ކޯވިޑް-19އަށް މިއަދު 108 މީހުން ޕޮޒިޓިވްވެއްޖެއެވެ.
ރޭ އިރުއޮއްސި 6 އިން މިރޭގެ އިރުއޮއްސި 6 ޖެހުމާއި ހަމައަށް ފާއިތުވި 24 ގަޑިއރުގެ ތެރޭގައި ޕޮޒިޓިވްވި 108 މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 79 މީހުންނާއި، މީހުން ދިރިއުޅޭ ރަށްރަށުން ޕޮޒިޓިވްވި 5 މީހުންނާއި، ރިސޯޓްތަކުން ޕޮޒިޓިވްވި 23 މީހުންނާއި ސަފާރީތަކުން ޕޮޒިޓިވްވި މީހެވެ.
މިއާއެކު ރާއްޖެއިން މިބަލި ޖެހުނު މީހުންގެ ޖުމްލަ ޢަދަދު ވަނީ 14،993 އަށް އަރާފައެވެ.
އައު އަހަރާއެކު ރާއްޖޭގައި ބަލިޖެހޭ މީހުންގެ ޢަދަދު އަންނަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ. އެގޮތުން މިހާރު ރާއްޖޭގައި ކޯވިޑަށް ފަރުވާދެމުން އަންނަނީ 1،086 މީހަކަށެވެ. އޭގެތެރެއިން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން 80 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ބަލިން ރަނގަޅުވީ 36 މީހެކެވެ. މިއާއެކު މިހާތަނަށް ޖުމްލަ 13،849 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. ކޯވިޑަށް ޓެސްޓްކުރުމަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ނަގާފައިވާ 1،086 ސާމްޕަލާއެކު މިހާތަނަށް ނެގި ސާމްޕަލްތަކުގެ ޢަދަދު 385،711 އަށް ވަނީ އަރާފައެވެ. ރާއްޖެއިން މިހާތަނަށް ނިޔާވެފައިވަނީ 51 މީހެކެވެ. އެއީ މިއަދު ނިޔާވި 86 އަހަރުގެ ދިވެއްސަކާއެކު 43 ދިވެހިންނާއި 8 ބިދޭސީންނެވެ.
ކޮމެންޓު ފޮނުވާ