އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ މީކާއިލް އަހުމަދު ނަސީމްގެ ކެމްޕޭން ދަތުރުތައް، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ފަށަން ނިންމައިފިއެވެ.
މީކާއިލްގެ "އިތުބާރު" ކެމްޕޭނުގެ ފަރާތުން ރާއްޖޭގެ ފަސް ސިޓީއަކަށް ކުރާ މި ޚާއްސަ ދަތުރު ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހު ފުވައްމުލައް ސިޓީއިންނެވެ. މި މަހުގެ 5 އިން 10 އަށް ކުރިއަށްދާ މި ދަތުރުގައި ފުވައްމުލަކުގެ އިތުރުން ތިނަދޫ ސިޓީ، އައްޑޫ ސިޓީ އަދި ކުޅުދުއްފުށި ސިޓީއަށް ޒިޔާރަތްކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ދަތުރުތައް ނިންމާލުމަށް ހަމަޖެހިފައިވަނީ ޖޫން 10 ވަނަ ދުވަހު މާލޭ ސިޓީގައި ބާއްވާ ކެމްޕޭނުގެ ބޮޑު ޖަލްސާއަކުންނެވެ.
މި ދަތުރުގެ މައިގަނޑު މަގުސަދަކީ ކުރިއަށް އޮތް އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ޕާޓީގެ އާންމު މެންބަރުންނާ ބައްދަލުކޮށް ތާއީދު ހޯދުމާއި، ޕާޓީގެ ކުރިމަގަށް ކެންޕޭނުން ގެންގުޅޭ ތަސައްވުރު ރައްޔިތުންނާ ހިއްސާކުރުން ކަމަށް މީކާއީލްގެ ކެމްޕޭން ޓީމުން މައުލޫމާތުދެއެވެ.
މި ދަތުރުގެ ހަރަކާތްތަކާއި ކޮންމެ ސިޓީއެއްގައި ބާއްވާ ޖަލްސާތައް މީކާއިލްގެ ފޭސްބުކް ޕޭޖުންނާއި ރާއްޖެޓީވީން ވަގުތުން ދެއްކުމަށް ވަނީ ހަމަޖެހިފައެވެ. އަދި ކެމްޕޭނުގެ އެންމެ ފަހުގެ މައުލޫމާތުތައް "އިތުބާރު" ވަޓްސްއެޕް ޗެނަލް މެދުވެރިކޮށްވެސް އާންމުންނަށް ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.
ކޮމެންޓު ފޮނުވާ