ރާއްޖޭގެ ޑިމޮކްރަސީއާއި އިޤްތިޞާދު ނާޒުކު ފައްތަރަކަށް ވެއްޓިފައިވާކަން ފާހަގަކުރައްވައި، ކުރީގެ ތިން ރައީސުން ގުޅިވަޑައިގެން ރާއްޖޭގައި ހުރި ބޭރުގެ ޑިޕްލޮމެޓިކް މިޝަންތަކަށް މުހިންމު ސިޓީފުޅެއް ފޮނުއްވައިފިއެވެ.
މި ސިޓީފުޅުގައި ސޮއިކުރައްވާފައިވަނީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުރުން ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙެވެ. އެބޭފުޅުންގެ ސިޓީފުޅުގައި މައިގަނޑު ގޮތެއްގައި ކަންބޮޑުވުން ފާޅުކުރައްވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާއަށް ތުހުމަތުތަކެއް ކުރެވޭ ޑޮކިއުމެންޓްރީއަކާ ގުޅޭގޮތުން ވާހަކަދެއްކުން މުޅިން މަނާކޮށް، މި މެއި މަހުގެ 10 ވަނަ ދުވަހު ކޯޓުން ނެރުނު ހަރުކަށި އަމުރާ ގުޅިގެންނެވެ. މިއީ ރާއްޖޭގެ ޑިމޮކްރެޓިކް ތާރީޚުގައިވެސް މިފަދަ އަމުރެއް ނެރުނު ފުރަތަމަ ފަހަރުކަން އެބޭފުޅުން ފާހަގަކުރެއްވިއެވެ.
އެ އަމުރާ ގުޅިގެން މެއި 12 ވަނަ ދުވަހު ނޫސްވެރިޔާ މުޙައްމަދު ޝަހުޒާން އާއި ލީވާން ޢަލީ ނާޞިރު ހައްޔަރުކޮށް ޖަލަށްލާފައިވާއިރު، އެ ނޫސްވެރިންނަށް ވަކީލަކު ހަމަޖެއްސުމަށް ދީފައިވަނީ އެންމެ ދެ ގަޑިއިރުގެ ވަގުތުކަމާއި، ޝަރީޢަތްތައް ކުރިއަށް ގެންގޮސްފައިވަނީ ސިއްރުކޮށްގެންކަން ސިޓީގައި ބަޔާންކޮށްފައިވެއެވެ. މިއީ 2008 ވަނަ އަހަރު ޢަމަލުކުރަން ފެށި އައު ޤާނޫނުއަސާސީއަށްފަހު ނޫސްވެރިންތަކެއް ޖަލަށްލީ ފުރަތަމަ ފަހަރެވެ. އަދި މިކަމާ ދެކޮޅަށް މާލޭގެ މަގުތަކަށް ނުކުމެ އަޑުއުފުލައި މުޒާހަރާކުރި ގިނަ ބަޔަކުވެސް ވަނީ ހައްޔަރުކޮށްފައެވެ.
މީގެ އިތުރުން، މިހާރުގެ ސަރުކާރުން ރައްޔިތުންގެ މަޖިލީހާއި މިނިވަން މުއައްސަސާތަކުގެ ބާރު ކަނޑުވާލައި ނުފޫޒު ފޯރުވަމުންދާކަމަށް ކުރީގެ ރައީސުން ތުހުމަތުކުރައްވާފައިވެއެވެ. އަދި އަލަށް ފާސްކުރި މީޑިއާ ޤާނޫނުގެ ދަށުން، ނޫސްތައް ބަންދުކުރުމުގެ ބާރު ސަރުކާރުގެ ކޮންޓްރޯލް އޮންނަ ކޮމިޝަނަކަށް ދީފައިވާކަންވެސް ވަނީ ފާހަގަކުރައްވާފައެވެ. ސިޔާސީ އަދި އިޖުތިމާޢީ މަސްރަޙުގެ އިތުރުން، ރާއްޖޭގެ އިޤްތިޞާދީ ޙާލަތު އޮތީ ނުރައްކާތެރި ފައްތަރެއްގައި ކަމަށާއި، ދައުލަތުގެ ރިޒާވް ހުސްވެ، ބޭރުގެ ދަރަނިތައް ނުދެއްކޭ މިންވަރަށް ޙާލަތު ގޯސްވެފައިވާކަން ސިޓީފުޅުގައި ބަޔާންކުރައްވާފައިވެއެވެ.
މި ސިޓީފުޅު ނިންމަވާލައްވަމުން ތިން ރައީސުން ވަނީ، ރާއްޖޭގެ ޑިމޮކްރަސީގެ މުސްތަޤުބަލަށްޓަކައި ބައިނަލްއަޤްވާމީ މުޖުތަމަޢުން ސަރުކާރަށް ފިއްތުންތައް ކުރިމަތިކުރުވައި، ނުހައްޤުން ބަންދުކޮށްފައިވާ ހުރިހާ ނޫސްވެރިންނާއި މުޒާހަރާގެ ބައިވެރިން ވަގުތުން މިނިވަންކުރުމަށާއި، އެފަރާތްތަކުގެ މައްޗަށް އުފުލާފައިވާ ދަޢުވާތައް ހުއްޓާލުމަށް ބާރުއަޅުއްވައިދެއްވުމަށް އިލްތިމާސްކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ