355 ޔުނިޓްގެ މިކްސްޑް ޔޫސް ރެސިޑެންޝަލް ޕްރޮޖެކްޓްގެދަށުން ތަރައްގީކުރާ 300 ޔުނިޓް އަޅާނެ 3 ކުންފުޏެއް ކަނޑައަޅާ ކޮންޑިޝަނަލް ސިޓީގައި ފުރިހަމަކުރަން ޖެހޭ ކަންކަން ފުރިހަމަ ކުރުމަށް ފުރުސަތު ދީފިއެވެ.
300 ޔުނިޓުގެ މަސައްކަތް ކުރުމަށް ކަނޑައެޅި ތިން ކުންފުންޏަކީ ރަޝީދު ކާޕެންޓްރީ ކޮންސްޓްރަކްޝަން، ސާސް.އީ އާއި ގްލަޓް ޖޮއިންޓް ވެންޗަރ އަދި އެސް.ޖޭ ކޮންސްޓްރަކްޝަނެވެ. އަދި ބާކީ 55 ޔުނިޓް ތަރައްޤީކުރާނެ ފަރާތެއް ހޮވުމުގެ އިވެލުއޭޝަން މަސައްކަތް ނިންމާ ކޮންޑިޝަނަލް އެވޯޑް ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އެޗްޑީސީން ބުނެއެވެ.
މިކްސްޑް ޔޫސް ރެސިޑެންޝަލް ޕްރޮޖެކްޓަކީ މެދު އަދި މަތީ ފަންތީގެ ގެދޮރުވެރިކަމަށް ޙާއްޞަކޮށް، ޑިމާންޑާއި އެކަށީގެންވާ ވަރަށް ޕްރޮޖެކްޓްތައް ހިންގުމުގެ ގޮތުން އެޗްޑީސީން ފަށާފައިވާ މަސައްކަތެއްކަން އެ ކޯޕަރޭޝަނުން ފާހަގަކުރެއެވެ.
މި މަޝްރޫޢުގެ ދަށުން އިމާރާތްކުރާ ތަންތަނަކީ މިގޮތަށް އިމާރާތް ކުރެވިގެން އާންމުނަށް އެންމެ ކުޑަ އަގުގައި ފޯރުކޮށްދެވޭނެ ބޯހިޔާވަހިކަން ކަންވެސް އެ ކޯޕަރޭޝަނުން ފާހަގަކުރެއެވެ.
އެގޮތުން ރަޝީދު ކާޕެންޓްރީ ކޮންސްޓްރަކްޝަންގެ ފަރާތުން ޔުނިޓްތައް ވިއްކުމަށް ހުށަހަޅާފައިވާ އަގަކީ އަކަފޫޓަކަށް 1008 ދިވެހި ރުފިޔާއެވެ. އަދި އެސް.އޭ.އެސް.އީ އާއި ގްލަޓް ޖޮއިންޓް ވެންޗަރ އިން ހުށަހަޅާފައިވާ އަގަކީ އަކަފޫޓަކަށް 2185 ދިވެހި ރުފިޔާއެވެ. މީގެއިތުރުން އެސް.ޖޭ ކޮންސްޓްރަކްޝަންއިން ހުށަހަޅަފައިވަނީ އަކަފޫޓަކަށް 1987 ދިވެހި ރުފިޔާއެވެ. މިއީ މިހާތަނަށް މިކެޓަގަރީން ހައުސިންގ ޔުނިޓް ވިއްކުމަށް ހުށަހަޅާފައިވާ އެއްމެ ކުޑަ އަގުތައްކަމަށް އެޗްޑީސީން ބުނެއެވެ.
ކޮންޑިޝަނަލް ސިޓީގައިވާ ކަންކަން ފުރިހަމަ ކުރުމަށް ފަހު މާރިޗު މަހުގެ ތެރޭގައި އެއްބަސްވުމުގައި ސޮއިކުރެވޭނެ ކަމަށް އެޗްޑީސީން އަންދާޒާ ކުރެވެއެވެ.