ކުރީގެ ރައީސް ޢަބްދުﷲ ޔާމީނަށް އިންސާފް ލިބުމަށް ހުރަސްއަޅަނީ ސަރުކާރުގެ ސީދާ ނުފޫޒުންކަމަށާއި، ރައްޔިތުން އިންސާފް ހޯދުމަށް ތެދުވެ އެކަން ކާމިޔާބުކުރާނެކަމަށް ޕީއެންސީގެ ނާއިބު ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ސަޢީދު މިހެން ވިދާޅުވެފައިވަނީ ރައީސް ޔާމީން ފަސް އަހަރަށް ޖަލަށް ލައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުމަށް ހައިކޯޓުން ތާޢީދުކުރުމުން ރައީސް ޔާމީން ދޫކޮށްލުމަށް ގޮވާލާ މާލެއާއި އަތޮޅުތަކުގެ ބައެއް ރަށްރަށުގައި ކުރިއަށް ގެންދާ އިޙްތިޖާޖުތަކާއި ގުޅިގެންނެވެ.
ސަޢީދު ވިދާޅުވީ، ރއީސް ޔާމީނަށް އިންސާފު ލިބުމަށް ހުރަސް އަޅާނީ ސަރުކާރުގެ ނުފޫޒުންކަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގައި ރައްޔިތުންގެ ޝުޢޫރު ފާޅުކުރުން ދާނީ އިތުރުވަމުންކަމަށެވެ.
އިންޝާﷲ ރައްޔިތުން އިންސާފް ހޯދުމަށް ތެދުވާނެ. އަދި ކާމިޔާބުކުރާނެ.
– ޕީއެންސީގެ ނާއިބު ރައީސް މުޙައްމަދު ސަޢީދު
ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެމަނިކުފާނުގެ ސަޕޯޓަރުން ދަނީ އިޙްތިޖާޖު ކުރަމުންނެވެ. ރައީސް ޔާމީން މިނިވަން ކުރުމަށް އިދިކޮޅު ފަރާތްތަކުން ކުރާ މަސައްކަތުގައި ކުރިއަށް އޮތް ދުވަސްތަކުގައި ޖަލްސާތަކާއި ބައްދަލުންތައް ބޭއްވުމުގެ ބަދަލުގައި މަގުމަތީގެ ހަރަކާތްތައް އިތުރުވާނެކަމަށް އިދިކޮޅު ކޯލިޝަނުން ވަނި ބުނެފައެވެ. އަދި މި އެއްވުންތަކުގައި ސަރުކާރު ޖަވާބުދާރީކޮށް ޒިންމާދާރު ކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރާނެކަމަށްވެސް އިދިކޮޅުން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ