އާޓިފިޝަލް ބީޗުގައި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ރޭމްޕެއް

އާޓިފިޝަލް ބީޗުގައި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ރޭމްޕެއް

Author
މުޙައްމަދު ޝަޒައިމް
23 މާރޗް 2021 09:07
0

ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އަމާޒުކޮށްގެން އާޓިފިޝަލް ބީޗުގައި ރޭމްޕެއް ހެދުމުގެ މަސައްކަތް ފަށައިފިއެވެ.

ހެދިގޮނޑުދޮށުގައި ކުރިއަށްދާ ރޭމްޕް ހެދުމުގެ މަޝްރޫޢަކީ އެމްޓީސީސީގެ އިޖުތިމާޢީ ޒިންމާގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެކެވެ. އަދި މިމަޝްރޫޢަކީ ޕްލޭނިންގް މިނިސްޓްރީއާއި، ޔޫތް މިނިސްޓްރީ އާއި މާލޭ ސިޓީ ކައުންސިލާއި އެމް. އޭ.ޑީ.ޑީ. އާއި ގުޅިގެން މި ކުންފުނިން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މި މަޝްރޫޢުގެ ދަށުން، 48.24 އަކަ މީޓަރުގެ ވޯކްވޭއަކާއި ކޭމްޕެއް ހެދުމާއި، ޗެންޖިންގ އިސްޓެއް ހެދުމާއި، ސޭޑިންގް ހަޓެއް ހެދުމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫޢަކީ އިޖްތިމާޢީ ޒިންމާގެ ދަށުން ކުރިއަށް ގެންދާ މަސައްކަތެކެވެ.

މުޖުތަމަޢުގެ ކަންކަމަށް ޙިއްޞާކުރުމުގެ ރޫހަކީ އެމް.ޓީ.ސީ.ސީ އުފެދުނީއްސުރެ އެކުންފުނީގެ ސަޤާފަތުގައި ހިމެނޭކަމެއްކަމަށާއި، އަދި މި މަސައްކަތުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ހިލޭސާބަހަށް މަސައްކަތްކުރާ ޖަމާޢަތްތަކާގާތުން މަސައްކަތްކުރަމުންދާކަމަށް އެމް.ޓީ.ސީ.ސީން ވިދާޅުވެއެވެ. އަދި އެކުންފުނީގެ ހަޔާތުގައި ވޭތުވެދިޔަ އަހަރުތަކުގައި، ތަފާތު ރޮނގުރޮނގުން އިޖްތިމާޢީ ޒިންމާ އަދާކޮށްދީފައިވާކަންވެސް އެކުންފުނިން ހާމަކުރައްވައެވެ.

ހެދިގޮނޑުދޮށް ސަރަޙައްދުގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙުމަދު މަޙްލޫފް، އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް، މާލެ ސިޓީ ކައުންސިލްގެ މަންދޫބުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާއެއް ކަމަށްވާ މޯލްޑިވްސް އެސޯސިއޭޝަން ފޮރ ޕަރސަންސް ވިތް ޑިސްއެބިލިޓީޒް (އެމް.އޭ.ޕީ.ޑީ) ގެ ޗެއަރޕާރސަން އަޙުމަދު މުޙައްމަދާއި އެޖަމިއްޔާގެ މެމްބަރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.