ކެމްޕެއިން މެނޭޖަރެއް ހަމަޖައްސަވާ ޢިމްރާން މިރޭ ކެމްޕެއިން ފަށްޓަވަނީ

ކެމްޕެއިން މެނޭޖަރެއް ހަމަޖައްސަވާ ޢިމްރާން މިރޭ ކެމްޕެއިން ފަށްޓަވަނީ

Author
މުޙައްމަދު ޖިމީ
24 ޖެނުއަރީ 2021 09:08
0

އަދާލަތު ޕާޓީގެ ރައީސްކަމަށް ކުރިމަތިލެއްވި މިހާރުގެވެސް އެޕާޓީގެ ރައީސް، އަދި ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲގެ ކެމްޕެއިން މެނޭޖަރަކު އައްޔަންކުރައްވާ މިރޭ ކެމްޕެއިން ފަށްޓަވަން ނިންމަވައިފިއެވެ.

އަދާލަތު ޕާޓީގެ ރައީސާއި ނައިބު ރައީސް ހޮވުމަށް ބާއްވާ އެ ޕާޓީގެ ރިޔާސީ އިންތިޚާބު އޮންނަނީ މިމަހުގެ 30 ވާ ހޮނިހިރު ދުވަހުއެވެ. އެ އިންތިޚާބުގައި އަދާލަތުގެ ރައީސްކަމށް ދެ ވަޒީރަކު ދަނީ ވާދަކުރައްވަމުންނެވެ. އެއީ މިހާރުގެ އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު އަލީ، އާއި ހޯމް މިނިސްޓަރ ޝައިޚް ޢިމްރާން ޢަބްދުﷲ އެވެ. ޑރ. އަޙްމަދު ޒާހިރު އަލީގެ ރަނިންގމޭޓްގެ ގޮތުަގައި ޕާޓީގެ ނައިބު ރައީސްކަމަށް  ކަނޑައަޅުއްވާފައިވަނީ ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ނަޝީދުއެވެ. ޝައިޚް އިމްރާންގެ ރަނިންގ މޭޓަކަށް ހަމަޖައްސާފައިވަނީ ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޝަރީފްއެވެ.

ޢިމްރަން ޢަބްދުﷲ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިންތިޚާބުގައި ކެމްޕެއިންކުރެއްވުމަށް ކެމްޕެއިން މެނޭޖަރެއް އައްޔަންކުރައްވާފައިވާކަމަށާއި، އެއީ ޝައިޚް އަޙްމަދު ޝިފާންކަމަށެވެ.

އަދާލަތު ޕާޓީގެ ރައީސް ހޮވުމަށް ބާއްވާ އިންތިޚާބުގަ އަޅުގަނޑުގެ ކެމްޕެއިން މެނޭޖަރަކަށް ޝެއިޚް މުޙައްމަދު ޝިފާން ހަމަޖައްސާ ކެމްޕެއިން ކުރިއަށް ގެންދާނެ ގޮތް މަޝްވަރާކޮށްފިން. މާދަމާރޭގެ ކެމްޕެއިން އިވެންޓް އިންނާނެ އިންޝާﷲ.

– އަދާލަތު ޕާޓީގެ ރައީސް ޝައިޚް ޢިމްރާން ޢަބްދުﷲ

އަދާލަތު ޕާޓީގެ ރައީސްކަމުގެ މަޤާމަށް އަންހެނުންނަށްވެސް ވާދަކުރެވޭ ގޮތް ހަދައި އިންތިޚާބަށް ކުރިމަތިލުމަށް އެންމެ ފުރަތަމަ ހުޅުވާލާފައިވަނީ މިމަހުގެ 10 ވަނަ ދުވަހުއެވެ. އަދާލަތު ޕާޓީން ބުނީ ޕާޓީގެ 3 ވަނަ ދައުރަށް ޕާޓީގެ ރައީސާއި ނައިބު ރައީސް އިންތިހާބުކުރުން ފަސްކޮށްފައިވަނީ ޕާޓީގެ ރައީސްގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކަށް އެ ޕާޓީގެ މަޝްވަރާ މަޖިލީހުން ބަދަލު ގެނެސްފައިވާތީ ކަމަށެވެ. އަދާލަތު ޕާޓީގެ ރައީސްގެ މަޤާމަށް އަންހެނުންނަށް ކުރިމަތިލެވޭ ގޮތަށް އަސާސީ ޤަވާޢިދަށް މިހާރު ވަނީ ބަދަލު ގެނެސްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.