ސްޕެއިންގެ ފަތުރުވެރިކަން ކުރިއަރުވަން މަސައްކަތްކުރާ ސަރުކާރުގެ ކުންފުންޏެއްކަމަށްވާ ސަޖިޓޫރުގެ ރައީސް މިސްޓަރ އެންރިކް މާރޓިނެޒް މަރިން އާއި ޑިރެކްޓަރ އޮފް ޓޫރިޒަމް ރިސާރޗް ޑިވެލޮޕްމަންޓް އެންޑް އިނޮވޭޝަން މިސްޓަރ ކާރލޯސް ރޮމާރިއޯ އާއި ޓޫރިޒަމް މިނިސްޓަރ ޑރ. ޢަބުދުﷲ މަޢުޞޫމް ބައްދަލު ކުރައްވައިފިއެވެ.
މި ބައްދަލުވުން ބޭއްވުނީ ޔޫއެންޑަބުލިއުޓީއޯގެ 113 ވަނަ ކައުންސިލް ބައްދަލުވުމަށް ޓޫރިޒަމް މިނިސްޓަރ ސްޕެއިންއަށް ކުރެއްވި ދަތުރުފުޅުގައި މިމަހުގެ 21 ވަނަ ދުވަހު ސަޖިޓޫރުގެ އޮފީހުގައެވެ.
މި ބައްދަލުވުމުގައި ސަޖިޓޫރު ފަރާތުން ސްޕެއިންގެ ފަތުރުވެރިކަން ތަރައްޤީކުރަން ގެންގުޅޭ ސިޔާޞަތުތަކާއި، ފަތުރުވެރިކަން ކުރިއެރުވުމަށް އެކުންފުނިން ކުރަމުންގެންދާ މަސައްކަތުގެ މަޢުލޫމާތު ޙިއްސާކުރެއްވިއެވެ. އަދި ވަކިން ޚާއްސަކޮށް ފަތުރުވެރިކަން ކުރިއެރުވުމުގައި ރިސާރޗާއި ކޮމިއުނިކޭޝަން އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީ ބޭނުންކުރެވިދާނެ އަދި ބޭނުން ކުރަމުންދާ ގޮތްތަކުގެ މަޢުލޫމާތު ޙިއްސާކުރެއްވިއެވެ.
ޓޫރިޒަމް މިނިސްޓަރ ޑރ. މަޢުޞޫމުގެ ވާހަކަފުޅުގައި ދިވެހިރާއްޖޭގެ އުތުރާއި ދެކުނުގެ ފަތުރުވެރިކަން ފުޅާކޮށް ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންދާކަމަށާއި އެކަމުގައި ސަޖިޓޫރުގެ މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް ގިނަކަންތައްތަކެއް ރާއްޖޭގައިވެސް ތަންފީޒުކުރުމުގެ ފުރުޞަތު އޮތްކަމަށް ފާހަގަކުރެއްވިއެވެ.
ސަޖިޓޫރަކީ ރިސާރޗާއި އަދި ޓެކްނޮލޮޖީގެ ކުރިއެރުން ބޭނުންކޮށްގެން ފަތުރުވެރިކަން ޒަމާނާއި އެއްގޮތައް ކުރިއަރުވައި، ދުނިޔޭގެ ފަތުރުވެރިކަމުގެ ވާދަވެރިކަމުގެ ތެރޭގައި ސްޕެއިންއަކީ މަޤުބޫލު މަންޒިލެއްގެ ގޮތުގައި ދެމެހެއްޓުމުގެ މަސައްކަތް ކުރުމަށް އުފައްދާފައިވާ ސަރުކާރުގެ ކުންފުންޏެކެވެ.
ކޮމެންޓު ފޮނުވާ