ސިއްހީ ދާއިރާއިން ހަގީގީ ލާމަރުކަޒު ކުރުން ފެންނާނެ: ނަސީމް

ސިއްހީ ދާއިރާއިން ހަގީގީ ލާމަރުކަޒު ކުރުން ފެންނާނެ: ނަސީމް

Author
ޢަލީ އާދަމް
24 ޖެނުއަރީ 2021 05:21
0

ލާމަރުކަޒު ކުރުމުމުގެ ހަގީގީ ސިފަ، ސިއްހީ ދާއިރާއިން ފެނިގެންދާނެ ކަމަށް ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ ނަސީމް މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް 8 ވަނަ އިޞްލާޙް ގެނައުމުގެ ޤާނޫނުގެ 69 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، މިއަހަރުގެ ޕީ.އެސް.އައި.ޕީ ގައި ސިއްހީ ދާއިރާއަށް ކަޑައަޅާފައިވާ ބަޖެޓުގައި ހިމެނޭ މަޝްރޫޢޫތައް، އެމަޝްރޫޢެއް ނިސްބަތްވާ ކައުންސިލްތަކާ ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައެވެ.

ނަސީމް ވިދާޅުވީ ސިއްހީ ދާއިރާ ލާމަރުކަޒު ކުރާނީ ރަމްޒީގޮތުން ނޫންކަމަށާއި މިއީ ހަގީގީ ލާމަރުކުޒުން ކަމަށެވެ. އަދި ސިއްހީ ހިދުމަތަކީ ލާމަރުކަޒްކޮށްގެން ނޫނީ ނުދެވޭނެ ހިދުމަތެއް ކަންވެސް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން މިހާރުވެސް ރާއްޖޭގައި ލާމަރުކަޒީކޮށްދެވޭ އެންމެ ބޮޑުއެއް ހިދުމަތަކީ ސިއްހީ ދާއިރާގެ ހިދުމަތެއް ކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"އެންމެ ބޮޑު، އެންމެ މުހިންމުކަމެއް ދެވިގެން ދިވެހިރާއްޖޭގައި ލާމަރުކަޒްކޮށްގެން ދެވޭ ހިދުމަތަކީ ޕަބްލިކް ހެލްތުގެ ހިދުމަތް"

– މިނިސްޓަރ ނަސީމް

މިއަދު ކައުންސިލުތަކާ ހަވާލު ކުރި މަޝްރޫއުތަކުގެ ތެރޭގައި 13 ރަށެއްގެ ސިއްޙީ މަރުކަޒުގެ އެކްސްޓެންޝަން މަސައްކަތް ހިމެނެއެވެ. އެއީ ހއ. ފިއްލަދޫ، ހއ. މާރަންދޫ، ހއ. ވަށަފަރު، ހދ. ވައިކަރަދޫ، ރ. ވާދޫ، ރ. މާކުރަތު، ރ. އަނގޮޅިތީމު، ރ. ހުޅުދުއްފާރު، އއ. ފެރިދޫ، މ. މުލައް، ލ. މާމެންދޫ، ގއ. ދެއްވަދޫ އަދި ގދ . ފިޔޯރީ ސިއްޙީ މަރުކަޒުގެ އެކްސްޓެންޝަން މަސައްކަތަކެެވެ.

މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މަޝްރޫޢު ތަކުގެ ލިޔެކިއުމާއި ހަވާލުވީ އެ ރަށްރަށް ހިމެނޭ ދާއިރާތަކުގެ މަޖިލީސް މެމްބަރުންނެވެ.

މި މަސައްކަތްތަކުގެ އިތުރުން ހދ. ފިނޭ ހެލްތް ސެންޓަރުގެ ވަށާ ފާރު ރޭނުމާއި، ގއ. ނިލަންދޫ ހެލްތް ސެންޓަރު އިމާރަތް ކުރުމާއި، ގއ. މާމެންދޫ ސިއްޙީ މަރުކަޒު އަޕްގްރޭޑް ކުރުން ވެސް އެރަށްރަށުގެ ކައުންސިލްތަކާއި ހަވާލުކުރާނެ ކަމަށް މިނިސްޓްރީން މަޢުލޫމާތުދެއެވެ. މި ހުރިހާ މަޝްރޫޢެއްގެ ޖުމްލަ އަގު 45 މިލިއަން ރުފިޔާއަށްވުރެ މަތިވާނެކަމަށްވެސް ހެލްތު މިނިސްޓްރީން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.