ދައުލަތުގެ ކުންފުނިތަކަށް ފަތުރުވެރިކަމުގެ ބޭނުމަށް ރަށާއި ފަޅު އަދި ބިން ކުއްޔަށް ދޫކުރުމާ ގުޅޭ އާ ގަވާއިދެއް ސަރުކާރުން ގެޒެޓްކޮށް، އަމަލުކުރަން ފަށައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން އެކުލަވާލި މި ގަވާއިދުގެ ދަށުން، ރިސޯޓު ތަރައްޤީކުރަން ދޫކުރާނީ ސަރުކާރުގެ ހިއްސާ މަދުވެގެން 45 އިންސައްތަ އޮންނަ، މާލީ އަދި ފަންނީ ގާބިލުކަން ހުރި ކުންފުނިތަކަށެވެ. އަދި އެތަނަކީ ކެބިނެޓުން ނިންމައި، ރައީސުލްޖުމްހޫރިއްޔާ ފަތުރުވެރިކަމަށް ކަނޑައަޅުއްވާފައިވާ ތަނަކަށް ވާންޖެހެއެވެ. ޝައުޤުވެރިވާ ކުންފުނިތަކުން ކުންފުނީގެ ޕްރޮފައިލްއާއި، މަޝްރޫޢުގެ ތަފްސީލުގެ އިތުރުން އެކުއިޒިޝަން ކޮސްޓް ދައްކާނެ ގޮތް ހުށަހަޅަންޖެހޭއިރު، ހުށަހަޅާ ލިޔެކިޔުންތަކުގައި އުނިކަމެއްވާނަމަ އެކަމެއް އިސްލާހުކުރަން 10 ދުވަހުގެ މުއްދަތެއް ލިބޭނެއެވެ.
މި އުސޫލުގެ ދަށުން ކުއްޔަށް ނަގާ ތަންތަނަށް ދައްކަންޖެހޭ ލީސް އެކުއިޒިޝަން ކޮސްޓް މީރާއަށް ދައްކަން ޖެހޭނެއެވެ. ނަމަވެސް ސަރުކާރުން އެ ކުންފުންޏަކަށް ދޭންޖެހޭ ފައިސާއެއް އޮތްނަމަ، ފިނޭންސް މިނިސްޓްރީގެ ލިޔުމަކާއެކު އެ ފައިސާއިން އެކުއިޒިޝަން ކޮސްޓް އުނިކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މީގެ އިތުރުން، އިޖުތިމާއީ ޒިންމާ (ސީއެސްއާރު) ގެ ގޮތުގައި ފަސް ލައްކަ ޑޮލަރު ޓޫރިޒަމް ޓްރަސްޓް ފަންޑަށް ޖަމާކުރަން ނުވަތަ އެ އަދަދުގެ އިޖުތިމާއީ މަޝްރޫއެއް ހިންގަން މި ގަވާއިދު ލާޒިމުކުރެއެވެ. މިގޮތަށް އެއްބަސްވުމާ އެއްގޮތަށް އަމަލުނުކޮށްފިނަމަ އެއްބަސްވުން ބާތިލުކުރުމުގެ ބާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.
މި ގަވާއިދުގެ ދަށުން ދޫކުރާ ތަންތަނުގެ ހައްގު އެހެން ފަރާތަކަށް ބަދަލުކުރުމާއި ސަބްލީސް ކުރުމަކީ މަނާކަމެކެވެ. އެހެންނަމަވެސް، ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން މެނޭޖްމަންޓް އެހެން ފަރާތަކާ ހަވާލުކޮށްގެން ހިންގިދާނެއެވެ. އަދި މީހުން ދިރިއުޅޭ ރަށްރަށުގެ އިހުތިސޯސްގައި ހިމެނޭ ތަންތަނުގައި ހިންގޭނީ ހަމައެކަނި އިންޓަގްރޭޓަޑް ޓޫރިޒަމްގެ ދަށުން ހަދާ ގެސްޓްހައުސްތަކާއި ހޮޓާތައް ކަމަށްވެސް އާ ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.
ކޮމެންޓު ފޮނުވާ