ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ) މުވައްޒިފުންނަށް މިދިޔަ އަހަރު ބޯނަސްގެ ގޮތުގައި އެއްމަހުގެ މުސާރަ ދޭން ނިންމައިފިއެވެ.
އެކުންފުނިން މިއަދު ބުނެފައިވަނީ ކޯވިޑްގައި ދިމާވި އިޤްތިޞާދީ ގޮންޖެހުންތަކާއި އެކުގައިވެސް ކުންފުނީގެ މުވައްޒިފުންނަށް ލުއި ގޮތްތަކެއް ހޯދައި ދިނުމަކީ އެކުންފުނީގެ އަމާޒުކަމަށެވެ. އަދި ޚާއްސަކޮށް މުވައްޒިފުންގެ މުސާރަޔާއި އިނާޔާތައް ބަރާބަރަށް ދިނުމަކީ އެންމެ ބޮޑު އަމާޒު ކަމަށާއި، އެކަން މިހާތަނަށްވެސް ކުރެވިގެންދާކަމީ އުފާ ކުރައްވާކަމެއްކަމަށެވެ.
ކޮވިޑް19 ގެ ބަލިމަޑިކަމުގައި ދުނިޔެއާއި ރާއްޖެއަށް ކުރިމަތިވި އިގްތިސާދީ ގޮންޖެހުމުގައި މި ކުންފުންޏަށް މާލީގޮތުން ބޮޑެތި ގެއްލުންތަކެއްވިޔަސް، މުވައްޒަފުންގެ ހިއްވަރުގެ އަގުވަޒަން ކުރުމަށްޓަކައި، އެއް މަހުގެ މުސާރަ، 2020 ވަނަ އަހަރުގެ އަހަރީ ބޯނަސްގެ ގޮތުގައި ދޭން ނިންމައިފިން.
– އާރުސީސީން ބުނެފައިވެއެވެ.
އަރުސީސީން އަހަރީ ބޯނަސްގެ ގޮތުގައި އެއްމަހުގެމުސާރަ ދިނުމަށް ނިންމުމާއި ގުޅިގެން އެކުންފުނީގެ ހިއްސާދާރު އަދި ކުރީގެ ޑިފެންސް މިނިސްޓަރ އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔަރޑް މުޙައްމަދު ނާޒިމް ވިދާޅުވީ ކުންފުނީގެ މުވައްޒިފުންގެ ހިންހަމަ ޖެހުމަށް ކުރެވޭ ކޮންމެ ކަމަކީވެސް ލިބޭ އުފަލެއްކަމަށެވެ.
ކުންފުނީގެ އެންމެ ބޮޑު ރައުސުލްމާލަކީ މުވައްޒަފުން. ބޮޑެތި މާލީ ދަތިތަކާއެކުވެސް، 2020 ވަނަ އަހަރުގެ އަހަރީ ބޯނަސްގެ ގޮތުގައި އެއް މަހުގެ މުސާރަ ދޭން ނިންމުމަކީ އުފަލެއް. އާރްސީސީން މުވައްޒަފުންގެ ކަންކަމުގައި އަބަދުވެސް ނަމޫނާ ދައްކާނެ.
– ނާޒިމް ވިދާޅުވިއެވެ.
ކުންފުނީގެ އެންމެ ބޮޑު ރައުސުލްމާލަކީ މުވައްޒަފުން. ބޮޑެތި މާލީ ދަތިތަކާއެކުވެސް، 2020ވަނަ އަހަރުގެ އަހަރީ ބޯނަސްގެ ގޮތުގައި އެއް މަހުގެ މުސާރަ ދޭން ނިންމުމަކީ އުފަލެއް. އާރްސީސީން މުވައްޒަފުންގެ ކަންކަމުގައި އަބަދުވެސް ނަމޫނާ ދައްކާނެ. https://t.co/thUOVsmF5C
— Col(rtd)Mohamed Nazim MP (@nazim7878) March 22, 2021
ކޯވިޑް-19ގެ ހާލަތުގައި ގިނަ ކުންފުނިތަކަށް ބޮޑެތި ގެއްލުންތަކެއްލިބުމާއި ގުޅިގެން ބައެއް ކުންފުނިންވަނީ މުވައްޒިފުން މަދުކޮށް ވަޒީފާތަކުން ވަކިކޮށްފައެވެ. ނަމަވެސް ބައެއް ކުންފުނިތަކުން ދަނީ މުވައްޒިފުންގެ މުސާރަތަކުން ކޮންމެވެސް ވަރެއް ކުޑަކޮށްގެންވެސް މުވައްޒިފުން ގެންގުޅެމުންނެވެ.
ކޮމެންޓު ފޮނުވާ