ހައިދަރުއާބާދުގައި ބާއްވާ ބައިނަލްއަޤުވާމީ ދެ އެކްސްޕޯއެއްގައި ދިވެހި ވިޔަފާރިވެރިންނަށް ބައިވެރިވެވޭނެ

ހައިދަރުއާބާދުގައި ބާއްވާ ބައިނަލްއަޤުވާމީ ދެ އެކްސްޕޯއެއްގައި ދިވެހި ވިޔަފާރިވެރިންނަށް ބައިވެރިވެވޭނެ

Author
އަހުމަދު
21 ޖުލައި 2026 09:53
0

އިންޑިއާގައި އަންނަ މަހު ބާއްވާ ދެ ބައިނަލްއަޤުވާމީ ވިޔަފާރި ހަރަކާތެއްގައި ބައިވެރިވުމުގެ ފުރުޞަތު ދިވެހި ވިޔަފާރިތަކަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުން ހުޅުވާލައިފިއެވެ.

މި ފުރުޞަތު ހުޅުވާލީ ޖުލައި 31 އިން އޯގަސްޓު 1 އަށް ހައިދަރުއާބާދުގައި ބާއްވާ "4 ވަނަ އިންޑިއާ-އޭޝިއާ ބިޒްނަސް ކޮންކްލޭވް 2026″ އަދި "އިކޯ ސަސްޓެއިން އެކްސްޕޯ 2026″ ގައި ބައިވެރިވުމަށެވެ. ގްލޯބަލް އިންޑިއާ ބިޒްނަސް ފޯރަމުން އިންތިޒާމުކުރާ މި ދެ ހަރަކާތުގައި، އޭޝިއާ ބައްރުގެ 20 އަށްވުރެ ގިނަ ޤައުމުގެ ވިޔަފާރިވެރިންނާއި، ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، ޑިޕްލޮމެޓުންނާއި، ސިނާއީ މަންދޫބުންނާއި، އިންވެސްޓަރުން ބައިވެރިވާނެއެވެ. މީގެ އިތުރުން އިންޑިއާގެ 500 އަށްވުރެ ގިނަ ކުންފުނިން ބައިވެރިވާނެ ކަމަށް ބެލެވެއެވެ.

އިކޮނޮމިކް މިނިސްޓްރީން ފާހަގަކުރި ގޮތުގައި، މި ކޮންކްލޭވަކީ ދިވެހި ވިޔަފާރިތަކުން އިންޑިއާގެ އުފެއްދުންތެރިންނާއި، އެކްސްޕޯޓަރުންނާއި، ޓެކްނޮލޮޖީ ފޯރުކޮށްދޭ ފަރާތްތަކާ ސީދާ ގޮތެއްގައި ބައްދަލުކޮށް، ބައިނަލްއަޤުވާމީ ނެޓްވޯކުތައް ބިނާކުރުމަށާއި، ވިޔަފާރިއާއި އިންވެސްޓްމަންޓުގެ އައު ފުރުޞަތުތައް ހޯދުމަށް ހުޅުވިގެންދާނެ މުހިންމު ދޮރެކެވެ. ހަމައެއާއެކު، ދިވެހި ވިޔަފާރިތަކުން ފޯރުކޮށްދޭ ޚިދުމަތްތަކާއި އުފެއްދުންތައް ބައިނަލްއަޤުވާމީ މައިދާނުގައި ދައްކާލުމުގެ ފުރުޞަތުވެސް މި އެކްސްޕޯއިން ލިބިގެންދާނެއެވެ.

ޚާއްޞަކޮށް، އިންފްރާސްޓްރަކްޗަރ، ފަތުރުވެރިކަން، އިއާދަކުރަނިވި ހަކަތަ، ޞިއްޙީ ދާއިރާ، ތައުލީމު، ލޮޖިސްޓިކްސް އަދި ދެމެހެއްޓެނިވި ތަރައްޤީގެ ދާއިރާތަކުން ގުޅުންތައް ބަދަހިކުރުމުގެ ފުރުޞަތު މި ހަރަކާތުގައި ފަހިވެގެންދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ. މިއީ ސަރަޙައްދީ މާކެޓުތަކަށް ދިވެހި ވިޔަފާރިތައް ފުޅާކުރުމަށާއި، ބޭރުގެ އިންވެސްޓްމަންޓު ރާއްޖެއަށް ދަމައިގަތުމަށާއި، އޭޝިއާ ސަރަޙައްދުގެ ޤައުމުތަކާއެކު އިސްތިރާޖީ ގުޅުންތައް ޤާއިމުކުރުމަށް ލިބޭ މުހިންމު ޕްލެޓްފޯމެއް ކަމަށްވެސް މިނިސްޓްރީން ފާހަގަކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.