ޢަލީ ވަޙީދުގެ މައްޗަށް އުފުލާފައިވާ ދަޢުވާގެ އަޑުއެހުންތައް ސިއްރު

ޢަލީ ވަޙީދުގެ މައްޗަށް އުފުލާފައިވާ ދަޢުވާގެ އަޑުއެހުންތައް ސިއްރު

Author
މުޙައްމަދު ޖިމީ
24 ޖެނުއަރީ 2021 11:09
0

ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަކުރުމާއި، ޖިންސީ ގޯނާކުރުމުގެ މައްސަލާގައި ކުރީގެ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީޢަތް ސިއްރުކުރާނެކަމަށް ކްރިމިނަލް ކޯޓުން ބުނެފިއެވެ.

ޖިންސީ ފުރައްސާރަކުރުމާއި، ޖިންސީ ގޯޯނާކުރުމުގެ މައްސަލާގައި އަލީ ވަހީދުގެ މައްޗަށް އުދުލާފައިވާ 7 ދަޢުވާގެ ފުރަތަމަ އަޑުއެހުން ބޭއްވުމަށް މިއަދު ތަޢާވަލުކޮށްފައިވަނީ މެންދުރު ފަހު 13:30 އަށެވެ. ކްރިމިނަލް ކޯޓުން ބުނީ އެ އަޑުއެހުންތައް ކުރިއަށްދާނީ ސިއްރު އަޑުއެހުންތަކެއްގެ ގޮތުގައިކަމަށެވެ.

އަލީ ވަހީދުގެ މައްޗަށް ހުށަހަޅާފައިވާ ދައުވާތައް:
1. ޤާނޫނު ނަންބަރު: 17/2014 (ޖިންސީ ކުށުގެ ޤާނޫނު) ގެ 16 ވަނަ މާއްދާގެ ދަށުން ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދަޢުވާ.
2. ޤާނޫނު ނަންބަރު: 17/2014 (ޖިންސީ ކުށުގެ ޤާނޫނު) ގެ 15 ވަނަ މާއްދާގެ ދަށުން ރޭޕްކުރަން އުޅުމުގެ ކުށުގެ ދަޢުވާ.
3. ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 132 ވަނަ މާއްދާގެ ދަށުން ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދަޢުވާ.
4. ޤާނޫނު ނަންބަރު: 17/2014 (ޖިންސީ ކުށުގެ ޤާނޫނު) ގެ 18 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާކުރުމުގެ ކުށުގެ ދަޢުވާ.
5. ޤާނޫނު ނަންބަރު: 17/2014 (ޖިންސީ ކުށުގެ ޤާނޫނު) ގެ 19 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދަޢުވާ.
6. ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 412 ވަނަ މާއްދާއާއި، އެ ޤާނޫނުގެ 81 ވަނަ މާއްދާގެ ދަށުން ހުއްދަނޫން ޖިންސީ މުޢާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ 2 ދަޢުވާ.

އެކި ދުވަސް މަތިން މުވައްޒަފުންނަށް އަލީ ވަހީދު ޖިންސީ ފުރައްސާރަކޮށްފައިވާ ކަމަށް ބައެއް މުވައްޒަފުން ވަނީ ބުނެފައެވެ. އެ މައްސަލަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހެޅުމުން އަލީ ވަހީދު ވަނީ މަގާމުން ވަކިކޮށްފަ އެވެ. އޭގެ ފަހުން އަލީ ވަހީދު ދިރިއުޅޭ ގެ ފާސްކޮށް އޭނާގެ ޕާސްޕޯޓް ވެސް ހިފަހައްޓާފައިވެ އެވެ. އަދި އޭގެ ފަހުން ފުލުހުންގެ ތަހުގީގަށް ޖުލައި މަހުގެ 19 ވަނަ ދުވަހު އަލީ ވަހީދު ވަނީ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައެވެ.

އަލީ ވަހީދު ވިދާޅުވީ އޭނާގެ މައްޗަށް ކުރާ ތުހުމަތު ތަކުގައި އެއްވެސް އަސާސެއް ނެތް ކަމަށާ އެ ވާހަކަތައް ފެންމަތިކޮށް އޭނާ މަގާމުން ވަކި ކޮށްފައި ވަނީ ސިޔާސީ ނުފޫޒުން ކަމަށެވެ. އެހެން ނަމަވެސް އެކަން ކަމުގެ އަޑީގައި ތިބީ ކޮން ބައެއް ކަމެއް އޭނާ ވިދާޅެއް ނުވިއެވެ. ހަމައެކަނި ވިދާޅުވީ މި މައްސަލާގައި ހަނު ނުހުންނަވާނެ ކަމަށާ ކުރިމަތި ލައްވާނެ ކަމަށެވެ.

މިނިސްޓަރ އޮފް ޓޫރިޒަމްގެ މަގާމުގައި ހުންނެވި ޢަލީ ވަޙީދު، އެ މަގާމުން އިސްތިޢުފާދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަންގަވާފައިވީ ނަމަވެސް، އެ މަގާމުން އިސްތިޢުފާ ދެއްވާފައިނުވާތީ، މިނިސްޓަރ އޮފް ޓޫރިޒަމްގެ މަގާމުން ޢަލީ ވަޙީދު ވަކިކޮށްފައިވަނީ ޖުލައި މަހުގެ 9 ވަނަ ދުވަހުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.