ބަރުލަމާނީ ނިޒާމަކަށް ރާއްޖެ ތައްޔާރެއް ނޫން، 'ބޮޑު ބަދަލަށް' ތާއީދެއް ނުކުރަން: ޔާމީން

ބަރުލަމާނީ ނިޒާމަކަށް ރާއްޖެ ތައްޔާރެއް ނޫން، 'ބޮޑު ބަދަލަށް' ތާއީދެއް ނުކުރަން: ޔާމީން

Author
އަހުމަދު
08 އޮގަސްޓް 2026 12:16
0

ވެރިކަމުގެ ނިޒާމަށް އިދިކޮޅު އެމްޑީޕީން ގެންނަން މަސައްކަތްކުރާ "ބޮޑު ބަދަލަށް" ތާއީދުނުކުރައްވާ ކަމަށާއި، ބަރުލަމާނީ ނިޒާމަކަށް ރާއްޖެ ތައްޔާރު ނޫން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

ގާނޫނުއަސާސީއަށް 18 އަހަރު ފުރުމާ ގުޅިގެން ސަންގު ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ޔާމީން ވިދާޅުވީ ވެރިކަން ހިންގުމުގެ ބާރަކީ ދެ ބޭފުޅެއްގެ އަތްޕުޅުގައި އޮންނަން ޖެހޭ ބާރެއް ނޫން ކަމަށާއި، އެއީ އެކެއްގެ އަތުގައި އޮންނަން ޖެހޭ އެއްޗެއް ކަމަށެވެ.

"ނުކުރަން ތާއީދެއް އިނގޭތޯ؟ އެއީ ވޯކުކުރާނެ ނިޒާމެއް ނޫން. ބޮޑުވަޒީރަކު ހުންނަންޏާ ރައީސްއަކު ހުންނާކަށް ނުޖެހޭ. ރައީސްއަކު ހުންނަންޏާ ބޮޑުވަޒީރަކު ހުންނާކަށް ނުޖެހޭ. އެއީ އެގްޒެކެޓިވް ބާރަކީ އެކެއްގެ އަތުގައި އޮންނަ ބާރު،" ޔާމީން ވިދާޅުވި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ގުޅިވަޑައިގެން ހުށަހަޅުއްވާފައިވާ "ބޮޑު ބަދަލު"ގައި ހިމެނެނީ، ދައުލަތުގެ އެންމެ މަތީ ވެރިޔެއްގެ ގޮތުގައި ރައީސަކު ބެހެއްޓުމުގެ އިތުރަށް، ސަރުކާރު ހިންގުމަށް ރައްޔިތުންގެ ވޯޓުން ހޮވާ ވަކި ވެރިޔަކު ބެހެއްޓުމެވެ. އެ ހުށަހެޅުމަށް އެމްޑީޕީން މިހާރު ވަނީ ރުހުންދީފަ އެވެ.

ބަރުލަމާނީ ނިޒާމަކީ ނަޝީދު އެންމެ ކުރީންސުރެ ދައްކަވަމުން ގެންދަވާ ވާހަކައެއް ކަމަށާއި، މިހާރު ވެސް އެ ވާހަކަ ތަކުރާރު ކުރައްވަނީ އެހެންވެ ކަމަށް ޔާމީން ވިދާޅުވި އެވެ. ނަމަވެސް އެއީ އެމަނިކުފާނު ތާއީދު ކުރައްވާ ނިޒާމެއް ނޫން ކަމަށާއި، ޚުދު އެމަނިކުފާނު ވެސް ކުރިން ބަރުލަމާނީ ނިޒާމަށް ތާއީދު ކުރެއްވި ނަމަވެސް، މިހާރު އެ ޚިޔާލު ދޫކޮށްލެއްވި ސަބަބަކީ ރައްޔިތުންގެ މަޖިލީސް މެންބަރެއްގެ ގޮތުގައި ހުންނެވި އިރު، މަޖިލީސް ތެރެއަށް ފައިސާގެ ނުފޫޒު ވަންނަ ވަރު ފެނިވަޑައިގަތުން ކަމަށް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހަކީ "ސޭލް އަޅުވާފައި" އޮންނަ ތަނެއް ކަމަށާއި، ގައުމުގެ ބޮޑެތި މައްސަލަތައް ހިފެހެއްޓޭ ފަދަ ހާލަތެއްގައި މިހާރު މަޖިލީސް ނެތް ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ. ގައުމުގެ މަސްލަހަތާއި ބޮޑެތި ނިންމުންތައް "ސޭލް އަޅުވާފައި" އޮންނަ އެއްޗަކަށް ވާ ނަމަ، އެއީ ގައުމުގެ މަސްލަހަތު އޮތް ގޮތެއް ނޫން ކަމަށް ވެސް ފާހަގަކުރެއްވި އެވެ.

ޔާމީން ވިދާޅުވި ގޮތުގައި ގާނޫނުއަސާސީއަށް ބައެއް ދާއިރާތަކުން ބަދަލު ގެންނަން ޖެހިދާނެ ކަމަށް ގަބޫލުކުރައްވަ އެވެ. ޚާއްސަކޮށް "ވާނުވާ" ބަންދު ފަދަ، ރައްޔިތުންގެ ހައްގުތަކަށް އަރައިގަނެވޭ ފަދަ ކަންކަން ބަދަލުކުރުމަކުން މައްސަލައެއް ނެތް ކަމަށެވެ. ނަމަވެސް ވެރިކަމުގެ ނިޒާމާ ގުޅޭ އެއްވެސް ބަދަލަކަށް ތާއީދު ނުކުރައްވާނެ ކަމަށް އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވި އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.