ފުލުހުންނަށް ހާއްސަކޮށްގެން ދޫނިދޫގައި އަޅާ އެކަމަޑޭޝަންގެ އައު އިމާރާތުގެ ބިންގާ އަޅައިފިއެވެ.
މިއަދު ހެނދުނު ދޫނިދޫގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން ޢަބްދުﷲއެވެ. މިރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފް އާއި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ސީނިއަރ އޮފިސަރުން އަދި ދޫނިދޫގައި މަސައްކަތްކުރާ ފުލުހުން ބައިވެރިވެވަޑައިގެންނެވިއެވެ.
މިރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން ޢަބްދުﷲ ދެއްކެވި ވާހަކަފުޅުގައި މުއައްސަސާއެއް ކުރިއަރައި ދިއުމަށްޓަކައި ނުވަތަ ހިދުމަތް ފުރިހަމަކުރުމަށްޓަކައި ދެކަމެއް ބޭނުންވާކަމަށް ވިދާޅުވިއެވެ. އެގޮތުން މަސައްކަތްކުރާ މުވައްޒަފުން އެކަމަށް ބޭނުންވާ ފުރިހަމަ ގާބިލްކަމާއި ހުނަރު އުފައްދައި އެކަމަށް ދޭ އަހަންމިއްޔަތުކަން ފުރިހަމަވެފައި އޮތުމާއި އެކަމަށް ބޭނުންވާ ފުރިހަމަ ވަސީލަތްތައް ގާއިމްވެ، ހާސިލްވެފައިހުރުމަކީ މުހިންމުކަމެއްކަން ފާހަގަކުރެއްވިއެވެ. އަދި ފުލުހުންގެ މުއައްސަސާ ތަރައްގީކޮށް ކުރިއެރުވުމަށްޓަކައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށް ވިދާޅުވިއެވެ. އަދި މިއަދު ބިންގާ އެޅިގެންދާ މި އިމާރާތަކީ ދޫނިދޫގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވަރަށް ބޮޑު ލުއި ފަސޭކަމެއް ގެނެސްދީ، މަސައްކަތަށް ވަރަށް ބޮޑު ފަސޭހަތަކެއް ވެގެންދާނެ އިމާރާތަކަށް ވެގެންދާނެކަމަށް އުއްމީދު ކުރައްވާކަމަށް ވިދާޅުވިއެވެ.
ކޮމިޝަނަރ އޮފް ޕޮލިސް މި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ފުލުހުންގެ މުއައްސަސާ ތަރައްގީކުރުމަށާއި މުއައްސަސާގެ އުމްރާނީ ތަރައްގީއަށް ސަރުކާރުން ކުރައްވާ މަސައްކަތްތައް ފާހަގަކުރައްވައި ޝުކުރު އަދާކުރެއްވިއެވެ. އަދި ފުލުހުންގެ މުއައްސަސާގެ މަގުސަދުތައް ހާސިލުކުރުމަށް މަސައްކަތްކުރާ ކޮންމެ ފުލުހެއްގެ އެންމެ އިސް ލަނޑުދަނޑިއަކަށް ވާންޖެހޭނީ ރައްޔިތުން ފުލުހުންގެ ހިދުމަތަށް ކުރާ އިތުބާރާއި ޔަގީންކަން ދެމެހެއްޓުމަށާއި އެ އިތުބާރާއި ޔަގީންކަން އިތުރުކުރުމަށް މަސައްކަތްކުރުންކަމަށް ވިދާޅުވިއެވެ. ހަމައެއާއެކު މިއަދު ބިންގާ އެޅިގެންދާ މި އިމާރާތަކީ ވަރަށް ބޭނުންތެރި އިމާރާތެއްކަމަށާއި މިއިމާރާތުގެ ސަބަބުން މުވައްޒަފުންގެ ހުރި ދަތިތަކަށް ހައްލެއް ލިބިގެންދާނެކަމަށް ވިދާޅުވިއެވެ.
ދޫނިދޫގައި އަލަށް އިމާރާތްކުރާ މި އިމާރާތަކީ ދޫނިދޫގައި މަސައްކަތްކުރާ މުވައްޒަފުންނާއި އެކި ކުށްތަކުގެ ތުހުމަތުގައި ބަންދުކުރެވޭ މީހުންގެ ކެއިން ބުއިމުގެ އިންތިޒާމު މިހާރަށްވުރެ ރަނގަޅުކުރުމަށާއި ދޫނިދޫގައި މަސައްކަތްކުރާ މުވައްޒަފުންގެ އެކޮމަޑޭޝަން އާއި އޮފީސް ހިންގުމަށް ބޭނުންވާ ޖާގަ ހިމެނޭ ގޮތަށް އިމާރާތްކުރުމަށް ހަމަޖެހިފައިވާ އިމާރާތެކެވެ.
އެގޮތުން ޒަމާނީ ވަސީލަތްތަކާއެކު ހަ ފަންގިފިލައަށް އިމާރާތްކުރާ މި އިމާރާތުގައި މެސްރޫމާއި ބަދިގޭގެ އިތުރުން މުވައްޒަފުންގެ އެކޮމަޑޭޝަން ބްލޮކްތަކާއި ވީއައިޕީ އެކޮމަޑޭޝަން ބްލޮކަކާއި އޮފީސް ބަޔަކާއި ކުލާސް ރޫމް އަދި ކޮންފަރެންސް ރޫމެއް ހިމެނެއެވެ.
ކޮމެންޓު ފޮނުވާ