މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާއަށް ދިޔަ ދިވެހި ހުރިހާ ޙައްޖުވެރިން މިހާރު ތިބީ ރައްކާތެރިކަމާއެކު މިނާއަށް ގޮސްފައެވެ.
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން މަޢުލޫމާތު ދެއްވާގޮތުގައި، ދިވެހި ޙާޖީން މިނާއަށް ދިއުމުގެ ދަތުރު ފެށީ ރޭ މައްކާ ގަޑިން 9:30 ހާއިރުއެވެ. އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވި ގޮތުގައި މިރޭގެ ވަގުތެއްގައި ހުރިހާ ޙައްޖުވެރިން ޢަރަފާތު ބިމަށް މިސްރާބު ޖަހާނެއެވެ. އަދި މިއަހަރަކީ ރާއްޖޭގެ ތާރީޚުގައިވެސް ޙައްޖުވެރިންނަށް އެންމެ ފެންވަރު ރަނގަޅު ޚިދުމަތްތައް ފޯރުކޮށްދެވޭ އަހަރުކަން ފާހަގަކުރައްވައި، ސަރުކާރުން ޙާޖީންގެ ކަންކަން ވަރަށް ގާތުން ބަލަމުންދާކަމުގެ ޔަގީންކަން މިނިސްޓަރު ވަނީ ދެއްވާފައެވެ.
ޙައްޖުވެރިން އެންމެ ގިނަ ވަގުތު ހޭދަކުރާ މިނާގެ ޓެންޓުތަކުގެ އިންތިޒާމުތައް މިއަހަރު ވަނީ ވަރަށް ބޮޑަށް ހަރުދަނާކޮށްފައެވެ. ޙައްޖު ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢަލީ ޝަރީފް ވިދާޅުވީ، ދިވެހިންނަށް ޚާއްޞަކޮށްގެން 60 އަށްވުރެ ގިނަ ފާޚާނާ ތަރައްޤީކޮށް، ވުޟޫކުރާނެ ވަކި ތަންތަން ހެދުމުގެ ސަބަބުން ކިއޫގައި ތިބެންޖެހޭ ވަގުތު ކުޑަވާނެ ކަމަށެވެ. މީގެ އިތުރުން، ކުރިން ބޭނުންކުރި ސޯފާ ބެޑުގެ ބަދަލުގައި ފްލެޓް ބެޑް ހަމަޖައްސައި، އެންމެ ފަހުގެ އޭސީ ސިސްޓަމްތައް ޓެންޓުތަކުގައި ވަނީ ހަރުކޮށްފައެވެ.
މީގެ އިތުރުން، ޓެންޓުން ބޭރުގައި ހިޔާލިބޭނެހެން ބެންޗުތައް ބަހައްޓާފައިވާއިރު، 24 ގަޑިއިރު ހިލޭ ބުއިންތައް ލިބޭނެހެން ކައިރީގައި ބަދިގެއެއްވެސް ވަނީ ގާއިމުކޮށްފައެވެ. މިދިޔަ އަހަރުގެ ތަޖުރިބާއަށް ބިނާކޮށް ގެނައި މި ހެޔޮ ބަދަލުތަކާއެކު މިއަހަރުގެ ޙައްޖުގެ އިންތިޒާމުތައް މީގެ ކުރިން ނުވާހާ ފުރިހަމަވާނެކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.
ކޮމެންޓު ފޮނުވާ