި ރައީސް ނަޝީދަކީ ހަމަހަމަ ކަމާއިއެކު ކެމްޕެއިން ކުރެވޭނެ ފުރުސަތު ހޯދައި ހައްގުތަކަށް ބަކާލާތު ކުރި މީހުންކަމަށެވެ. ނަމަވެސް މިއަދު ފެނިގެންދަނީ އެއްވެސް ހަމައެއް އުސޫލެއްނެތި އެމްޑީޕީއަށް އެކަނި ސިޔާސީ ހަރަކާތް ހިންގޭތަންކަމަށެވެ.

ސައީދު ވަނީ މިމައްސަލާގައި ކެމްޕެއިނަށް ހަމަހަމަ ފުރުސަތު ހޯދާނެ ޖާގަ ތަނަވަސްކޮށް، އިދިކޮޅު ފަރާތްތަކަށް ކެމްޕެއިން ކުރެވޭނެ މަގު ފަހި ކުރުމަށް ގޮވާލާފައެވެ. އަދި ސަރުކާރުން އިދިކޮޅު ފަރާތްތަކުގެ އަޑު ކަނޑުވާލުމަށް ކުރަމުންދާ މަސައްކަތް ހުއްޓާލައި ޤާނޫނު އަސާސީން ކަށަވަރުކޮށްދޭ ހަމަހަމަ ފުރުސަތު ގާއިމް ކޮށްދިނުމަށް ސައީދު ވަނީ ގޮވާލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.