ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑައާޅާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކުވެސް ބަލިމަޑުކަމުގެ ތެރޭގައިވެސް ކައުންސިލް އިންތިޚާބު ބޭއްވުމަކީ ލާޒިމްކަމެއްކަމަށް އެމްޑީޕީގެ ޓިކެޓްގައި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ އަނަސް ޢަބްދުއްޞައްތާރު ވިދާޅުވެއްޖެއެވެ.
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އޮތަސް، ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވޭ ގޮތަށް ގާނޫނަށް ގެެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤްކުރައްވާފައިވާތީ އެކަމަށް އިޝާރާތްކުރައްވާ އަނަސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ،2021 ވަނަ އަހަރު ބޭއްވޭ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާ އެމްޑީޕީން ކުރިމަތިލަނީ ޤާނޫނީ އަދި މާލީ ބާރުވެރިކަން މައި ސަރުކާރުގެ ކިބައިން ވީއްލައި ރަށާއި، އަތޮޅު އަދި ސިޓީ ކައުންސިލްތަކާއި ހަވާލުކޮށް ލާމަރުކަޒީ ނިޒާމް ހަނިކުރުމަށް ގެނެސްފައިވާ އިޞްލާހުތައް އުވާލުމަށްފަހުކަމަށެވެ.
ޤާނޫނުގައި ބަޔާންކުރާފަދަ އެޗްޕީއޭ އިން ބަލައިގަންނަ ރައްކާތެރިކަމުގެ ޚާއްޞަ ފިޔަވަޅުތަކާއެކީ، ކޯވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައިވެސް ރައްޔިތުންނަށް ޚިދުމަތްކުރުމަށް އިންތިޚާބު ކުރަންޖެހޭ ފަރާތްތައް ކަނޑައެޅުމަށްޓަކައި އިންތިޚާބު ބޭއްވުމަކީ ލާޒިމްކަމެއް.
– އަނަސް ޢަބްދުއްޞައްތާރު
ޞިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު ދެމި އޮތް ނަމަވެސް ކައުންސިލް އިންތިޚާބު ބޭއްވޭގޮތަށް ރައްޔިތުންގެ މަޖިލީހުން ގާނޫނަށް ގެެނައި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ތަސްދީޤްކުރެއްވީ މިދުޔަ ބުރާސްފަތި ދުވަހުއެވެ. ރައީސް ތަސްދީޤްކުރެއްވި ޤާނޫނުގައި ވަނީ ސިއްޙީ ކުއްލި ނުރައްކަލިގެ ޙާލަތުގައި އިންތިޚާބު ބާއްވަން ވާނީ އެޗްޕީއޭއިން ކަނޑައަޅާ އުސޫލްތަކާއި އިރުޝާދުތަކާއެކުއެވެ. ޤާނޫނުގައި އެގޮތަށް ބަޔާންކުރާއިރު، އެޗްޕީއޭއިން ވަނީ އެ ގައިޑްލައިން މިހާރު އިލެކްޝަންސް ކޮމިޝަނަށް ފޮނުވާފައެވެ.
ނަމަވެސް އެކޮމިޝަނުން ބުނެފައިވަނީ ކައުންސިލް އިންތިޚާބު ބޭއްވުމަށްޓަކައި އެޗްޕީއޭއިން އެކުލަވާލާފައިވާ ގައިޑްލައިނަކީ ވަރަށް ހަރުކަށި، އަދި އިންތިޚާބު މިނިވަންކަމާއިއެކު ބޭއްވުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތި ކުރުވާނެ ގައިޑްލައިނެއްކަމަށެވެ. އަދި އިންތިޚާބު ބޭއްވުމަށްޓަކައި އިލެކްޝަނަށް ފަސޭހަ ގޮތްތަކެއް ފަހިވެގެން ނޫނީ މިނިވަން އިންސާފުވެރި އިންތިޚާބެއް ނުބޭއްވޭނޭކަމަށްވެސް އީސީން ބުނެފައިވެއެވެ. އިންތިޚާބު ބޭއްވުމަށްޓަކައި ސިޔާސީ ޕާޓީތަކާއި، ކެންޑިޑޭޓުންނަށް ކެންޕެއިން ކުރެވޭނެ ޖާގަނުދީ އިންތިޚާބު ބާއްވައިފިނަމަ ދައުލަތުން މިހާރު ދީފައިވާ 51 މިލިޔަން ރުފިޔާ ދެވަނަ ފަހަރަށް ޚަރަދު ކުރަންޖެހުމަކީ އެކަށީގެންވާ ކަމެއްކަމަށް ހަބީބު ވަނީ ވިދާޅުވެފައެވެ.
(އެޗްޕީއޭ) އިން ކަނޑައާޅާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކުވެސް ބަލިމަޑުކަމުގެ ތެރޭގައިވެސް ކައުންސިލް އިންތިޚާބު ބޭއްވުމަކީ ލާޒިމްކަމެއްކަމަށް އަނަސް ވިދާޅުވެފައިވާއިރު، މާލޭގެ މޭޔަރުކަމަށް އިދިކޮޅުން ވާދަކުރައްވަނީ ކުރީގެ ހައުސިންގ މިނިސްޓަރ އަދި ޕީޕީއެމްގެ ނާއިބު ރައީސް ޑރ.މުޙައްމަދު މުޢިއްޒުއެވެ.
ކޮމެންޓު ފޮނުވާ