ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުން "ހިޔާ" މަޝްރޫޢުގެ ދަށުން ޢިމާރާތްކުރި ފްލެޓްތައް މިސަރުކާރުން ދޫކުރާ ގޮތުން، ކުށެއްނެތް ރައްޔިތުންނަށް އަނިޔާލިބެމުންދާކަމަށް ކުރީގެ ހައުސިންގ މިނިސްޓަރ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މުޢިއްޒު މިހެން ވިދާޅުވީ، މިސަރުކާރުން އެކުލަވާލި ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީން، ފްލެޓް ލިބޭ މީހުން ކަނޑައަލާ ޢާންމުކުރި ލިސްޓާއި ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން އަންނަ ދަނޑިވަޅެއްގައެވެ. އެގޮތުން ޕޮއިންޓް ދީފައިވާގޮތުން ދިރިއުޅުމުގެ ޙާލަތު ރަނގަޅަށް ނުބަލާކަން އެނގޭކަމަށާއި، ފްލެޓް ބަހާފައިވަނީ ސަރުކާރުގެ ގާތް މީހުންނަށްކަމަށް ބައެއް ފަރާތްތަކުން އަންނަނީ ތުހުމަތުކުރަމުންނެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، ކުޑަ ތަންކޮޅެއްގައި ވަރަށް ޙާލުގައި ދިރިއުޅޭ މީހުންނަށް ކުރީ ސަރުކާރުން އެކުލަވާލި ލިސްޓުން ފްލެޓް ލިބުނުނަމަވެސް މިސަރުކާރުން ޢާންމުކުރި ފްލެޓް ލިބޭ މީހުންގެ ލިސްޓްގައި ނަން ނެތްކަމަށް ބުނެވެސް ބައެއް ފަރަތްތަކުން ދަނީ ނުރުހުން ފާޅުކުރަމުންނެވެ.
އެގޮތުން ފްލެޓްތަކަށް މިސަރުކާރުން ޕޮޒިޓިންޓް ދިން ގޮތާއިމެދު ހުރި މައްސަލަތައް ޢާންމުކުރަމުން އަންނަ، ޢާންމުންގެ އެކުވެރި ގުޅުމުން ފްލެޓު އަތުލި ނިކަމެތި އާއިލާއެއްގެ ވާހަކަ ގެނެސްދޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދޫކޮށްލާފައިވާތީ އެވީޑިއޯ ޝެއަރ ކުރައްވާ ޑރ.މުޢިއްޒު ވިދާޅުވީ، އެއީ ކުށެއް ނެތް ރައްޔިތުންނަށް އަނިޔާ ދިނުންކަމަށެވެ.
Kushehnei nikamethi rayyithunnah aniyaa dhinun… https://t.co/nhihvQ8utI
— Dr Mohamed Muizzu (@MMuizzu) January 23, 2021
ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ނުލިބި މާލޭގައި ނިކަމެތި ހާލުގައި އުޅޭ ރައްޔިތުންގެ މަންޒަރާއި، އެމީހުން ތަހައްމަލު ކުރަމުންދާ ހިތްދަތި ދިރިއުޅުމުގެ ހާލަތު ގޯތި ހޯދުމަށް އެދިއެދި ތިބި ފަރާތްތަކުގެ ހައްގުގައި އެމީހުންގެ ހާލަތު ޢާންމުންގެ އެކުވެރި ގުޅުމުން އަންނަނީ ހިއްސާކުރަމުންނެވެ.
"ކޮތަރު ކޮށި" ގްރޫޕުން "އާއްމުންގެ އެކުވެރި ގުޅުން" ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ މިޖަމްއިއްޔާއިން، ވަޒީފާގެ ގޮތުން ނަން ހާމަ ކުރެވެން ނެތް މީހަކު ދިރިއުޅެމުންދިޔަ ގެއަކަށް ގޮސް ޢާންމުކުރި މައުލޫމާތަށް ބަލާއިރު އެގޭގައި 7 މީހުން އުޅެމުން ދިޔައީ 150 އަކަފޫޓު ހަމަނުވާ ކުޑަ ތަނެއްގައިއެވެ. އަންހެނުންގެ ކުއްލި ފަރުވާއަށް، އުޅެމުން އައި އެތަން ދޫކޮށް، އެކި ދަރިން މިހާރު ތިބީ ދަަންނަ އެކިމީހުންގެ ގެތަކުގައި ވަގުތީ ގޮތުން ބަހައްޓާފައިއެވެ. ކުރިން ފްލެޓު ލިބި ފަހުން ގެއްލުމުން އެ ހައްގު ހޯދުމުގެ މަސައްކަތުގައި އުޅެނިކޮށް މިކަން ދިމާވުމުން ދަރިން މިވަނީ އިތުރަށް ތިކަމެތިވެ، ބިކަވެ އޭނަގެ ބަހުންނަމަ "ރެފިއުޖީންނަށް" ވެފައިއެވެ.
ފްލެޓް ކޮމިޓީން ޕޮއިންޓް ދޭގޮތާއި ގުޅޭގޮތުން ޢާންމުންގެ ޝަކުވާ ބޮޑުވެފައިވާއިރު، މިއަދު ފްލެޓްގެ ކަންކަން ފޮރުވުމަށް ނޫނީ، ބައެއް ފްލެޓްތަކަކީ ވުޖޫދުގައި ނެތް އެއްޗަކަށް ހަދަން އުޅުނަސް އެކަން ނުވާނެކަމަށާއި، ސަރުކާރުގެ ގެޒެޓްގައާއި، އެނޫންވެސް އިއުލާންތަކުގައި މި ލެޔެކިޔުން ފެންނަން ހުންނާނެކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ. އަދި މިއީ ފޮރުވައިގެން ހަގީގަތް އޮޅުވާލެނޭ ކަންތައްތަކެއް ނޫންކަމަށް ވިދާޅުވެ ޑރ.މުއިއްޒު ވަނީ ފްލެޓް ކޮމިޓީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ