ސްޕެނިޝް ލަލީގާގައި ރެއާލް މެޑްރިޑް މޮޅުވެ ތަވާލުގެ ކުރީގައިވާ އެތުލެޓިކޯއާ ހަތަރު ޕޮއިންޓް ގާތަށް ޖެހިލައިފި އެވެ.
ރަށުން ބޭރުގައި ޑިޕޯޓެވޯ އަލްވޭސް އާ ދެކޮޅަށް ކުޅުނު މެޗު މެޑްރިޑުން ކާމިޔާބުކުރީ 4-1 ލަނޑުންނެވެ. މެޗުގައި މެޑްރިޑަށް ކަރިމް ބެންޒީމާ ދެލަނޑު ކާމިޔާބުކޮއްދިން އިރު އަނެއް ދެލަނޑު ކާމިޔާބުކޮއްދިނީ ކެސްމެރޯ އާއި އެޑަން ހަޒާޑްއެވެ. މިއީ ހުސްވި އޮކްޓޯބަރު މަހަށްފަހު ލަލީގާގައި ހަޒާޑް ލަނޑެއް ޖެހި ފުރަތަމަ ފަހަރެވެ. ރޭ ބެންޒީމާ ޖެހި ދެލަނޑާއެކު މި ސީޒަންގައި މެޑްރިޑަށް އޭނާ ޖަހައިދިން ލަނޑުގެ އަދަދުވަނީ 15އަށް އަރާފައެވެ.
ދާދިފަހުން ކޯވިޑަށް ޕޮޒިޓިވްވި މެޑްރިޑްގެ ކޯޗުގެ ބަދަލުގައި މިމެޗުގައި ޓީމުގެ ކޯޗުގެ ޒިންމާ ނަގާފައިވަނީ އެސިސްޓެންޓް ކޯޗުއެވެ. ޒިދާން މިވަގުތު ހުރީ ޓީމާ އެކަހެރިވެ ގޭގައެވެ. ލަލީގާގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ހެއުސްކާ އާއި ވިޔަރެއާލް ވާދަކުރި މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. ސެވިއްޔާ އިން ވަނީ ކާޑިޒްގެ މައްޗަށް 3-0 ލަނޑުން ކުރި ހޯދާފައެވެ. ރެއާލް ބެޓިސްއިން ވަނީ ރެއާލް ސޮސެއިޑާޑް މޮޅުވިޔަ ނުދީ ހިފަހައްޓާފައެވެ. މި ދެޓީމު ވާދަކުރި މެޗު ނިމުނީ 2-2 ލަނޑުން އެއްވަރުވެގެންނެވެ.
ރޭގައި ހޯދި މޮޅާއެކު މެޑްރިޑުން ވަނީ ލީގުގެ ކުރީގައި އެތުލިޓިކޯއާ ހަތަރު ޕޮއިންޓްގާތަށް ޖެހިލާފައެވެ. އެތުލެޓިކޯ މެޑްރިޑު އެއްވަނާގައި އޮތީ، ދެވަނާގައި ވާ މެޑްރިޑަށް ވުރެ ދެމެޗު މަދުން ކުޅެގެން 44 ޕޮއިންޓް ހޯދައިގެންނެވެ. މެޑްރިޑު ދެވަނައިގަ އޮތީ 19 މެޗުން ހޯދި 40 ޕޮއިންޓާއެކުއެވެ.
ސެވިއްޔާ ވަނީ ރޭގަ ހޯދި މޮޅާއެކު ލީގު ތާވަލުގެ ތިންވަނައަށް ކުރިޔަށްޖެހިލާފަ އެވެ. ސެއްވިޔާ ތިންވަނައިގަ އޮތީ 19 މެޗުން 36 ޕޮއިންޓާއެކު އެވެ. ބާސެލޯނާ ހަތަރުވަނައިގައި އޮތީ 18 މެޗުން ހަމަ މިއަދަދަށް ޕޮއިންޓް ހޯދައިގެންނެވެ.
ކޮމެންޓު ފޮނުވާ