ދައުލަތުގެ ތިންބާރުގެ ވެރިން ވެކްސިން ޖައްސަވައި އިތުބާރު ދެއްވައިފި

ދައުލަތުގެ ތިންބާރުގެ ވެރިން ވެކްސިން ޖައްސަވައި އިތުބާރު ދެއްވައިފި

Author
މުޙައްމަދު ޝަޒައިމް
01 ފެބްރުއަރީ 2021 10:18
0

ދައުލަތުގެ ތިންބާރުގެ ވެރިންގެ ގޮތުގައި ތިއްބެވި ބޭފުޅުން ކޯވިޑް-19ގެ ވެކްސިން ޖައްސަވައި ރައްޔިތުންނަށް ނަމޫނާ ދައްކަވައިފިއެވެ.

މާލޭގައި ކޮވިޑް ވެކްސިން ޖެހުމުގެ ކަންކަން ކުރިއަށްދަނީ ސޯޝަލް ސެންޓަރުގައެވެ. ކޯވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖޭގައި މިއަދު ފެށި ވެކްސިން ޕްރޮގުރާމަށް ބޮޑު ތަރުހީބެއް ލިބިފައިވާއިރު، ވެކްސިން އެންމެ ފުރަތަމަ ޖައްސަވައި ރައްޔިތުންނަށް ޔަގީންކަން ދެއްވާފައިވަނީ ދައުލަތުގެ ވެރިންނެވެ. ދައުލަތުގެ ވެރިންގެ ތެރެއިން ތިންބާރުގެ ވެރިންގެ ގޮތުގައި ހިމެނޭ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، އުއްތަމަ ފަނޑިޔާރު ޑރ.އަހުމަދު މުއުތަސިމް އަދުދާނުވެސް ވަނީ ވެކްސިން ޖައްސަވާފައެވެ.

ވެކްސިން ޖައްސެވި ބޭފުޅުންގެ ތެރޭގައި ރާއްޖޭގައި ތިއްބަވާ އެކި ޤައުމުތަކުގެ ސަފީރުންވެސް ހިމެނެއެވެ. އެގޮތުން އިންޑިޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރުވެސް ވަނީ ވެކްސިން ޖައްސަވާފައެވެ. ވެކްސިންގެ ޖެއްސެވި ބޭފުޅުންގެ ތެރޭގައި ރާއްޖޭގެ ފްރަންޓް ލައިންގައި ތިއްބެވި އެންމެ އިސް ޑޮކްޓަރުންވެސް ހިމެނެއެވެ.

ވެކްސިން ދިނުމުގައި 3 ބަޔަކަށް އިސްކަން ދިނުމަށް އެޗްޕީއޭއިން ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ޞިއްޙީ ޚިދުމަތުގައި އަދި އިޖްތިމާޢީ ޚިދުމަތުގައި އިސް ސަފުގައި މަސައްކަތްކުރާ މީހުންނާއި، އުމުރުން 50 އަހަރުން މަތީގެ މީހުންނެވެ. އަދި އުމުރުން 18 އަހަރާއި 50 އަހަރާއި ދެމެދުގެ މީހުންގެ ތެރެއިން މި ބައްޔަށް ހުށަހެޅިއްޖެނަމަ އެކަމުގެ ނުރައްކާ އެންމެ ބޮޑުވާނެ މީހުންނާއި، އަސާސީ ޚިދުމަތް ފޯރުކޮށްދިނުމުގައި އިސް ސަފުގައި ހަރަކާތްތެރިވާ މީހުންނާއި، ރާއްޖޭގައި ދިރިއުޅޭ މީހުންގެ ތެރެއިން ރާއްޖެއިން ބޭރަށް ދަތުރުކުރާ މީހުންވެސް ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އައިސް
އެއީ ޑަބުުލިޔު އެޗް އޯ ތޯ؟؟؟