އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސް ރޮޒައިނާ އާދަމް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓަކާ ގުޅިގެން، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ހޫނު ރައްދެއް ދެއްވައިފިއެވެ.
ރޮޒައިނާ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކުރިމަތިލެއްވި ދުވަހު އެމަނިކުފާނަށް ވޯޓު ދެއްވަން ނިންމެވީ ޕާޓީ އެއްކުރައްވަން ނުކުންނެވުމުން ކަމަށެވެ. އަދި ސިޔާސީ މީހުންނަކީ ޒާތީ ރުޅިވެރިކަމުގައި އުމުރަށް އުޅެންޖެހޭ ބައެއް ނޫން ކަމަށާއި، ހާލަތު ބަދަލުވުމުން ދައްކާ ވާހަކަވެސް ބަދަލުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެމްޑީޕީގެ ކުރިމަގަށްޓަކައި ރައީސް ޞާލިޙާއި ރައީސް ނަޝީދުވެސް ޕާޓީއަށް މުހިންމު ކަމަށް ރޮޒައިނާ ފާހަގަކުރެއްވިއެވެ.
މި ޕޯސްޓަށް ކޮމެންޓު ކުރައްވަމުން ފަޒްނާ ވިދާޅުވީ، ރައީސް ނަޝީދު ޗެއާޕާސަން ކަމަށް ނުކުމެވަޑައިގަތީ ޕާޓީ އެއްކުރަން ކަމަށް ރޮޒައިނާ ވިދާޅުވި ނަމަވެސް، އެމަނިކުފާނު ނުކުންނެވީ "ބޮޑު ބަދަލު"ގެ ނަމުގައި ފައްޔާޒަށް ބޮޑުވަޒީރުކަން އަދި ރައީސް ނަޝީދަށް ދައުލަތުގެ ވެރިޔާކަން ހޯދައިދިނުމުގެ މަޤްޞަދުގައި ކަމަށެވެ. ފަޒްނާ ފާހަގަކުރެއްވި ގޮތުގައި، ބަޔަކު އެކުވެރިކުރުމުގެ މައިގަނޑު އަސާސަކީ ހަމަހަމަ އުސޫލެއް ގެންގުޅުން ކަމަށްވާއިރު، ވަކި އަތަކަށް ޖެހިފައިވާ މީހަކު ޗެއާޕާސަން ކަމަށް އައިސްގެން ޕާޓީގެ އެކުވެރިކަމެއް ނުދެމެހެއްޓޭނެއެވެ.
މީގެ އިތުރުން، އެއްވެސް ބޭފުޅަކު ސިޔާސީ މަޤާމަކަށް ވަޑައިގަތުމަކީ މައްސަލައެއް ނޫންކަން ފާހަގަކުރައްވައި ފަޒްނާ ވިދާޅުވީ، އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބުގައި މީކާއީލް ނަސީމަށް ތާއީދުކުރަން އެކަމަނާ ފުރަތަމަ ނިންމެވީ ޒުވާން ޖީލަކާ ޕާޓީ ހިންގުން ހަވާލުކުރަން ޖެހިފައިވާ ކަމަށް ގަބޫލުކުރެއްވޭތީއާއި، މީކާއީލްއަކީ އުސޫލުތަކުގެ މައްޗަށް ބިނާވެފައިވާ ލީޑަރޝިޕަކަށް ވަކާލާތުކުރައްވާ ބޭފުޅަކަށް ވާތީ ކަމަށެވެ. އަދި މިއީ ރޮޒައިނާގެ ނިންމެވުން ބަދަލުކުރަން ދެއްކެވި ވާހަކައެއް ނޫން ކަމަށާއި، ހަމައެކަނި ޙަޤީޤަތް ހާމަކޮށްލުމުގެ ގޮތުން ވިދާޅުވި އެއްޗެއް ކަމަށް ފަޒްނާ ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ