ކޮންމެ މީހަކު ވެކްސިން ޖެހުން މަޖުބޫރު ނުކުރާނަން: އެޗްޕީއޭ

ކޮންމެ މީހަކު ވެކްސިން ޖެހުން މަޖުބޫރު ނުކުރާނަން: އެޗްޕީއޭ

Author
މުޙައްމަދު ޖިމީ
24 ޖެނުއަރީ 2021 10:54
0

ރާއްޖޭގެ ހުރިހާ ރައްޔިތުން ކޮވިޑް ވެކްސިން ޖެހުމަށް މަޖުބޫރު ނުކުރާނެކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

ކޯވިޑް ވެކްސިނަށް ޢާންމުން ހޭލުންތެރިކުރުމަށް އެޗްޕީއޭއިން ކުރިއަށްގެންދާ "ކޯވިޑް-19 ދިފާޢު" ގައިވަނީ ވެކްސިނާމެދު އާންމުން އުފައްދާ ގިނަ ސުވާލުތަކަށް ޖަވާބުދެއްވާފައެވެ. އެގޮތުން އެޗްޕީއޭއިން ކުރިއަށްގެންދާ އެ ކެމްޕެއިންގައި ބުނެފައިވަނީ ކޯވިޑް ވެކްސިން ޖެހުން މަޖުބޫރު ނޫންކަމަށެވެ. ނަމަވެސް ވެކްސިންޖެހުމުގެ ސަބަބުން ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އިތުރު އެހީއަކަށް ވާނެކަމަށާއި، ގިނަ ބަޔަކު މި ވެކްސިން ޖަހައިފިނަމަ، އާއްމު ޙާލަތަށް ރުޖޫއަވުން އަވަސްވާނެކަމަށެވެ. ވަކި ފަރުދަކަށް ބަލައިފިކަމުގައިވާނަމަވެސް، މި ވެކްސިންޖެހުމުން އޭނާ މި ބަލިން ރައްކާތެރިވުމުގެ އިތުރުން މި ބަލީގެ ނުރައްކާ އެންމެ ބޮޑު މީހުންގެ ތެރެއިން މީހަކަށް އޭނާގެ ފަރާތުން ބަލި ޖެހުމުގެ ފުރުޞަތު ކުޑަކޮށްދޭކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.

އެޗްޕީއޭއިން ބުނީ، ދިވެހިރާއްޖޭގައި ބޭނުންކުރެވޭނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބަލައި އޭގެ ރައްކާތެރިކަން ކަށަވަރުކޮށް
ހުއްދަ ދީފައިވާ ވެކްސިންތައްކަމަށެވެ. ކޮންމެ ވެކްސިނެއްވެސް ރައްކާކޮށް ފޯރުކޮށްދިނުމުގައި އެ ވެކްސިނެއް ބަހައްޓަންޖެހޭ ފިނިހޫނުމިން (ކޯލްޑް ޗެއިން) ބެލެހެއްޓޭނެކަމަށާއި، ވެކްސިން ރައްކާކޮށް ބެލެހެއްޓުމުގެ ނިޒާމު ފުޅާކުރުމުގެ މަސައްކަތް ދުނިޔޭގެ ޞިއްހަތު ޖަމުއިއްޔާއާއި ޔުނިސެފްގެ އެހީގައި ދަނީ ކުރަމުންކަމަށް އެޗްޕީއޭއިން ބުނެއެވެ.

ވެކްސިންޖެހުމުގެ ސަބަބުން ނޭދެވޭ އަސަރެއް ހަށިގަނޑަށް ކުރިތޯ ބެލުމަށް ވެކްސިން ޖަހާފައިވާ ފަރާތްތައް ވަކިވަކިން މޮނިޓަރ ކުރަމުންގެންދާނެކަމަށާއި، މިގޮތުން ކުރިއަށް ގެންދާ މޮނިޓަރިންގ ކުރިއަށް ގެންދާނީ ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށްކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.

ވެކްސިން ދިނުމަށް ވަމުންދާ ތައްޔާރީތަކާއ ގުޅޭގޮތުން އެޗްޕީއޭއިން ބުނީ، ވެކްސިން ދިނުމަށް ނިންމާފައިވާ ޚާއްސަ ގުރޫޕްތަކަށް ވެކްސިން ދޭނެ ތަރުތީބު ވަނީ އެކަމަށް އެކުލަވާލާފައިވާ ބައިނަލްއަގްވާމީ އޮނިގަނޑުތަކާ އެއްގޮތަށް ކަނޑައަޅާފައިކަމަށެވެ. އަދި ވެކްސިން ރައްކާކުރުމުގައި ޢަމަލުކުރަންވީ މިންގަނޑުތަކަށް ބަލައި، ކޯލްޑްޗެއިން ނިޒާމު ހަރުދަނާ ކުރުމާއި، ވެކްސިން ފޯރުކޮށްދިނުމުގެ ޕްލޭނެއް އެކުލަވާލުން ކުރިއަސްދާކަމަށެވެ. ވެކްސިން ދޭނެ ގޮތާއި ވެކްސިންގެ ސަބަބުން ހަށިގަނޑަށް ކޮށްފާނެ ނޭދެވޭ އަސަރުތައް ސިއްހީ ޚިދުމަތްތެރިންނަށް އުނގަންނައިދީ ތަމްރީނުކުރުމާއި، ވެކްސިންގެ މުހިންމުކަން އާންމުންނަށް އަންގައިދީ ވެކްސިނާ ބެހޭ ރަގަޅު މައުލޫމާތު ފޯރުކޮށްދިނުން ކުރިއަށްދާކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެޗްޕީއޭއިން ބުނީ ރާއްޖޭގައި ވެކްސިން ދޭނީ16 އަހަރުން މަތީގެ މީހުންނަށްކަމަށެވެ.

ކޯވިޑް-19 އާއި ގުޅިގެން މިހާތަނަށް އުފައްދާފައިވާ ވެކްސިން ތަކަކީ ކަނޑައަޅާފައިވާ ވަކި އުމުރުފުރާއަކަށް ޓެސްޓްކޮށްފައިވާ ވެކްސިންތަކެކެވެ. މި ވެކްސިން ޓެސްޓުކުރުމުގައި 16 އަހަރުންދަށުގެ ކުދިން ހިމެނިފައި ނުވާތީ މި އުމުރުފުރާގެ ކުދިންނަށް ވެކްސިނެއް ނުޖަހާނެއެވެ.

– ހެލްތ ޕްރޮޓެކްޝަން އެޖެންސީ

ރާއްޖޭގައި ކޮވިޑް ވެކްސިން ދިނުމަށް ތައްޔާރުވަމުން އަންނައިރު، މިހާރު ވަނީ ފުރަތަމަ ޝިޕްމަންޓް ރާއްޖެ ގެނެސްފައެވެ. އެގޮތުން އިންޑިއާއިން ރާއްޖެ ގެނެސްފައިވަނީ އެސްޓްރަޒެނެކާއާއި އެޮކްސްފޯޑްގެ ކޮވިޝީލްޑް ވެކްސިންކަމށް ސަރުކާރުން ވަނީ ބުނެފައެވެ. ނަމަވެސް ވެކްސިން ދޭން ފަށާނެ ދުވަހެއް އަދި އިޢުލާނެއް ނުކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

k kafihi hurasq
majubooru kirevidaane kuriyas nujahuvaanan nuves jeheyne dhen keehkuran majubooru kiranvee hehehe