ސާކްގެ ސެކްރެޓަރީ ޖެނެރަލް ސަރުވަރު ރައީސް މުޢިއްޒުގެ އަރިހަށް ވަދާޢީ ޒިޔާރަތެއް ކުރައްވައިފި

ސާކްގެ ސެކްރެޓަރީ ޖެނެރަލް ސަރުވަރު ރައީސް މުޢިއްޒުގެ އަރިހަށް ވަދާޢީ ޒިޔާރަތެއް ކުރައްވައިފި

Author
އަހުމަދު
10 އޮގަސްޓް 2026 03:53
0

ސާކްގެ ސެކްރެޓަރީ ޖެނެރަލް ހިޒް އެކްސެލެންސީ އެމް.ޑީ. ގޯލަމް ސަރުވަރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް ވަދާޢީ ޒިޔާރަތެއް ކުރައްވައި، ޖަމްޢިއްޔާ ހަރުދަނާކުރުމާ ބެހޭ ގޮތުން މަޝްވަރާކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި، ސެކްރެޓަރީ ޖެނެރަލްގެ ދައުރުގައި އެމަނިކުފާނު ދިވެހި ސަރުކާރަށް ދެއްވި އެއްބާރުލެއްވުމާއި ކޮށްދެއްވި އިޚްލާޞްތެރި ޚިދުމަތްތަކަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ. ހަމައެއާއެކު، ސެކްރެޓަރީ ޖެނެރަލްގެ ހިންގުންތެރިކަމަށް ރައީސް ތަޢުރީފު ކުރެއްވިއެވެ. ސާކް ވަރުގަދަކޮށް، ސަރަޙައްދީ ގުޅުން އިތުރަށް ބަދަހިކުރުމަށް ދިވެހި ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޖަވާބުގައި ސާކްގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވީ، ޖަމްޢިއްޔާގެ މަސައްކަތްތަކުގައި ދިވެހިރާއްޖޭގެ ފަރާތުން ލިބެމުންދާ ދެގޮތެއްނުވާ އެއްބާރުލުމަށްޓަކައި އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވާ ކަމަށެވެ. "ސާކް އުފެއްދި މެންބަރު ޤައުމެއްގެ ޙައިސިއްޔަތުން ދިވެހިރާއްޖެއަކީ، އެ ޖަމްޢިއްޔާއަށް ނުހަނު މުހިއްމު ޤައުމެއް،" ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ޖަމްޢިއްޔާގެ މަސައްކަތްތައް ހަރުދަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ބުރަ މަސައްކަތްޕުޅުތަކުގެ އަގު ވަޒަންކުރެއްވިއެވެ.

މީގެ އިތުރުން، ސާކްގެ ކުރިމަގާއި، ސަރަޙައްދީ ގުޅުން ބަދަހިކުރުމުގެ މުހިންމު ދާއިރާތަކާއި، މެންބަރު ޤައުމުތައް ގުޅިގެން ކުރިއެރުން ހޯދޭނެ މަގުތަކާ ބެހޭގޮތުން ދެ ބޭފުޅުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވިއެވެ. ބައްދަލުކުރެއްވުން ނިންމަވާލައްވަމުން، މެންބަރު ޤައުމުތަކުގެ މެދުގައި އޮންނަ ގާތްގުޅުން އިތުރަށް ބަދަހިކުރެއްވުމުގެ ޝައުޤުވެރިކަން ރައީސުލްޖުމްހޫރިއްޔާ ފާޅުކުރެއްވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ދިވެހިރާއްޖެއަކީ ސާކް އުފެއްދުމުގައި އިސް ދައުރެއް އަދާކުރި ޤައުމެކެވެ. ސާކް ރަސްމީކޮށް އުފެދިފައިވަނީ 8 ޑިސެންބަރު 1985 ގައި ބަންގްލަދޭޝްގެ ޑާކާގައި ސާކް ޗާޓަރުގައި ސޮއިކުރެއްވުމާ ގުޅިގެންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.