މިންތީގެ ހަމަހަމަކަން ކަށަވަރުކުރުމަށް ވިސްނުން ބަދަލުކުރަންޖެހޭ: އޭޖީ

މިންތީގެ ހަމަހަމަކަން ކަށަވަރުކުރުމަށް ވިސްނުން ބަދަލުކުރަންޖެހޭ: އޭޖީ

Author
މުޙައްމަދު ޖިމީ
25 ޖެނުއަރީ 2021 04:49
0

މިންތީގެ ހަމަހަމަކަން ކަށަވަރުކުރުމަށް ވިސްނުން ބަދަލުކުރަންޖެހޭކަމަށް އެޓާނީ ޖެނެރަލް އިބްރާހީމް ރިފްޢަތު ވިދާޅުވެއްޖެއެވެ.

އޭޖީ މިހެން ވިދާޅުވެފައިވަނީ ކައުންސިލްތަކުން އަންހެނުންނަށް ގޮނޑި ޚާއްސަކޮށްގެން، ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހަކީ ޤާނޫނު އަސާސީއާއި ހިލާފު ނިންމުމެއް ނޫންކަމަށް ހައިކޯޓުން ކުރި ހުކުމަށް އިޝާރާތްކުރައްވައެވެ. މިހުމާއި ގުޅިގެން މިއީ އަންހެނުން ބާރުވެރިކުރުމަށް ލިބު ކާމިޔާބީއެއްކަން ފާަގަކުރައްވާ އޭޖީ ވަނީ އެ އޮފީހުގެ ފަރާތުން މިމައްސަލާގައި ވަކާލާތު ކުރެއްވި ވަކީލުންނަށް ޝުކުރު ދަންނަވާފައެވެ.

އުންސިލްތަކުގެ %33 އަންހެނުންނަށް ޚާއްސަކޮށް ލާމަރުކަޒީ ޤާނުނަށް އިޞްލާހު ގެނައީ 2019 ވަނައަހަރުގެ ޑިސެމްބަރުމަހުގެ 15 ވަނަދުވަހުއެވެ. ނަމަވެސް އެއީ ޤާނޫނާއި ޚިލާފް ނިންމުމެއްކަމށް ކަނޑައަޅާއިދިނުމަށް އެމައްސަލަ ކޯޓަށް ހުށައެޅުއްވީ މޫސާ އަންވަރުއެވެ. އޭނާ ހުށައެޅި މައްސަލާގައި ބުނެފައިވަނީ ޤާނުނު އަސާސީން ކޮންމެ މީހަކަށްވެސް ލިބިދީފައިވާ ފުރުސަތެއް ޤާނޫނު އަސާސީއަށް ބަދަލު ނުގެނެސް އެ ހައްގު ނިގުޅައި ނުގަނެވޭނެކަމަށެވެ.

މި މައްސަލާގައި ވަަކާލާތުކުރައްވަމުން ދައުލަތުގެ ބަންޑާރަ ނައިބުގެ އޮފީހުން ބުނީ އަންހެނުންނަށް ގޮނޑި ހާއްސަކުރުމުން އެއްވެސް ބައެއް އަސާސީ ހައްގެއް ހަނިނުވާކަމަށާއި، މިބަދަލު ގެނެސްފައިވަނީ ޑިމޮކްރެޓިކް ޤައުމުތަކުގައި އަމަލުކުރަމުން އަންނަ އުސޫލްތަކުގެ މައްޗަށް ބަލާ ފާސްކޮށްފައިވާ ޤާނޫނެއްކަމަށެވެ.

މި މައްސަލަ ނިންމާ ހައިކޯޓުން އިއްވި ހުކުމުގައި ބުނެފައިވަނީ ޤާނޫނު އަސާސީގެ މާއްދާތަކުން ތަފާތުކުރުން ފެންނަން އެބަހުރިކަމަށެވެ. އެގޮތުން ވަކިކަންކަމުގައި އުމުރުތައް ކަނޑައަޅާފައި ހުރުމުން ޤާނުނު އަސާސީގައި ދެވަނަ ބާބުގައި ހުރިކަންކަމަކީ މުތުލަގުކޮށް ދީފައިވާ ހައްގުތައް ނޫންކަން އެގޭކަމަށެވެ. އަންހެނުންނަށް ވަކި ގޮނޑިތަކެއް ކަނޑައެޅުމަކީ ޖިންސުގެ ތަފާތުކުރުންތަކެއް ނަމަވެސް އެ ނިންމުމަކީ ޤާނޫނު އަސާސީއާއި ހިލާފު ނިންމުމަކަށް ނުވާނެކަމަށެވެ. ވަކި ބަޔަކަށް ނުވަތަ ވަކި ޖިންސަކަށް ރައްކާތެރިކަން ދިނުމަށް ޤާނޫނުތަކުން ތަފާތުކުރުން ގެނެވިދާނެކަމަށް ޤާނޫނު އަސާސީގައި ބުނާއިރު ސިޔާސީ އިގްތިސާދީ އިޖުތިމާއި ކަންކަމުގައި އަންހެނުންގެ ބައިވެރިވުން އިތުރުކޮށް އަންހެންހުން ބައިވެރިކުރުވުމަށް ޖެންޑަރ އިކުއަލިޓީ ޤާނޫނުގައި ބާރުދީފައިވާކަންވެސް ހައިކޯޓްގެ ހުކުމްގައިވެއެވެ.

އެހެންކަމުން ލޯކަލް ކައުންސިލްތަކުގެ 33 އިންސައްތަ އަންހެނުންނަށް ކަނޑައެޅުމަކީ ޤާނޫނު އަސާސީ ތައާރަޒުނުވާ ސައްހަ އިޖުރާތުތަކެއްގެ ތެރެއިން ފާސްކޮށްފައިވާ މާއްދާއެއްކަން އެނގޭކަމަށް ވެސް ހައިކޯޓްގެ ހުކުމްގައިވެއެވެ. މި މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ ބެންޗުގައި ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ނިޔާޒްއެވެ. ދެން ބެންޗުގައި ހިމެނިވަޑައިގަންނަވަނީ އިސްފަނޑިޔާރު އަލްއުސްތާޛު ހާތިފް ޙިލްމީ އާއި ފަނޑިޔާރު އަލްއުސްތާޛު ޢަލީ ސަމީރާއި، ފަނޑިޔާރު އަލްއުސްތާޛު ޙުސައިން ޝަހީދާއި، ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލް ރައޫފް އިބްރާހީމްއެވެ.

މޫސާ އަންވަރު މި މައްސަލަ ފުރަތަމަ ހުށައެޅީ ސުޕްރީމްކޯޓަށެވެ. އެހެންނަމަވެސް މި މައްސަލަ ބަލަންޖެހޭ ފުރަތަމަ މަރުހަލާއަކީ ހައިކޯޓުކަމުން އެކޯޓުން ވަނީ މި މައްސަލަ ބަލައިނުގަންނަން ނިންމާފައެވެ. ލޯކަލް ކައުންސިލްތަކުގެ 33 އިންސައްތަ އަންހެނުންނަށް ހާއްސަކޮށް ލާމަރުކަޒީ ޤާނުނަށް ގެނައި އިސްލާހުން އިންތިޚާބުގައި ޖުމްލަ 300 ވުރެ ގިނަ ގޮނޑި އަންހެނުންނަށް ހާއްސަކުރަންޖެހޭނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.