ފީފާ ވޯލްޑް ކަޕްގެ ގްރޫޕް އޭ ގައި ޗެކިއާ އާއި ސައުތު އެފްރިކާ ބައްދަލުކުރި މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެން ނިމިއްޖެއެވެ.
މި މެޗު ފެށިގެން ވަރަށް ކުރީކޮޅު ޗެކިއާއިން ވަނީ ލީޑު ނަގާފައެވެ. މެޗުގެ ހަވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މިކެލް ސަޑިލެކްއެވެ. ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި އަދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި، ގިނަ ހަމަލާތައް އުފެއްދީ ސައުތު އެފްރިކާއިންނެވެ. ނަމަވެސް ގޯލާ އަމާޒުކޮށް ނުރައްކާތެރި ހަމަލާތައް ގިނައިން ފޮނުވާލާފައިވަނީ ޗެކިއާއިންނެވެ.
ސައުތު އެފްރިކާއިން މެޗުގެ ނަތީޖާ ހަމަހަމަކުރީ މެޗު ނިމެން ކުޑަތަންވެފައި ވަނިކޮށް 83 ވަނަ މިނެޓުގައެވެ. ޗެކިއާގެ ކުޅުންތެރިއެއްގެ އަތުގައި ބޯޅަ ޖެހުމުން ލިބުނު ޕެނަލްޓީއަކުން މި ލަނޑު ކާމިޔާބުކޮށްދިނީ މޮކޮއޭނާއެވެ. މިއީ ފާއިތުވި 16 އަހަރުގެ ތެރޭގައި ވޯލްޑް ކަޕެއްގައި ސައުތު އެފްރިކާއިން ކާމިޔާބުކުރި ފުރަތަމަ ލަނޑުކަން ފާހަގަކޮށްލެވެއެވެ.
މި މުބާރާތުގައި މި ދެ ޓީމު ކުޅުނު ފުރަތަމަ މެޗުން ބަލިވެފައިވާއިރު، މި މެޗުން ލިބުނު ޕޮއިންޓާއެކު ދެވަނަ ބުރަށް ދިއުމުގެ އުއްމީދު ދެ ޓީމަށްވެސް އަދި އެބައޮތެވެ. އެހެންނަމަވެސް އެ ފުރުސަތު ލިބެން އޮތީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުން މޮޅުވެގެންނެވެ. މިހާތަނަށް މުބާރާތުގައި 25 މެޗު ކުޅެފައިވާއިރު، އޭގެ ތެރެއިން 10 މެޗު ވަނީ އެއްވަރުވެގެން ނިމިފައެވެ.
ކޮމެންޓު ފޮނުވާ