ކުންޏާ ބެހޭ ވަޒީރު މަޤާމުން ދުރުކުރަންޖެހޭ: ބޮންޑެ

ކުންޏާ ބެހޭ ވަޒީރު މަޤާމުން ދުރުކުރަންޖެހޭ: ބޮންޑެ

Author
މުޙައްމަދު ޖިމީ
24 ޖެނުއަރީ 2021 08:37
0

ކުނި މެނޭޖުކުރުމުގައި ފެއިލެވެފައިވާތީ ކުންޔާއި ބެހޭ ވަޒީރު ޑރ.ޙުސައިން ރަޝީދު ހަސަން މަޤާމުން ދުރުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ގޮވާލައްވައިފިއެވެ.

ބޮންޑެ މިހެން ވިދާޅުވީ، މާފުށީގައި ކުނި ނައްތާލަމުންދާގޮތަށް ފާޑުވިދާޅުވެ ކުރެއްވި ޓްވީޓެއްގައެވެ. ބޮންޑެ ވިދާޅުވީ، ބާބެޓެރިތަކާ ވިހަކެމިކަލްތަކާއެކު މާފުށީގައި ކުނިގޮނޑު އަންދަމުންދާކަމަށާއި، ވިހަދުމާއި ނުބައި ވަސް މާފުށީ ރެސްޓޯރަންޓްތަކާއި ގެސްޓުހައުސްތަކަށް ފެތުރިފައިވާކަމަށެވެ. އެކަމުގެ ސަބަބުން ފަތުރުވެރިކަމަށް އަސަރުކުރާނެކަމަށް ވިދާޅުވެ އެންވަޔަރަމަންޓް މިނިސްޓަރު މަޤާމުން ދުރުކުރުމަށް އޭނާ ގޮވާލެއްވިއެވެ.

ބޮންޑެ މިފަދައިން ވިދާޅުވެފައިވާއިރު، މާފުށީ ފަޅާ މޫދަށް ބައެއް މީހުން ކުނިއަޅާތީ އެކަން ހުއްޓުވުމަށް ކުރަންޖެހޭ ކަންކަން ވަގުތުކުރުމަށް އެރަށު ކައުންސިލަށް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިންވެސް ވަނީ އަންގާފައެވެ.

މާފުށީގައި ކުނި މެނޭޖްކުރުމަށް އެކަށީގެންވާ ޖާގައާއި ވަޞީލަތްތައް ނެތްކަމަށް ބުނެ ރަށުގެ ފަޅުން ބައެއްގައި ދާ ޖަހައިގެން ކުނި މެނޭޖްކުރާތާ އަހަރުތަކެއް ވަނީ ވެފައެވެ. ނަމަވެސް ދާގަނޑުން ތަންތަންކޮޅު ކަނޑައިގެންގޮސް ކޮށި ޖަހާފައިވާ ސަރަޙައްދުން ބޭރަށްވެސް ކުނި ޖަމާވާތީ ރަށުގެ ރައްޔިތުންވެސް އަންނަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި މިކަމުގެ ސަބަބުން އަލަށް ހިއްކާފައިވާ ސަރަޙައްދަށްވެސް ކުނިޖަމާވެ މާފުށީ ކައިރީގައި ހުރި ފަރުތައްވެސް އަންނަނީ ތަޣައްޔަރުވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.