މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އަތޮޅު ތެރޭގައި ހިންގި މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއްގެ ތެރެއިން މަސްތުވާތަކެތި ހޯދައި މީހަކު ހައްޔަރުކޮށްފިއެވެ.
އެ ދެ އޮޕަރޭޝަނުގެ ތެރެއިން ތ. ކިނބިދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނުގައި 26 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވެއެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މާރިޗު މަހުގެ 21 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައެވެ. ކިނބިދޫ ޕޮލިސް ސްޓޭޝަނާއި ވޭމަންޑޫ ޕޮލިސް ސްޓޭޝަން އަދި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި އެ ރަށު ބަނދަރު ސަރަހައްދުން އޭނާ ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ބޮޑު ރަބަރު ޕެކެޓެއް ފެނިފައިވެއެވެ.
އޭގެ އިތުރުން، މާލެއިން ފުރައިގެން ބ. ތުޅާދުއަށްދާ ލޯންޗަކުން މަސްތުވާތަކެތި ގެންދާ ކަަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ތުޅާދޫ ޕޮލިސް ސްޓޭޝަނާއި އޭދަފުށި ޕޮލިސް ސްޓޭޝަން އަދި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެެނެސްފައިވެއެވެ. މި މާރިޗު މަހުގެ 20 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި އެ ލޯންޗުން ގެނައި ފޮށިގަނޑެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވެއެވެ. މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.
މި ދެ މައްސަލަވެސް ފުލުހުން ތަހުގީގު ކުރަމުންދާކަމަށް އެއިދާރާއިން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ