މިއަހަރު ރާއްޖެއިން ހައްޖުގެ މަތިވެރި އަޅުކަމަށް ދިޔަ ހުރިހާ ހައްޖުވެރިންވެސް މުޒްދަލިފާގައި ރޭކުރުމަށްފަހު، މިނާއަށް ގޮސް ޖަމްރާއަށް ހިލައުކަން ފަށައިފިއެވެ.
ހައްޖުގެ އެންމެ މުހިންމު ރުކުން ކަމަށްވާ އަރަފާތު ބިމުގައި މަޑުކުރުމަށްފަހު، ދިވެހި ހައްޖުވެރިން މުޒްދަލިފާއަށް ދިޔައީ ރޭގެ ވަގުތެއްގައެވެ. އަރަފާތު ބިމާއި މުޒްދަލިފާއާ ދެމެދު ހުންނަނީ އެންމެ ހަތް ކިލޯމީޓަރުގެ ދުރުމިނެއް ނަމަވެސް، ޓްރެފިކް ބާރުބޮޑުވުމުގެ ސަބަބުން އެ ދަތުރަށް ދެތިން ގަޑިއިރު ނެގިއެވެ. އެހެންނަމަވެސް، ރާއްޖެއިން ދިޔަ ހުރިހާ ހައްޖުވެރިންނަށްވެސް އަރަފާތު ބިމަށް ދެވުނު ކަމަށާއި، އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް މައުލޫމާތު ލިބެއެވެ.
އަޟްހާ އީދު ދުވަހު އެންމެ ފުރަތަމަ ކުރިއަށްދާނީ ބޮޑު ޖަމްރާއަށް ހިލަ އުކުމެވެ. އެއަށްފަހު ހަދްޔު ކަތިލުމާއި، މިނާގައި ރޭކުރުމަށްފަހު އަނެއް ތިން ޖަމްރާއަށް ހިލައުކުމާއި، ތަވާފުލްއިފާޟާކުރުމުގެ އިތުރުން ސަފާއާއި މަރްވާއާ ދެމެދު ސައުޔު ކުރުން ކުރިއަށްދާނެއެވެ. އަދި އެންމެ ފަހު ކަމެއްގެ ގޮތުން ވަދާއުގެ ތަވާފުކޮށް ހައްޖުގެ އަޅުކަން ފުރިހަމަކޮށް ނިންމާލާނެއެވެ.
މިއަހަރު މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ރާއްޖެއިން ޖުމްލަ 1،019 މީހުން ވަނީ ހައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާއަށް ގޮސްފައެވެ.
ކޮމެންޓު ފޮނުވާ