ދައުލަތުގެ ބޮޑެތި ދަރަނިތަކެއް އަދާކުރުމާއެކު ބޭނުންކުރެވޭ ރިޒާވް 244 މިލިޔަން ޑޮލަރަށް

ދައުލަތުގެ ބޮޑެތި ދަރަނިތަކެއް އަދާކުރުމާއެކު ބޭނުންކުރެވޭ ރިޒާވް 244 މިލިޔަން ޑޮލަރަށް

Author
އަހުމަދު
21 މެއި 2026 01:57
0

ދައުލަތުން ދައްކަންޖެހޭ ބޮޑެތި ދަރަނިތަކެއް ދެއްކުމަށްފަހު، ރާއްޖޭގެ ބޭނުންކުރެވޭ ރިޒާވުގައި މިހާރު ހުރީ 244 މިލިޔަން ޑޮލަރުކަމަށް މަރުކަޒީ ބޭންކު (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެމްއެމްއޭއިން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، މިދިޔަ އެޕްރީލް މަހުގެ ނިޔަލަށް ރަސްމީ ރިޒާވް ވަނީ 717.9 މިލިޔަން ޑޮލަރަށް ދަށްވެފައެވެ. މިއީ މާރިޗު މަހު ރިޒާވްގައި ހުރި 1.33 ބިލިޔަން ޑޮލަރާ އަޅާބަލާއިރު 46 އިންސައްތައިގެ ދަށްވުމެކެވެ. ރިޒާވް މިހާ ބޮޑަށް ދަށްވެފައިވަނީ އެޕްރީލް މަހުގެ ތެރޭގައި ސަރުކާރުން 924 މިލިޔަން ޑޮލަރުގެ ދަރަނި އަދާކުރުމާ ގުޅިގެންނެވެ.

މިގޮތުން ދެއްކި ދަރަނީގެ ތެރޭގައި، 2021 ވަނަ އަހަރު ނަގާފައިވާ 500 މިލިޔަން ޑޮލަރުގެ ސުކޫކާއި، މިއަހަރު އިންޑިއާއާއެކު ހަދާފައިވާ 400 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީ ހިމެނެއެވެ. ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި މި ފައިސާ ދައްކާފައިވަނީ ސޮވެރިން ޑިވެލޮޕްމެންޓް ފަންޑާއި ރިޒާވް ބޭނުންކޮށްގެންނެވެ. މީގެ ނަތީޖާއެއްގެ ގޮތުން، މާރިޗު މަހު 409 މިލިޔަން ޑޮލަރުގައި ހުރި ބޭނުންކުރެވޭ ރިޒާވް ވަނީ 40 އިންސައްތަ ދަށްވެ، 244.2 މިލިޔަން ޑޮލަރަށް ވެއްޓިފައެވެ.

ބޮޑެތި ދަރަނިތަކެއް ދައްކައި ރިޒާވް ދަށްވި ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ މިކަން ކޮށްފައިވަނީ އާންމު ރައްޔިތުންނަށް އެއްވެސް ދަތިކަމެއް ކުރިމަތިނުވާނެ ފަދަ ގޮތަކަށް ކަމަށެވެ. އަދި އައު ދަރަންޏެއް ނުނަގައި، ރަހުނުކޮށްފައި ހުރި ތަންތަން ސަލާމަތްކުރަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ބޭރު ގައުމުތަކާއެކު އޮންނަ ގުޅުމުގެ ތެރެއިން ދަރަނި ދެއްކުމުގައި ލުއިގޮތްތައް ހޯދުމުގެ މަސައްކަތް ސަރުކާރުން އަންނަނީ މެދުކެނޑުމެއްނެތި ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.