ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަން ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު އިންތިޚާބުވެވަޑައިގަތުމާ ގުޅިގެން، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު އެމަނިކުފާނަށް މަރުޙަބާ ވިދާޅުވެއްޖެއެވެ.
ސޯލިހު 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިހާރު އޮތް ސަރުކާރު ޖަވާބުދާރީ ކުރުވުމަށްޓަކައި އެމްޑީޕީން ގިނަގުނަ ސިޔާސީ މަސައްކަތްތަކެއް ކުރަންޖެހިފައިވާ ކަމަށެވެ. އަދި އެ މަސައްކަތްތައް ކުރުމުގައި ނަޝީދުގެ ދިގު ސިޔާސީ ތަޖުރިބާގެ އަލީގައި ކާމިޔާބީއާ ހަމައަށް ވާސިލުވެވޭނެކަމާމެދު އެއްވެސް ޝައްކެއް ނެތްކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި އިންތިޚާބުގައި ނަޝީދާ ވާދަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙުމަދު ނަސީމެވެ. މިއީ ކުރިން އެ މަޤާމުގައި ހުންނެވި ފައްޔާޒު އިސްމާޢީލް މަޤާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން ބޭއްވި އިންތިޚާބެކެވެ. މި އިންތިޚާބުގައި ފައްޔާޒު ތާއީދުކުރެއްވީ ނަޝީދަށެވެ. ނަމަވެސް ސޯލިހު ހުންނެވީ މީކާއީލަށް ތާއީދުކުރައްވައިގެންނެވެ.
އިންތިޚާބުން ނާކާމިޔާބުވެވަޑައިގަތް ނަމަވެސް، މީކާއީލް ކުރެއްވި ހިތްވަރުގަދަ މަސައްކަތްތަކަށާއި ކެމްޕެއިނަށް ސޯލިހު ވަނީ ވަރަށް ބޮޑަށް ތަޢުރީފުކުރައްވައިފައެވެ. އަދި މީކާއީލްގެ ސިޔާސީ މުސްތަޤުބަލު ފެންނަނީ ވަރަށް އުޖާލާކޮށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، މި ފޯރިގަދަ އިންތިޚާބުން ފެނިގެންދިޔައީ އެމްޑީޕީގެ އެތެރޭގެ ޑިމޮކްރަސީ އިތުރަށް ހަރުދަނާވެ ފުރިހަމަވަމުން އަންނަ މަންޒަރު ކަމަށާއި، ކުރިއަށް އޮތް ތަނުގައި ޕާޓީގެ އެންމެން އެކީގައި ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ސޯލިހު ވަނީ ފާހަގަކުރައްވައިފައެވެ.
ކޮމެންޓު ފޮނުވާ