މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މިދިޔަ މޭ މަސް ނިމުނުއިރު ދައުލަތުގެ ރަސްމީ ރިޒާވް ވަނީ އޭގެ ކުރީ މަހާ އަޅާބަލާއިރު ދަށަށް ގޮސްފައެވެ. ނަމަވެސް، ބޭނުންކުރެވޭ ރިޒާވް (ޔޫޒަބަލް ރިޒާވް) ވަނީ އިތުރުވެފައެވެ.
މަރުކަޒީ ބޭންކުން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، މޭ މަހުގެ ނިޔަލަށް ރަސްމީ ރިޒާވްގައި ހުރީ 704.7 މިލިއަން ޑޮލަރެވެ. މިއީ އޭގެ ކުރިން އައި އެޕްރީލް މަހު ރިޒާވްގައި ހުރި 717.9 މިލިއަން ޑޮލަރާ އަޅާބަލާއިރު 13.2 މިލިއަން ޑޮލަރުގެ ދަށްވުމެކެވެ. މީގެ ކުރިން މި އަހަރުގެ މާޗު މަސް ނިމުނުއިރު ދައުލަތުގެ ރަސްމީ ރިޒާވްގެ ގޮތުގައި 1.3 ބިލިއަން ޑޮލަރު ހުރިކަން ފާހަގަކޮށްލެވެއެވެ.
ރަސްމީ ރިޒާވްގެ ޖުމްލަ އަދަދު ދަށަށް ދިޔަ ކަމުގައި ވިޔަސް، ކުރު މުއްދަތުގެ ދަރަނިތައް އުނިކުރުމުން ބާކީ ހުންނަ އަދަދު ނުވަތަ ބޭނުންކުރެވޭ ރިޒާވް ވަނީ މޭ މަހު ކުރިއެރުމެއް ހޯދާފައެވެ. އެގޮތުން، އެޕްރީލް މަސް ނިމުނުއިރު ޔޫޒަބަލް ރިޒާވްގެ ގޮތުގައި 244.27 މިލިއަން ޑޮލަރު ހުރިއިރު، މޭ މަސް ނިމުނުއިރު އެ އަދަދު ވަނީ 260.78 މިލިއަން ޑޮލަރަށް އުފުލިފައެވެ.
ކޮމެންޓު ފޮނުވާ